ޚަބަރު

"ޔޫރަޕަށް ޓެރަރިސްޓް ޙަމަލާތަކެއް ދީފާނެކަމުގެ ބިރު އެބައޮތް"


ވިލާތުގެ ބައްރުގައި ޓެރަރިޒަމްގެ ޙަމަލާތަކެއް ހިންގަފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެ އެމެރިކާއިން އިންޒާރު ދީފިއެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ވިލާތަށް ހޫނު މޫސުން ފެށެން ގާތްވެފައިވާއިރު ޕެރިހާއި ބްރަސަލްސްއަށް ދާދިފަހުން ދިން ފަދަ ޓެރަރިސްޓް ޙަމަލާތަކެއް ވިލާތަށް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

ޕެރިހަށާއި ބަރްސަލްސްއަށް ދާދިފަހުން ދިން ފަދަ ޓެރަރިސްޓް ޙަމަލާތަކެއްގެ ބިރު ވިލާތަށް އޮތް ކަމުގެ އިންޒާރު ދޭންޖެހުނީ އެކަމާބެހޭ ޖާސޫސީ މައުލޫމާތުތަކެއް ލިބިގެންކަން ނުވަތަ ނޫންކަން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ. ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވީ ވިލާތުގެ ވަކި ގައުމަކަށް ޓެރަރިސްޓް ޙަމަލާތަކެއް ދޭނެކަމުގެ ޖާސޫސީ މައުލޫމާތުތަކެއް ލިބިފައިނުވާ ކަމަށާ ނަމަވެސް މިފެށޭ ހޫނު މޫސުމުގައި ވިލާތުގެ ކޮންމެތަނަކަށްވެސް ޓެރަރިސްޓް ޙަމަލާތަކެއް އަމާޒުވުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އަދި ވިލާތުގެ ގައުމުތަކުގައިވާ ވިޔަފާރީގެ ބޮޑެތި މަރުކަޒުތަކާއި ރޭލްވޭތަކާއި އެއަރޕޯޓްތަކާއި ޓޫރިޒަމާގުޅޭ ތަންތަނާއި ކެފޭ ރެސްޓޯރެންޓްތަކާއި ނައިޓް ކްލަބް ފަދަ ތަންތަނަކީ ޓެރަރިސްޓް ހަމަލާތައް އަމާޒުވުމުގެ ފުރުސަތު ބޮޑުތަންތަން ކަމަށްވެސް ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14647624074863.jpg|ޔޫރަޕްގެ ޤައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި

މި ހޫނު މޫސުމުގައި ވިލާތުގެ ބައްރުގައި ޓެރަރިޒަމްގެ ޙަމަލާތަކެއް ހިންގަފާނެ ކަމުގެ ބިރު އެބައޮތް ކަމަށްބުނެ އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ ވިލާތުގެ ގައުމުތަކަށް ދަތުރުކުރުމުގައި މިކަމަށް ބަލައިގެން އުޅުމަށް އިންޒާރުދޭ ޓްރެވަލް އެޑްވައިޒަރީ އެއް ވެސް ނެރެފައެވެ. މިޓްރެވަލް އެޑްވައިޒަރީގެ މުއްދަތު ހަމަވަނީ އަންނަ އޮގަސްޓްމަހުގެ އެއްތިރީހުގައެވެ. 

ޕެރިހަށާއި ބަރްސަލްސްއަށް ދާދިފަހުން ދިން ފަދަ ޓެރަރިސްޓް ޙަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ އެތަށް ސަތޭކަ ބަޔަކު ޒަޚަމްވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ވިލާތުގެ ގައުމުތަކުގެ އަމަނާއި ސަލާމަތީ ކަންތައްތަކާމެދު ވަނީ ބޮޑެތި ސުވާލު އުފެދިފައެވެ. ބްރަސަލްސްގެ ޙަމަލާތަކަކީވެސް އެހަމަލާތައް ދީފާނެކަމުގެ ބިރު މާކުރިއްސުރެ ފެށިގެން އޮތް ޙަމަލާތަކެއް ކަމަށްވިޔަސް އެޙަމަލާތަކުން ސަލާމަތް ވުމުގައި ބެލްޖިޔަމްގެ ޖާސޫސީ އިދާރާތަކާއި ސަލާމަތީ ބާރުތައްވަނީ މުޅިން ނާކާމިޔާބުވެފައެވެ. މިއާއެކު ވިލާތުގެ ރައްޔިތުންނާއި ވިލާތުގެ ގައުމުތަކަށް ޒިޔާރަތް ކުރާ ވިޔަފާރިވެރިންނާއި ފަތުރުވެރިންފަދަ ބޭރު ގައުމުތަކުގެ މީހުންގެ ހިތްތަކުގައިވެސް ވިލާތުގެ ގައުމުތަކުގެ ސަލާމާތީ ކަންކަމާމެދު ކުރިންއޮތް ޔަގީންކަމާއި އިތުބާރު މިހާރު ނެތްކަމަށް ރިޕޯޓްތައް ބުނެއެވެ. 

img:http://s1.psmnews.mv/images/660x400/14647624226049.jpg|ޔޫރަޕްގެ ޤައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި

ހޫނު މޫސުމުގައި ވިލާތުގެ ގައުމުތަކަށް ޓެރަރިސްޓް ހަމަލާތަކެއްގެ ބިރު ބޮޑުވެފައިވަނީ ހޫނުމޫސުމަކީ ޓޫރިސްޓުންގެ ގޮތުގައި ވިލާތަށް ގިނަ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވެފައި ވިލާތުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫއެފާ ފުޓްބޯޅަ ލީގުވެސް ފަރަންސޭސިވިލާތުގައި ފެށެން މިހާރު ގާތްވެފައިވާތީ ކަމަށް ވަނީ ބެލެވިފައެވެ. 

މިދިޔަ އަހަރުގެ ފަހުކޮޅު ޕެރިހަށް ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު ފަރަންސޭސިވިލާތުގައި އިޢުލާންކޮށްފައި އޮތް އަމަނާބެހޭ ކުއްލި ހާލަތު މިދިޔަ ހަފްތާގައި އަނެއްކާވެސްވަނީ އިތުރުކޮށްފައެވެ. މީގެއިތުރުން ޔޫރޯ ބޭއްވުމަށް ހަމަޖެހިފައިވާ މުއްދަތު ކަމަށްވާ ޖޫން ދިހައަކުން ޖުލައި ދިހައަކަށް މުޅި ފަރަންސޭސިވިލާތުގައި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާނެގޮތަށްވެސް އެގައުމުންވަނީ ނިންމާފައެވެ.