ޚަބަރު

މިލާނާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް އުއްމީދުކުރަން: ސްލޮޓް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި މިރޭ އިޓަލީގެ އޭސީ މިލާނާޢި ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުގައި ކުޅުންތެރިންގެ ފަރާތުން ތަފާތު ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފި އެވެ.

ރަށުން ބޭރުގައި މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ކުޅޭ މި މެޗަށް ލިވަޕޫލް ނިކުންނައިރު މި ހަފްތާގައި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓް އަތުން ލިވަޕޫލް ވަނީ ހައިރާންކުރުވަނިވޮ ގޮތަކަށް ބަލިވެފަ އެވެ.

މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސްލޮޓް ބުނެފައިވަނީ ނޮޓިންހަމް އަތުން ބަލިވުމުން އެކަމުގެ މާޔޫސްކަން އެބައޮތް ކަމަށާއި ނަމަވެސް މިރޭ މިލާނާއި ދެކޮޅަށް ކުޅޭ މެޗަކީ މުޅިން ތަފާތު އެހެން ގޭމެއް ކަމަށާއި އެހެންކަމުން މި މެޗުގައި ކަންތައްތައް ވެގެންދާނީވެސް ތަފާތުކޮށް ކަމަށެވެ.

އާ ފޯމެޓަކަށް ޗެމްޕިއަންސް ލީގު މިރޭ ފެށިގެންދާއިރު, އެކަމަށް އިޝާރާތްކޮށް ސްލޮޓް ބުނެފައިވަނީ އެކަމާއި ގުޅޭ ގޮތުން ކޮމެންޓް ކުރުން އެންމެ ރަގަޅު ވާނީ ލީގު ނިމުމުން ކަމަށާއި ނަމަވެސް ކޮންމެ ރެއަކުވެސް ރީތި ފުޓްބޯޅަ މެޗެއް ބަލާލުމަކީ ކޮންމެ މީހަކުވެސް ކުރަން ބޭނުންވާނެ ކަމަށެވެ.

ގިނަ މެޗުތަކެއް ކުޅެންޖެހޭ ގޮތަށް މިފަހަރުގެ މުބާރާތް ބަދަލުކޮށްފައިވައިރު, ކުޅުންތެރިންނަށް އަރާމު ކުރާނެ ވަގުތުނެތި މެޗުތައް ކުޅެން ޖެހުމަކީ ގިނަ ކޯޗުންގެ ކަންބޮޑުވުން ހުރި ކަމެކެވެ.

ސްލޮޓްގެ އިރުޝާދުގެ ދަށުން ލީގުގައި ލިވަޕޫލް އިން ފުރަތަމަ ކުޅުނު ތިން މެޗުން އެ ޓީމު މޮޅުވެފައިވަނީ ބައިކޮޅަށް ލަނޑެއް ވަނަނުދީ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގު މެޗުގެ ކުރިން ނޮޓިންހަމް އަތުން އުންމީދު ނުކުރާ ނަތީޖާއެއް ނިކުތުމާއެކު, މިރޭގެ މެޗުގައި އެ ޓީމަށް ބަދަލުތަކެއް ގެންނާނެކަމަށް ބެލެވެ އެވެ.

އަނެއްކޮޅުން މި މެޗުގެ ކުރިން މިލާނުގެ ކޯޗު ފޮންސޭކާ ބުނެފައިވަނީ ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ މެޗަކީ ގޯސްތަކެއް ނަހަދާ ވިސްނުންތެރިކަމާއިއެކު ކުޅެން ޖެހޭ މެޗެއް ކަމަށާއި އެހެންކަމުން އެކަމަށް ސަމާލުވެގެން ކުޅުމަށް ކުޅުންތެރިންނަށް ނަސޭހަތްތެރިވާނެ ކަމަށެވެ.