ޚަބަރު

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދާރުލްއާސާރުތައް ތަރައްޤީ ކުރުމަކީ އަމާޒެއް: ތަރިކައާ ބެހޭ ވަޒީރު


  • ދާރުލްއާސާރުތައް ތަރައްޤީކުރަނީ އެއިން ފައިދާ ލިބޭނެގޮތަށް

  • އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން އެކަމަށް މުހިއްމު މަސައްކަތްތަކެއް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދާރުލްއާސާރުތައް ބިނާކުރުމަކީ އަމާޒެއްކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދާރުލްއާސާރުތައް ތަރައްޤީކުރުމުގެ ވިސްނުން އެބަހުރިކަމަށެވެ. އަދި އެތަންތަން ތަރައްޤީކުރުމަށް ނިންމާފައިވަނީ އާމްދަނީ ލިބޭނެ ގޮތަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އާސާރުތައް ތަރައްޤީކުރުން ފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އެކަމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

"ދިވެހި ސަޤާފަތަކީ ދިވެހިންގެ ގޮތްފޮތަކީ ދިވެހިންގެ ހަރުދަނާ އުޅުމަކީ ދިވެހިން އެއާ ވަކިނުވާ އެއާ އެކީގައި ދިރިއުޅޭ ކަމަކަށް ހެދުން. އަނެއް ކަމަކީ މިގޮތަށް މި މަސައްކަތް ހިނގާއިރު އެއިން އާންމްދަނީ ލިބޭ ގޮތް ހެދުން. ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރުން މުހިއްމު." ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އާސާރީ އެކި ތަންތަނާއި ކަންކަން ހުރިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރާއްޖޭގައި އޮތް ހަޟާރާތް ދެމެހެއްޓުމަށްޓަކައި މިފަދަ ދާރުލްއާސާރުތައް ތަރައްޤީކުރުމަކީ މުހިއްމުކަމެއްކަމަށެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފެނިފައި ހުރި ތަރިކަ ނުވަތަ އާސާރުތައް މާލޭގެ ދާރުލްއާސާރުގައި ބަހައްޓާފައި އެބަހުއްޓެވެ. މީގެ އިތުރުން އަތޮޅުތަކުގައިވެސް ރައްޔިތުން މިފަދަ އާސާރުތައް ތަރައްޤީކޮށް އެއިން މަންފާ ހޯދަމުންދެއެވެ. ޚާއްސަގޮތެއްގައި ދިވެހިންގެ ސަޤާފަތާއި ތަރިކަ ފަތުރުވެރިންނަށް ދައްކުވައިދީ އެކަމުން މަންފާ ހޯދަމުންދެއެވެ.

އާސާރީ ތަރިކަތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ތަރިކަ ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއް އުފެއްދެވުމާއި، ދިވެހި މާއްދީ ތަރަކައިގެ ތެރޭގައި ހިމެނޭ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގައި ނެތެމުންދާ ތަރިކަތަކަށް ފަރުވާދޭނެ ޚާއްޞަ ލެބޯޓްރީއެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.