ޚަބަރު

ބަންކަރިން ޚިދުމަތަށް ހުރިހާކަމެއް މިހާރުވަނީ ފުރިހަމަވެފައި: އެމްޕީއެލް


  • ބަންކަރިންއަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ދޭނީ އެމްޕީއެލްއިން

ބަންކަރިން ޚިދުމަތް ފެށުމަށް އެމްޕީއެލުން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެ ނިމިފައިވާކަމަށް އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އޯފްޝޯ ބަންކަރިން ޚިދުމަތަކީ ކަނޑުގެ ސަރަޙައްދުގައި އުޅަނދެއް ބާއްވައިގެން، ކަނޑު އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދޭ ޚިދުމަތެކެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ފަށާ ޚިދުމަތަކަށްވާއިރު، މިހާރު ކުރިއަށްދަނީ ޚިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީއެވެ.

ބޯޓުން ޚިދުމަތް ދިނުމުގެ މަސައްކަތް ކުރާނީ ބޭރުގެ ކުންފުންޏެއްކަމަށްވާ ވިޓޯލް ބަންކަރސްއާއި ގުޅިގެން، ރާއްޖޭގެ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން އެސްޓީއޯ ގުޅިގެންނެވެ. ނަމަވެސް މި ޚިދުމަތަށް މަގުފަހިކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެމްޕީއެލުންނެވެ. އެގޮތުން ތެޔޮ އަޅަން ގާތްކުރާ ބޯޓުތަކަށް މަގު ދައްކއިދިނުމުގެ މަސައްކަތްކުރާނީ އެމްޕީއެލްގެ އެހީގައި އޮޕަރޭޓްކުރާ ޕައިލެޓް ބޯޓާއި ޓާގު ބޯޓުންނެވެ. މީގެއިތުރުން ބަންކަރިން ބޯޓަށް ދެން ބޭނުންވާ އާންމު ޚިދުމަތްތަކާ އެހެނިހެން އެހީތެރިކަންވެސް ދޭނީ އެމްޕީއެލްގެ ޚިދުމަތުގެތެރެއިންނެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވީ އިހަވަންދިއްޕޮޅުގައި އޯފްޝޯ ބަންކަރިން ފެށުމަށްޓަކައި، ބަންކަރިންގ 2 ބޯޓާއި ޓަގު ބޯޓު އަދި ޕައިލެޓު ބޯޓު އިހަވަން ދިއްޕޮޅަށް ގެންގޮސް ނިމިފައިވާކަމަށެވެ. މިފަދަ އިންޓަނޭޝަނަލް ޚިދުމަތެއް ދިނުމުގައި ހުންނަންޖެހޭ ޝަރުތު ކަމަށްވާ، އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓު ސެކިއުރިޓީ ގޭޓު (އައިއެސްޕީއެސް ގޭޓު) ވެސް ގާއިމްކޮށް ނިމި، ބަންކަރިންގ ޚިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ނިމިފައިވާކަމަށް ވަޖީހު ވިދާޅުވިއެވެ. މި ގޭޓު ހަދާފައިވަނީ ހއ.އުލިގަމުގައެވެ. އިމިގްރޭޝަން، ކަސްޓަމްސް އަދި އެމްއެންޑީއެފުން ކުރިއަށްގެންދާ ސެކިއުރިޓީގެ މަސައްކަތްތައް ކުރާނީ މި ގޭޓުގައެވެ.

ބަންކަރިންގ ޚިދުމަތާއެކު އިންޓަރނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ޚިދުމަތްތަކެއް އެ ސަރަޙައްދުން ފޯރުކޮށްދޭން ފަށާނެކަމަށް ވަޖީހު ވިދާޅުވިއެވެ. މީގެ ސަބަބުން ސަރުކާރުގެ އެހެން ކުންފުނިތަކަށާއި، އަމިއްލަ ކުންފުނިތަކަށް އަދި އަމިއްލަ ފަރުދުންނަށްވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތުތައް ފަހި ވެގެންދާނެއެވެ.

ބަންކަރިންގެ ޚިދުމަތާއެކު އެސަރަޙައްދުން ފޯރުކޮށްދިނުމަށް ތައްޔާރުވެފައިވާ މެރިޓައިމް ދާއިރާގެ އެހެނިހެން ޚިދުމަތްތައް ހިމެނޭ ވެބުސައިޓެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އެއީ usm.mv، އުތުރު މެރިޓައިމް ސާވިސަސްއެވެ.

ބަންކަރިން މަޝްރޫޢުގެ 2 ވަނަ ފޭސް އެއްގެ ގޮތުގައި، އޮއިލް ޓަރމިނަލް އާއި، އޮއިލް ޓޭންކުތައް އިހަވަންދިއްޕޮޅުގައި ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.

ވަޖީހް ވިދާޅުވީ ވެރިކަމުގެ ވަރަށް ކުރީކޮޅު މި ފަށާ ޚިދުމަތް ވެގެންދާނީ ގައުމުގެ އިޤުތިސާދަށް ބޮޑު، އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސް ދޭނެ ޚިދުމަތަކަށްކަމަށެވެ. މި ޚިދުމަތަކީ ދިވެހިރާއްޖޭގައި ކުރަން ޖެހި، މިހާތަނަށް އެއްވެސް ވެރިކަމެއްގައި ނުކުރެވި އޮތްކަމެއްކަމަށް ވަޖީހު ވިދާޅުވިއެވެ.

މިއީ ރައީސްގެ ދުރު ވިސްނުންފުޅާއެކު ނެންގެވި ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވިއެވެ.