ޚަބަރު

ފިޔާ ލިބުމުގެ ދަތިކަން ހައްލުކުރުމަށް ބާޒާރަށް 6،000 އަށްވުރެ ގިނަ ބަސްތާގެ ފިޔާ ނެރެނީ


  • ބާޒާރުގައި ފިޔާ ކިލޯއެއް އުޅެނީ 50ރ އަށް

ބާޒާރުގައި ފިޔާ ލިބުމުގެ ދަތިކަން ހައްލުކުރުމަށް ބާޒާރަށް 6،000 އަށްވުރެ ގިނަ ބަސްތާގެ ފިޔާ ނެރޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާޙީމް ވިދާޅުވެއްޖެއެވެ.

ވަޖީހު މިކަން ހާމަކޮށްފައިވަނީ ބަޒާރުގައި ފިޔާ ލިބުން ދަތިވެ، އަގުވެސް އުފުލިފައިވަނިކޮށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާޙީމް ވިދާޅުވީ، މާލޭ ބާޒާރުގައި ފިޔާ މަދުވެގެން އުޅޭ މައިގަނޑު އެއް ސަބަބަކީ، އިންޑިއާއަށް މޫސުން ގޯސްވުމުގެ ސަބަބުން ފިޔާ ދަނޑުތަކަށް ލިބުނު ގެއްލުންތަކާއެކު، އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުމުގައި ކުރިމަތިވި ޝޯޓޭޖެއްގެ ސަބަބުން ކަމަށެވެ.

މި ޝޯޓޭޖް އުޅެނީ ހަމައެކަނި ރާއްޖޭގައި ނޫން ކަމަށާއި އަވަށްޓެރި ސްރީލަންކާއަށް ވެސް އިންޑިއާއިން ފިޔާ އިމްޕޯޓު ކުރުމުގައި ދަތިތަކެއް ކުރިމަތިވާކަމަށް ވަޖީހު ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ މިއަދުން ފެށިގެން މާލޭގެ ބާޒާރަށް ފިޔާ ނެރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އިންޑިއާއިން އައި 2 ބޯޓު ކަމަށްވާ "ބުލޫހާ" އިން 2،980 ބަސްތާ، އަދި އެމްވީ ނިއުމަތު-2 އިން 3،300 ބަސްތާ ހިމެނޭހެން ޖުމްލަ 6،280 ބަސްތާ ފިޔާ މިއަދު ބާޒާރަށް ނެރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އިންޑިއާއިން މާދަމާ މާލެ ވަންނަ ބޯޓުން ވެސް 3،300 ބަސްތާ ފިޔާ، ބާޒާރަށް ނެރޭނެކަން ވަޖީޙު ފާހަގަކުރެއްވިއެވެ.

އެމް.ޕީ.އެލްގެ ސީއީއޯ އިތުރަށް ވިދާޅުވީ މިދިޔަ ބުދަ ދުވަހު ހިތަދޫ ރީޖަނަލް ޕޯޓަށް ދިޔަ ކާގޯ ބޯޓުންވެސް އައްޑޫ ސިޓީއަށް 1،180 ބަސްތާ ފިޔާ ފޯރުކޮށްދީފައިވާކަމަށެވެ.

އިންޑިއާގެ މޫސުން ގޯސްވާ ބައެއްފަހަރު، ދަނޑުތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުން، މާކެޓަށް ނެރޭ ފިޔާ މަދުވުމަކީ، ދޭތެރެ ދޭތެރެ ދިމާވާ ކަމަކެވެ. އަދި ފިޔާ ލިބުން މަދުވުމުން މާކެޓުގައި ފިޔާގެ އަގު މައްޗަށްވެސް ދެއެވެ. ނަމަވެސް އެމްޕީއެލްއިން ވިދާޅުވީ، އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ އާންމުންގެ ޑިމާންޑާއި އެއްވަރަށް ފިޔާއާއި އެނޫންވެސް ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ކަމަށެވެ.