ޚަބަރު

ޓްރަމްޕް އަވަހާރަ ކޮށްލަން އަނެއްކާ ވެސް މަސައްކަތް ކޮށްފި


ނޮޮވެންބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަ ކޮށްލަން އަނެއްކާ ވެސް މަސައްކަތް ކޮށްފިއެވެ. ޓްރަމްޕް އަވަހާރަ ކޮށްލަން މަސައްކަތް ކޮށްފައި ވަނީ ފްލޮރިޑާގެ ވެސްޓް ޕާމް ބީޗުގައި އޮންނަ އޭނާގެ އަމިއްލަ ގޮލްފް ކުޅޭ ދަނޑެއްގައި ކުޅުއްވަން ހުންނަވަނިކޮށެވެ. ނަމަވެސް, އޭނާއަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭ ސީކްރެޓް ސަރވިސުން ވަނީ, ޓްރަމްޕް އަވަހާރަ ކޮށްލަން ދޭން އުޅުނު ޙަމަލާ ފޭލު ކޮށްލާފައެވެ.

ޓްރަމްޕް އަވަހާރަ ކޮށްލަން މަސައްކަތް ކުރި މީހާ ފިލާ އޮތީ ގޮލްފް ކުޅޭ ދަނޑުގެ ކައިރި ހިސާބެއްގައި ހުރި ގަސްތަކެއްގެ ތެރޭގައެވެ. މި ހާދިސާ ތަޙުޤީޤު ކުރަމުންދާ ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ން ބުނީ, ޓްރަމްޕަށް ޙަމަލާ ދިނުމުގެ ކުރިން ސީކްރެޓް ސަރވިސްގެ ސިފައިންނަށް އެ މީހާ ފެނި, އޭނާއަށް ޙަމަލާ ދީފައިވާ ކަމުގައެވެ. އަދި, ރައްކާތެރި ހިސާބަކަށް ޓްރަމްޕް ގެންގޮސްފައިވާ ކަމުގައެވެ. އެ ތަނަށް އޭކޭ-47 މަރުކާގެ ބަޑިއެއް ދޫކޮށްލުމަށް ފަހު, އެ މީހުން ވަނީ އެއްގަމު އުޅަނދެއްގައި ފިލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް, ސަލާމަތީ ބާރުތަކުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.

މިއީ ފަހުގެ ތާރީޚެއްގައި ޓްރަމްޕް އަވަހާރަ ކޮށްލަން ޙަމަލާއެއް ދީފައިވާ ދެވަނަ ފަހަރެވެ. މީގެ ދެ މަސް ދުވަސް ކުރިން ޕެންސިލްވޭނިޔާގެ ބަޓްލަރގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް ވެސް ޓްރަމްޕަށް އަމާޒުކޮށް ބަޑީގެ ޙަމަލާތަކެއް ދިނެވެ. އެ ހާދިސާގައި އޭނާގެ ކަނާތު ކަންފަތަށް ކުޑަ ޒަޚަމެއް ލިބުނެވެ. އޭނާ އަވަހާރަ ކޮށްލަން ދެވަނަ ފަހަރަކަށް މަސައްކަތް ކުރުމާ އެކު, އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އޮތް ގޮންޖެހުންތައް ހާމަވެގެން ދިޔައެވެ.

"އަޅުގަނޑުގެ ހާލު ބަލައި ހެޔޮ އެދުންތައް ފޮނުވި ހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މިއީ, ކޮންމެ އަކަސް ވަރަށް ޝައުޤުވެރި ދުވަހެއް،" ފުރާނަ ސަލާމަތް ކުރުމަށް ސީކްރެޓް ސަރވިސް އަދި ފުލުހުން ކުރި މަސައްކަތަށް ޝުކުރު އަދާ ކުރައްވަމުން ޓްރަމްޕް ވިދާޅުވިއެވެ. "އަޅުގަނޑު މައިތިރިއެއް ނުކުރެވޭނެ. އަޅުގަނޑު ދުވަހަކު ވެސް އަމާނެއް ނުދޭނަން."

ޓްރަމްޕް އަވަހާރަ ކޮށްލަން މަސައްކަތް ކުރި މީހާގެ ވަނަވަރު އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން ހާމަކޮށްފައި ނެތް ނަމަވެސް, އެމެރިކާގެ ބައެއް ނޫސްތަކުން ބުނީ އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 58 އަހަރުގެ ރަޔަން ވެސްލީ ރޫތު ކިޔާ މީހެއް ކަމުގައެވެ. އެއީ, ހަވާއީގެ ރައްޔިތެކެވެ.

އެ ވަގުތު ޓްރަމްޕް ގޮލްފް ދަނޑުގައި ހުންނަވާނެ ކަން ރޫތަށް އެނގުނީ ކޮން ގޮތަކުން ކަން ސާފެއް ނޫނެވެ. އަދި, ރޫތުގެ މަޤުޞަދަކީ ކޮބައިކަން ވެސް އެފްބީއައިން ހާމަ ކޮށްފައެއް ނެތެވެ. ނަމަވެސް, މި ހާދިސާއާ އެކު, ޓްރަމްޕްގެ ސަލާމަތީ ފިޔަވަޅުތަކާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދަން ފަށާފައެވެ. ޕާމް ބީޗް ކައުންޓީގެ ފުލުހުން ބުނީ, ޓްރަމްޕް އޭނާގެ އޮފީހުގައި ނެތުމުން ގޮލްފް ކުޅޭ މުޅި ދަނޑުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ނެތް ކަމުގައެވެ.

"އޭނާ [ޓްރަމްޕް] އެ ވަގުތު އޮފީހުގައި އިންނެވި ނަމަ, އަޅުގަނޑުމެން މުޅި ދަނޑު އެއްކޮށް ބަންދު ކުރީމު. ނަމަވެސް, އެ ވަގުތު އޭނާ އޮފީހުގައި ނެތުމުން ދަނޑުގައި ސަލާމަތީ ކަންކަން ބަލަހައްޓަމުން ގޮސްފައި ވަނީ ސީކްރެޓް ސަރވިސުން އަންގާފައިވާ ސަރަޙައްދުތަކުގައި އެކަނި،" ޕާމް ބީޗް ކައުންޓީގެ ފުލުހުންގެ ވެރިޔާ ރިކް ބްރެޑްޝޯ ވިދާޅުވިއެވެ.

ޓްރަމްޕް އަވަހާރަ ކޮށްލަން ދެވަނަ ފަހަރަކަށް މަސައްކަތް ކުރުމުން ރައީސް ޖޯ ބައިޑަން ވަނީ އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ސީކްރެޓް ސަރވިސަށް އަމުރު ކުރައްވާފައެވެ. އަދި, އެ އިދާރާއިން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހޯދައިދިނުމަށް ކަމާ ގުޅޭ އެހެން އިދާރާތަކަށް އަންގަވާފައެވެ.

ވައިޓް ހައުސުން ބުނީ, ޓްރަމްޕް އަވަހާރަ ކޮށްލަން މަސައްކަތް ކުރި ހާދިސާއާ ގުޅޭ މަޢުލޫމާތު ބައިޑަންގެ އިތުރުން, ރިޔާސީ އިންތިޚާބުގައި ޓްރަމްޕާ ވާދަ ކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު, ނައިބު ރައީސާ ކަމަލާ ހެރިސާ ހިއްސާ ކޮށްފައިވާ ކަމުގައެވެ. "އެމެރިކާގައި އަނިޔާވެރިކަމަށް އެއްވެސް ޖާގައެއް ނޯންނާނެ،" އެކްސްގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ހެރިސް ވިދާޅުވިއެވެ.

ޓްރަމްޕް އަވަހާރަ ކޮށްލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ރޫތަކީ, ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިޑަންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތާޢީދު ކުރާ މީހެއް ކަމުގައި އެމެރިކާގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ. ވެރިކަމަށް ޓްރަމްޕް ވަޑައިގަންނަވައިފި ނަމަ, ޔޫކްރެއިނަށް އެމެރިކާއިން ފޯރުކޮށްދެމުންދާ އަސްކަރީ އެހީތެރިކަމަށް ނިމުމެއް އަތުވެދާނެ ކަމުގެ ފުރުޞަތު އޮތް ކަމުގައި ހެރިސް ވިދާޅުވެފައިވެއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވަނީ, ހަނގުރާމަ ވަގުތުން ހުއްޓުވުން ނޫން އިތުރު ގޮތެއް ނެތް ކަމުގައެވެ.

ޖުލައި 13ވަނަ ދުވަހު ޓްރަމްޕް އަވަހާރަ ކޮށްލަން ދިން ބަޑީގެ ޙަމަލާތަކުގައި, ކެމްޕޭން ޖަލްސާގައި ހުރި ޢާންމުންގެ އެކަކު މަރުވިއެވެ. އަދި, ސީކްރެޓް ސަރވިސްގެ ސިފައިން ވަނީ, ޓްރަމްޕް އަވަހާރަ ކޮށްލަން ބަޑީގެ ޙަމަލާތައް ދިން 20 އަހަރުގެ ތޮމަސް ކްރުކްސަށް ޙަމަލާދީ, އޭނާ މަރައިލާފައެވެ. އެއީ, ފާއިތުވި ހަތަރު ދަހަރެއްހާ ދުވަހުުގެ ތެރޭގައި އެމެރިކާގެ ރިޔާސީ ކެނޑިޑޭޓަކު އަވަހާރަ ކޮށްލުމުގެ މަޤުޞަދުގައި ބަޑީގެ ޙަމަލާތަކެއް ދީފައިވާ ފުރަަތަމަ ފަހަރެވެ.