ޚަބަރު

ޔަހޫދީން ޣައްޒާގެ އިޤުތިޞާދު ފުނޑުފުނޑު ކޮށްލައިފި: އދ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން 12 ވަނަ މަހަކަށް ދެމިގެން ގޮސްފައިވާއިރު, ޣައްޒާގެ އިޤުތިޞާދު ހީނަރުކޮށް, ފުނޑުފުނޑު ކޮށްލާފައިވާ ކަން އދން ހާމަ ކޮށްފިއެވެ. އދގެ ވިޔަފާރިއާއި ތަރައްޤީއާ ބެހޭ ކޮންފަރެންސް (ޔޫއެންސީޓީއޭޑީ)ން ނެރުނު ރިޕޯޓެއްގައި ބުނީ, ޢުދުވާން ފެށުމުގެ ކުރިއާ އަޅައިބަލާއިރު ޣައްޒާގެ އިޤުތިޞާދު ހަ ގުނަ ހީނަރުވެފައިވާ ކަމުގައެވެ. އަދި, ވަޒީފާ ނެތް މީހުންގެ ޢަދަދު ތިން ގުނައަށް އިތުރުވެފައިވާ ކަމުގައެވެ.

ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ ޢާންމުން ދިއިރުޅޭ ގެދޮރާއި, ރެފިއުޖީ ކޭމްޕުތަކާއި, ހަސްފަތާލުތަކާއި އެހެނިހެން ޢުމްރާނީ ވަަސީލަތްތަކަށް ޙަމަލާ ދެމުންނެވެ. ޣައްޒާގެ ޢުމްރާނީ ވަސީލަތްތަކުގެ ބޮޑު އިންސައްތައެއް ވަނީ ސުުންނާފަތިކޮށް ބިމާ ހަމަ ކޮށްލާފައެވެ. އާމްދަނީ ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި, އަމިއްލަ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރުން ނޫން އިތުރު ގޮތެއް ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީއަށް މި ވަގުތު ނެތެވެ.

އދގެ ވިޔަފާރިއާ ބެހޭ އިދާރާއިން ބުނީ, ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ސަރުކާރު, ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)އަށް އޮތް މާލީ އަދި އިޤުތިޞާދީ ޕްރެޝަރު ވެސް އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަމުގައެވެ. "އެއްވެސް ހުރަހެއް ނެތި ޣައްޒާގެ އިޤުތިޞާދު އެ ދަނީ ވެއްޓެމުން،" ޣައްޒާ ޢުދުވާނާ ގުޅިިގެން ހުޅަނގު އައްސޭރީގެ އިޤުތިޞާދު ވެސް ހީނަރުވަމުންދާ ކަން ހާމަ ކުރައްވައި ޔޫއެންސީޓީއޭޑީގެ ވެރިޔާ ޕެދްރޯ މަނުއެލް މޮރޭނޯ ވިދާޅުވިއެވެ.

ފަލަސްޠީނުގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޔޫއެންސީޓީއޭޑީގެ ރިޕޯޓުގައި ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލާފައިވާނެ ކަމުގައި މޮރޭނޯ ވިދާޅުވިއެވެ. އަދި, ފަލަސްޠީނުގައި ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަ ގާއިމު ކުރެވޭނެ މަގު ކޮށައިދީ, ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ މުސީބާތުން ސަލާމަތްވެވޭނެ މަގު ހޯދައިދިނުމަށް ވެސް ޔޫއެންސީޓީއޭޑީން ވަނީ ގޮވައިލާފައެެވެ.

ބޭރު ޤައުމުތަކުންނާ އެހީދޭ ޖަމާޢަތްތަކުން ފަލަސްޠީނަށް ފޯރުކޮށްދޭ އެހީއާއި އާމްދަނީ ޔަހޫދީން ހިފަހައްޓަމުންދާ ކަމުގައި ވެސް ޔޫއެންސީޓީއޭޑީން ހާމަ ކުރިއެވެ. މި ގޮތުން, 2019ވަނަ އަހަރުން ފެށިގެން ޔަހޫދީން ހިފަހައްޓާފައިވާ މާލީ އެހީގެ އަގު 1.4 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާ ކަމުގައި އެ އިދާރާއިން އަންދާޒާ ކުރެއެވެ. މިއާ އެކު, ފަލަސްޠީނުގެ މުސްލިމުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.

ފަލަސްޠީނަށް ބޭރު ޤައުމުތަކުން ފޯރުކޮށްދޭ އެހީ ހިފަހައްޓަން އަމުރު ކޮށްފައި ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި މާލީ ވަޒީރު ބިޓްޒަލްއެލް ސްމުތުރީޗެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން 2023 އޮކްޓޫބަރު 7ގައި އިސްރާއީލުގެ ރަށްތަކަށް ދިން ޙަމަލާއަށް ޕީއޭގެ ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއެވެ. ނަމަވެސް, ޕީއޭން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ. ޙަމާސްގެ މުޖާހިދުން އިސްރާއީލުގެ ރަށްތަކަށް ޙަމަލާ ދީފައި ވަނީ އެ މީހުންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެންނެވެ.

ޔޫއެންސީޓީއޭޑީގެ ރިޕޯޓުގައި ހާމަ ކޮށްފައިވާ ގޮތުން, ޣައްޒާ ޢުދުވާން ފެށި ފަހުން ހުޅަނގު އައްސޭރީގައި ދިރިއުޅޭ 300,000އަށްވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލުނެވެ. އަދި, ވަޒީފާ ނެތް މީހުންގެ ނިސްބަތް 12.9 އިންސައްތައިން 32 އިންސައްތައަށް އުފުލުނެވެ. އެ އިދާރާއިން ބުނީ, މިއީ ޣައްޒާ ޢުދުވާނާ ގުޅުވައި ޔަހޫދީ ފައުޖުން ހުޅަނގު އައްސޭރީގައި ހިންގަމުންދާ ހަމަނުޖެހުުންތަކާ ސީދާ ގުޅިފައިވާ ބަދަލެއް ކަމުގައެވެ. ޣައްޒާ ޢުދުވާން ފެށި ފަހުން ޔަހޫދީ ފައުޖުން ހުޅަނގު އައްސޭރީގައި ހިންގާފައިވާ ޤަތުލުޢާންމުތަކުގައި 650އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވެއެވެ.

2023 އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,118އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 95,125އަށް އުފުލިފައެވެ.