ޚަބަރު

އަނބިކަނބަލުންގެ އަންނައުނުތަކެއްގެ މަޢުލޫމާތު ސިއްރު ކުރުމުން ސްޓާމަރ ހޫނުފެނަށް


އަނބިކަނބަލުންނަށް ހަދިޔާގެ ގޮތުގައި ލިބިފައިވާ އަންނައުނުތަކެއްގެ މަޢުލޫމާތު ސިއްރު ކުރުމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ ހޫނުފެނަށް ވެއްޓިއްޖެއެވެ. މަހުޖަނެއްގެ ފަރާތުން ސްޓާމަރގެ އަނބިކަނބަލުން, ވިކްޓޯރިޔާއަށް ހަދިޔާގެ ގޮތުގައި ލިބިފައިވާ އަގުބޮޑު އަންނައުނުތަކެއްގެ މަޢުލޫމާތު ސިއްރު ކުރުމުގެ މައްސަލަ އިނގިރޭސިވިލާތުގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ ތަޙުޤީޤު ކުރަން ފަށާފައެވެ. އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ޤަވާޢިދުތައް ބުނާ ގޮތުން, އެ މަޖިލީހުގެ މެންބަރުންގެ މާލީ ހިސާބުތަކާއި މުދަލުގެ މަޢުލޫމާތު ހާމަ ކުރަން ޖެހެއެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމުގައިވާ ސަންޑޭ ޓައިމްސުން ބުނެފައިވާ ގޮތުގައި ވިކްޓޯރިޔާއަށް އަގުބޮޑު އަންނައުނުތަކެއް ހަދިޔާ ކޮށްފައި ވަނީ މީޑިޔާގެ ދާއިރާގައި ވިޔަފާރި ކުރާ މަހުޖަނެއް ކަމުގައިވާ, އެސޮސް ކުންފުނީގެ ކުރީގެ ޗެއަރމަން ވަަޙީދު ޢަލީއެވެ. ވިކްޓޯރިޔާއަށް އަންނައުނު ގަންނަން ދިޔަ މީހާގެ މުސާރައާއި, އެ ތަކެތި ހެޔޮވަރު ކުރުމަށް ދިޔަ ޚަރަދުތައް ވެސް ކޮށްފައި ވަނީ ޢަލީ ކަމަށް އެ ނޫހުން ބުނެއެވެ. އޭނާއަކީ ސްޓާމަރގެ ވެރިކަން ކުރާ ލޭބަރ ޕާޓީއަށް މާލީ ގޮތުން ބޮޑު އެހީތެރިކަމެއް ފޯރު ކޮށްދެމުންދާ މީހެކެވެ.

މީގެ ކުރިން ވެސް ސްޓާމަރއަށް ޢަލީ މުދަލާއި ފައިސާ ހަދިޔާ ކޮށްފައިވާ ކަމަށް, ޤާނޫނު ހަދާ މަޖިލީހުގެ ވެބްސައިޓުގައި ޝާއިޢު ކޮށްފައިވާ ސްޓާމަރގެ އާމްދަނީގެ ހިސާބުތަކާއި މުދަލާ ބެހޭ ރިޕޯޓުތަކުން ހާމަވެއެވެ. އޭގެ ތެރޭގައި އަގުބޮޑު އައިނުތަކަކާއި, އަންނައުނުގެ އިތުރުން އެޕާޓްމަންޓުތަކެއް ވެސް ހިމެނެއެވެ. އެ ތަކެތީގެ މަޢުލޫމާތު މުދަލާއި އާމްދަނީއާ ބެހޭ ރިޕޯޓުގައި ބަޔާން ކޮށްފައިވީ ނަމަވެސް, އޭނާގެ އަނބިކަނބަލުންނަށް ޢަލީ ހަދިޔާ ކޮށްފައިވާ އަގުބޮޑު އަންނައުނުތަކުގެ މަޢުލޫމާތު ހިމަނާފައެއް ނެތެވެ.

އެ ތުހުމަތުތަކާ ގުޅިގެން ސްޓާމަރގެ ގެކޮޅު, 10 ޑައުނިންގ ސްޓްރީޓްގެ ތަރުޖަމާނަކު ވިދާޅުވީ, ޖުލައި މަހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން އާމްދަނީއާ މުދަލާ ބެހޭ ރިޕޯޓުތައް ހާމަ ކުރުމާ ގުޅޭ ގޮތުން ސްޓާމަރ ކަމާ ގުޅޭ އިދާރާތަކާ ސުވާލު ކުރައްވާފައިވާ ކަމުގައެވެ. އަދި, އެ ވަގުތު ލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް, ޤާނޫނު ހަދާ މަޖިލީހުގެ ޤަވާޢިދުތަކާ ޚިލާފަށް އަމަލު ކުރެއްވިފައި ނުވާ ކަމަށް ޤަބޫލު ކުރައްވާފައިވާ ކަމުގައެވެ.

"ނަމަވެސް, މިހާރު ކުރެވެމުންދާ ސުވާލުތަކާ ގުޅިގެން, އެ ތަކެތީގެ [ވިކްޓޯރިޔާއަށް ހަދިޔާގެ ލިބިފައިވާ އަންނައުނުގެ މަޢުލޫމާތު] ވާނީ ޑިކްލެޔާ ކޮށްފައި،" ސްޓާމަރގެ ތަރުޖަމާނު ވިދާޅުވިއެވެ. އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ, ހައުސް އޮފް ކޮމަންސްގެ ޤަވާޢިދުތައް ބުނާ ގޮތުން, އެ މަޖިލީހުގެ މެންބަރުންގެ މަސައްކަތަށް ނުފޫޒު ފޯރުވިދާނެ ކަމަށް ބެލެވޭ މާލީ ހުރިހާ ހިސާބުތަކެއް, އަދި ހަދިޔާގެ ގޮތުގައި ލިބޭ ފައިސާއާއި މުދަލުގެ މަޢުލޫމާތު ހާމަ ކުރަން ޖެހޭނެއެވެ.

މި ކަމާ ގުޅޭ ގޮތުން އިދިކޮޅު ކޮންޒަރވެޓިވް ޕާޓީން ވަނީ ސްޓާމަރއަށް ފާޑު ކިޔާފައެވެ. އަދި, ޤާނޫނު ހަދާ މަޖިލީހުގެ ޤަވާޢިދުތަކާ އޭނާ ޚިލާފުވެ ވަޑައިގަންނަވާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އެ ކަަމާ ގުޅިގެން ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް ވެސް އެ ޕާޓީން ވަނީ ކަމާ ގުޅޭ އިދާރާތަކަށް ގޮވައިލާފައެވެ.