ޚަބަރު

ކާރިސާތަކުގެ މަޢުލޫމާތުދޭ ސޮފްޓްވެއަރ މިއަހަރު ތައާރަފްކުރަނީ


ކާރިސާތަކުގެ އިންޒާރު ދިނުމުން ކަމާބެހޭ ފަރާތްތަކަށާއި އާންމުންނަށް އެ މެސެޖްތައް ފޯރުކޮށްދިނުމަށް ހަދާފައިވާ ސޮފްޓްވެއާރ މިއަހަރުގެ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު މަހުގެ ތެރޭގައިރަސްމީކޮށް އިފްތިތާހުކުރެވޭވަރު ވާނެކަމަށް ޑިޒާސްޓަރ މެނޭޖެމެންޓް ސެންޓަރުން ބުނެފިއެވެ.

ޑިޒާސްޓަރ މެނޭޖްމެންޓާއި، މެޓް އޮފީހާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން މިއަދުވަނީ މި ސޮފްޓްވެއާއަށް ކަމާބެހޭ ބައެއް މުއައްސަސާތައް އަހުލުވެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ފަށާފައެވެ. މި ސޮފްޓްވެއަރ ބޭނުންކުރަން ފެށުމުން ކާރިސާގެ ވަގުތުގައި ދެވޭ އެލާޓް މެސެޖްތަކާއި އަދި އެ މެސެޖްތަކާ ގުޅިގެން އާންމު ރައްޔިތުން ޢަމަލުކުރުމަށް ދެވޭ އިރުޝާދުތައް ފަސޭހަކަމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފޯރުކޮށްދެވޭނެ ކަމަށް ޑިޒާސްޓަރ މެނޭޖްމެންޓުން މަޢުލޫމާތުދެއެވެ.

ކޮމަން އެލާޓިން ޕްރޮޓޮކޯލް (ސީއޭޕީ) އަކީ ދުނިޔޭގެ މުޢާސަލާތީ ޖަމްޢިއްޔާ އައިޓީޔޫއާއި ދުނިޔޭގެ މޫސުމާބެހޭ ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ، ހުރިހާ ވައްތަރެއްގެ ކާރިސާތަކަށް އަދި ގިނަ މުއާޞަލާތީ އާލަތްތަކަށް ބޭނުންކުރެވޭ ގޮތަށް އެލާޓް ފޮނުވުމަށް ތައްޔާރުކޮށްފައިވާ މިންގަޑެކެވެ. މި ސީޕީއޭ މިންގަނޑަށް އެލާޓް މެސެޖް ފަސޭހަކަމާއެކު ތައްޔާރުކޮށް ފޮނުވުމަށްޓަކާ ޔުނެސްކެޕްގެ ފަރާތުން އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ތިން ޤައުމެއްގައި ކުރިޔަށްގެންދާ ޕްރޮޖެކްޓް ރާއްޖޭގައި ކުރިޔަށްގެންދަވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖް ސެންޓަރުގެ ފަރާތުންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން އޭޝިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ( އޭ.އައި.ޓީ) އާއި ސަހާނާ ފައުންޑޭޝަން ގެ ފަރާތުން ތައްޔާރުކޮށްފައިވާ ސޮފްޓްވެއާ "ސެމްބްރޯ" ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގައި މިހާރުދަނީ ބޭނުންކުރަމުންނެވެ. މިސޮޕްޓްވެއާ ރަސްމީކޮށް ލޯންކުރުމަށްފަހު ކަމާބެހޭ އެހެން މުއައްސަސާތަކަށްވެސް މި ސޮފްޓެވެއާ މެދުވެރިކޮށް މެސެޖް ފޮނުވޭނެ ކަމަށް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން މަޢްލޫމާތުދެއެވެ.