ޚަބަރު

ފުރަތަމަ 8 މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި 719 މިލިޔަން ރުފިޔާ


  • މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު ކުރިއެރުމެއް

  • ގްރީން ޓެކްސް ނަގަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން

  • އަހަރުގެ މިހާތަނަށް 1.4 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިއްސި

މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހު، ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް 719 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރު ޢަދަދެކެވެ.

ގްރީން ޓެކުހަކީ ތިމާވެށްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް 719 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޑޮލަރުން ބަލާގަތް ގްރީން ޓެކުހުގެ ޢަދަދު ހުރީ 46 މިލިޔަން ޑޮލަރުގައެވެ. މިއީ 2023 ވަނަ އަހަރާއި އާޅަބަލާއިރު %3.7 އިތުރު ޢަދަދެކެވެ.

2023 ވަނަ އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް ބަލައިގަނެފައިވަނީ 686 މިލިޔަން ރުފިޔާއެވެ. އަދި ޑޮލަރުން 44 މިލިޔަން ޑޮލަރު ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ އޮގަސްޓް މަހަށް އެކަނި ބަލާލާއިރު، ގްރީން ޓެކުހުގެ ގޮތުގައި 87 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ލިބިފައިވަނީ 69 މިލިޔަން ރުފިޔާއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 6 އެމެރިކާ ޑޮލަރު، އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 3 އެމެރިކާ ޑޮލަރު، ގްރީން ޓެކުހުގެ ގޮތުގައި ނަގައެވެ.