ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު ބޭންކު އައި.ސީ.ބީ.ސީގެ ގޮތްޕެއް ރާއްޖޭގައި ހުޅުވަން މަސައްކަތްކުރަނީ


  • ވިޔަފާރީގެ ގޮތުން ގިނަ ކުރިއެރުންތަކެއް ދަނީ ގެންނަމުން

  • ޗައިނާއާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްވަނީ ގާއިމްކޮށްފައި

  • މި އެއްބަސްވުމަށް ވަރަށް އަވަހަށް އަމަލުކުރަން ފަށާނެ

އިންޑަސްޓްރިއަލް އެންޑު ކޮމާޝަލް ބޭންކު އޮފް ޗައިނާ، އައިސީބީސީގެ ގޮތްޕެއް ރާއްޖޭގައި ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް އޮފް ޗައިނާ، ޕީބީއޯސީއާ ދެމެދު، ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖެނުއަރީމަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ޤައުމާއެކު ވިޔަފާރިއާއި ތަރައްޤީގެ ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. މީގެތެރޭގައި ބްލޫ އިކޮނޮމީ ކޯރޕަރޭޝަން އެއްބަސްވުމާއި، ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމާއި، ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަނާ ގުޅޭ އެއްބަސްވުން ހިމެނެއެވެ.

މީގެއިތުރުންވެސް ވިޔަފާރީގެ ދާއިރާއިން ގުޅުންތައް ބަދަހިކުރުމަށް ގިނަ މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައިވާއިރު، ދުނިޔޭގެ އެންމެ ބޮޑު ބޭންކު އައިސީބީސީގެ ބުރާންޗެއް ގާއިމްކުރުންވެސް ހިމެނޭކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. އަދި މިހާރު މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

"ޗައިނާގެ އަދި ޗައިނާގެ އެންމެ ބޮޑު ބޭންކު އައިސީބީސީގެ ބުރާންޗެއްވެސް ރާއްޖޭގައި ހުޅުވުން ހިމެނޭ. އެމަސައްކަތުގެ ނެގޯޝިއޭޝަންސް ކުރިއަށް އެބަދޭ،" ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން 2017 ވަނަ އަހަރު ޗައިނާއާއެކު ރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރިނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ މި އެއްބަސްވުމަށް އަމަލުކުރުން މަޑުޖައްސާލާފައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވަނީ ޗައިނާއާއެކު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަހަރުތެރޭގައި އަމަލުކުރަން ފެނިންމަވާފައެވެ.


އިޤްތިޞާދީ ވަޒީރު ވިދާޅުވީ، ދެޤައުމު އެއްބަސްވާ ވަގުތެއްގައި މި އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

"މިނިވަން ވިޔަފާރީގެ އެއްބަސްވުންވެސް އޮތީ ނިމިފައި، ދެޤައުމު އެއްބަސްވާ ވަގުތެއްގައި މި އެއްބަސްވުން އެކްޓިވޭޓުކުރެވޭނެ،" ސަޢީދު ވިދާޅުވިއެވެ.


ޗައިނާއިން ރާއްޖެއަށް މުދާ އެތެރެކުރުމަށް އަހަރަކު 700 މިލިއަނެއްހާ ޑޮލަރު ހޭދަކުރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު މި މުއާމަލާތްތަކުގެ އަގު 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

މިއާއެކު ވިޔަފާރިތަކަށް ފަސޭހަ އަދި ފަހި މާހައުލެއް ޤާއިމްކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.