އިންޑިއާގެ ޗެންނާއީގައި މިހާރު ކުރިއަށްދާ ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރަމުން އަންނަ ދިވެހި އެތުލީޓުން ގިނަ ރިކޯޑުތަކެއް ހަދައިފިއެވެ.
މާދަމާގެ ނިޔަލަށް ޗެންނާއީގެ ޖަވާހަރުލާލް ނެހްރޫ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ 16 އެތުލީޓުން ވާދަކުރެއެވެ. އެއީ އަށް އަންހެން އެތުލީޓުންނާއި އަށް ފިރިހެން އެތުލީޓުންނެވެ.
މި މުބާރާތުގެ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ޖޫނިއާ ރިކޯޑު ގާއިމުކޮށްފައިވަނީ މުޙައްމަދު މިންހާލް ޝާމިންއެވެ. އޭނާ ރިކޯޑު ގާއިމުކުރީ ފައިނަލް ހީޓުގައި ވާދަކޮށް 10.66 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ޓައިމިން އާއެކު މިންހާލް ދިޔައީ ފައިނަލް ހީޓުގެ ހަތަރުވަނައަށެވެ. މީގެ އިތުރުން މި އިވެންޓުގައި ރާއްޖޭގެ އިބްރާހީމް ނާހިލް ނިޒާރުވެސް ވަނީ ވާދަކޮށްފައެވެ. ފައިނަލް ހީޓުގެ ފަސްވަނަ ނިހާލް ހޯދިއިރު، އޭނާ ރޭސް ނިންމާފައިވަނީ 10.94 ސިކުންތުންނެވެ.
މީގެ އިތުރުން ރާއްޖޭގެ އަހުނާ ނިޒާރު ވަނީ އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ޔޫތު ރިކޯޑު ގާއިމުކޮށްފައެވެ. ފައިނަލް ހީޓުގެ ދުވެ އަހުނާ ހަވަނަ ހޯދިއިރު، އޭނާ ޔޫތު ރިކޯޑު ގާއިމުކުރީ 12.25 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ފަސްވަނަ ރާއްޖޭގެ މަރިޔަމް ރޫޔާ އަލީ ހޯދިއިރު، އޭނާ ރޭސް ނިންމާފައިވަނީ 12.21 ސިކުންތުންނެވެ. އަންހެނުންގެ 100 މީޓަރު ދުވުމުގެ ޖޫނިއާ ރިކޯޑާއި ގައުމީ ރިކޯޑު އޮންނަނީ ރޫޔާގެ އަތުގައެވެ.
މީގެ އިތުރުން މި މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ޒީކް އަޝްރަފް ރަޝީދު ވަނީ އަންހެނުންގެ 800 މީޓަރު ދުވުމުގެ ގައުމީ ޖޫނިއާ ރިކޯޑު އައުކޮށްފައެވެ. އެއީ ދެ މިނެޓު 28.36 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ ކުރިންވެސް މި ރިކޯޑު އޮތީ ޒީކުގެ އަތުގައެވެ. އެއީ ދެ މިނެޓު 29.52 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ގިނަ ރިކޯޑުތަކެއް ގާއިމުކުރިއިރު، މީގެ ކުރިން ބޭއްވި ދެކުނު އޭޝިއާގެ ޖޫނިއާ އެތުލެޓިކްސް ތިން މުބާރާތުގައި ވާދަކޮށް ރާއްޖެއިން ވަނީ ފަސް މެޑެލް ހާސިލުކޮށްފައެވެ. އެއީ ސްރީ ލަންކާ ކޮލަމްބޯގައި 2007 އަދި 2018 ވަނަ އަހަރު ބޭއްވި މުބާރާތްތަކާއި، 2013 ވަނަ އަހަރު އިންޑިއާގެ ރާންޗީގައި ބޭއްވި މުބާރާތުންނެވެ.