ޚަބަރު

ޔަމަނުގެ ޙޫޘީން ދިން މިސައިލް ޙަމަލާތަކެއްގައި ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކެއް


ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތން ދިން ކަމަށް ބެލެވޭ މިސައިލް ޙަމަލާތަކެއްގައި ޔަހޫދީންގެ ވެރިރަށް ތެލް އަވީވަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ތެލް އަވީވާއި ޔަހޫދީ ދައުލަތުގެ މެދުތެރޭ ސަރަޙައްދުތަކަށް އަމާޒުކޮށް 20 މިސައިލް އުދުއްސައިލާފައިވާ ކަމަށާއި, އެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވިކަމަށް ރިޕޯޓުތައް ބުނެއެވެ.

ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން ތެލް އަވީވުގައި އިންޒާރުގެ ރަނގަބީލު ޖަހާފައިވެއެވެ. ނަމަވެސް އެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން ޔަހޫދީ ފައުޖުން ކަށަވަރު ކޮށްދީފައެއް ނެތެވެ. ނަމަވެސް, އިންޒާރުގެ ރަނގަބީލާ އެކު ޔަހޫދީން ބިރުން ތެޅިފޮޅެން ފެށި މަންޒަރު އެ ޤައުމުގެ މީޑިޔާތަކުން ޢާންމު ކޮށްފައިވާ ވީޑިޔޯތަކުން ފެނެއެވެ. އަދި, ވައިގެ ޙަމަލާތަކުން ރައްކާތެރިކަން ހޯދުމަށް ބިނާ ކޮށްފައިވާ ބިންގަރާސްތަކަށް ވަދެ, ޔަހޫދީން ފިލިއެވެ.

ޙޫޘީންގެ މިސައިލް ޙަމަލާތަކާ ގުޅިގެން ތެލް އަވީވުގައި އޮންނަ މައި ވައިގެ ބަނދަރުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލިއެވެ. ވައިގެ ބަނދަރާ 6 ކިލޯމީޓަރު ދުރަށް އެއް މިސައިލް ވެއްޓިފައިވެއެވެ. އަދި ތެލް އަވީވުގެ ބުރިޖަކަށް ވެސް ޙަމަލާއެއް އަމާޒުވެފައިވެއެވެ.

ވެރިރަށް ތެލް އަވީވާ ހަމައަށް މިސައިލްތައް ވާސިލުވެފައި ވަނީ, އެ ރަށުގައި ޤާއިމު ކޮށްފައިވާ އަޔަން ޑޯމް ވައިގެ ދިފާޢީ ނިޒާމު ފޭލުވުމުން ކަމަށް ވެސް ޔަހޫދީންގެ ނޫސްތަކުން ބުނެފައިވެއެވެ. މިސައިލް ޙަމަލާއެއްގައި ކުފާރު ދަނިޔެލް ސަރަޙައްދުގައި އަލިފާން ރޯވެފައިވާ ކަމުގައި އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ނޫސްވެރިން ބުންޏެވެ.

އޭގެ އިތުރުން, މޮދިއީން ކިޔާ ރަށެއްގައި ހުންނަ ރޭލު ސްޓޭޝަނަކަށް ވެސް ވަނީ މިސައިލް ޙަމަލާތަކުގައި ގެއްލުންވެފައެވެ. އެ ސްޓޭޝަންގައި ހުރި އެސްކެލޭޓަރެއްގެ މައްޗަށް މިސައިލެއްގެ ބައިތަކެއް ވެއްޓިފައިވާ މަންޒަރު ޔަހޫދީންގެ މީޑިޔާތަކުން ޢާންމު ކޮށްފައިވެއެވެ. ނަމަވެސް, އެއީ ޙޫޘީންގެ މިސައިލެއް ކަން, ނުވަތަ ޔަހޫދީ ފައުޖުގެ ވައިގެ ދިފާޢީ ނިޒާމުން ބޭނުން ކޮށްފައިވާ މިސައިލެއް ކަން ސާފެއް ނޫނެވެ.

އޭއީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅުވައި ޒަޔަނިސްޓު ދަޢުލަތުގެ ރަށްތަކަށް އަމާޒުކޮށް ޙޫޘީން ޙަމަލާތަކެއް ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ޖުލައި މަހު ވެސް ޙޫޘީން ވަނީ ނުރައްކާތެރި އަސްކަރީ ޑްރޯނެއް ބޭނުން ކޮށްގެން ތެލް އަވީވަށް ޙަމަލާދީ, ޔަހޫދީއަކު މަރައިލައި, އިތުރު 10 މީހުން ޒަޚަމު ކޮށްލާފައެވެ. ނަމަވެސް, އެންމެ ފަހުން ދީފައިވާ މިސައިލް ޙަމަލާތަކުގެ ޒިންމާ އެ ޖަމާޢަތުން އުފުލާފައެއް ނެތެވެ.

ތެލް އަވީވަށް ދިން ވަރުގަދަ ޙަމަލާތަކަށް ފަހު ޙޫޘީ ޖަމާޢަތުގެ ތަރުޖަމާނު ހާޝިމް ޝަރަފުއްދީން ވިދާޅުވީ, ޔަމަންގެ ރައްޔިތުން ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދު ފާހަަގަ ކުރަމުންދާއިރު, ޔަހޫދީން ތިބެން ޖެހޭނީ ބިންގަރާސްތަކުގައި ބިރުން ބޮނދައިގެން ކަމުގައެވެ. ޙަމަލާތަކާ ގުޅުވައި ޙޫޘީންގެ އެހެން ވެރިން ވެސް ވަނީ ޔަހޫދީންނަށް އަމާޒުކޮށް އިންޒާރުގެ މެސެޖުތައް މީސްމީޑިޔާގައި ޝާއިޢު ކޮށްފައެވެ.

ޣައްޒާ ޢުދުވާން ހުއްޓައިލުމަށް ބާރު އެޅުމުގެ ގޮތުން ޙޫޘީން ދަނީ ރަތް ކަނޑުން ދަތުރު ކުރާ އާގުބޯޓުފަހަރަށް ވެސް ޙަމަލާ ދެމުންނެވެ. އަސްކަރީ ޑްރޯނާއި ބެލިސްޓިކް މިސައިލް ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ދެމުންދާ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންގެ ބަނދަރުތަކަށް މުދާ އުފުލާ ބޯޓުފަހަރާއި, ޔަހޫދީންނާ ގުޅުން އޮތް އުޅަނދުފަހަރަށެވެ. އޭގެ އިތުރުން, ޔަހޫދީންގެ މަދަދުގާރުން ކަމުގައިވާ އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގުބޯޓުފަހަރާއި އަސްކަރީ މަނަވަރުތަކަށް ވެސް ޙޫޘީންގެ ޙަމަލާތައް އަމާޒު ކޮށްފައިވެއެވެ.

ޙޫޘީންގެ ޙަމަލާތަކާ އެއް ވަގުތެއްގައި ލުބްނާނުގައި ހަރަކާތްތެރިވާ މުޖާހިދުން ވެސް ވަނީ ޒަޔަނިސްޓު ދަޢުލަތުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފައެވެ. ލުބްނާނުން 40އެއްހާ މިސައިލް ނުވަތަ ރޮކެޓު އުދުއްސައިލާފައިވާ ކަން ޔަހޫދީ ފައުޖުން ކަށަވަރު ކޮށްދީފައިވާއިރު, އޭގެ ތެރެއިން ގިނަ ހަތިޔާރުތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. އެ ޙަމަލާތަކުގެ ފަހަތުގައި އޮތީ ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهކަމަށް ބެލެވެއެވެ.