ޚަބަރު

ތޫފާން ބެއިބިންކާއާ އެކު ޝަންގހާއީ ހުއްޓުމަކަށް


ބާރުގަދަ ތޫފާނެއް ކަމުގައިވާ ބެއިބިންކާ ޗައިނާގެ ވިޔަފާރީގެ މަރުކަޒީ ރަށް ޝަންގހާއީގެ ސަރަޙައްދުތަކަށް އެރުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ކެޓެގަރީ 1ގެ ތޫފާނެއް ކަމުގައިވާ ބެއިބިންކާއަކީ ފާއިތުވި ހަތް ދަހަރެއްހާ ދުވަހުގެ ތެރޭގައި އެ ސަރަޙައްދަށް އަރާފައިވާ އެންމެ ބާރުގަދަ ތޫފާނެވެ. ތޫފާނާ އެކު ޖެހެމުންދާ ބާރު ވަޔާއި, ވެހެމުންދާ ވާރެޔާ ގުޅިގެން އެ ރަށުގައި ދިރިއުޅޭ އެތަކެއް މިލިޔަން ރައްޔިތުން ވަނީ ގެދޮރުގައި ތާށިވެފައެވެ.

25 މިލިޔަން މީހުންގެ އާބާދީއެއް އޮތް ޝަންގހާއީގެ ސަރަޙައްދުތަކަށް ބެއިބިންކާ އަރާފައި ވަނީ ސެޕްޓެންބަރު 16ވަނަ ދުވަހުގެ ހެނދުނުގެ ވަގުތުގައެވެ. އެ ތޫފާނާ އެކު ގަޑިއަކު 151 ކިލޯމީޓަރަށް ވައި ޖެހެމުންދާ ކަމުގައި ޗައިނާގެ މޫސުމާ ބެހޭ އިދާރާއިން ހާމަ ކުރިއެވެ. މިއީ, 1949ވަނަ އަހަރު އެރި ތޫފާން ގްލޯރިޔާއަށް ފަހު އެ ރަށަށް އަރާފައިވާ އެންމެ ބާރުގަދަ ތޫފާނެވެ.

ބެއިބިންކާއާ އެކު ޖެހެމުންދާ ބާރު ވައިގެ ސަބަބުން ޝަންގހާއީގެ އެކި ސަރަޙައްދުތަކުން 10,000އަށްވުރެ ގިނަ ގަސް ވެއްޓިފައިވާ ކަމުގައި ޗައިނާގެ ދަޢުލަތުގެ މީޑިޔާއިން ރިޕޯޓު ކުރިއެވެ. އަދި, ތޫފާނާގެ ނުރައްކާ އެންމެ ބޮޑަށް އޮތް ސަރަޙައްދުތަކުގައި ދިރިއުޅޭ 400,000އެއްހާ މީހުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. އަދި, ގެދޮރުގައި ތާށިވެ, ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް 56,000 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޓީމަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ތޫފާނާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކުގައި އެކަކަށް ޒަޚަމުތަކެއް ލިބި, ފަރުވާ ދޭން ޖެހުނެވެ.

ތޫފާން ބެއިބިންކާއާ އެކު ޝަންގހާއީ ވަނީ ހުއްޓުމަކަށް އައިސްފައެވެ. މި ގޮތުން, އެ ރަށުގައި އޮތް މައި ދެ ވައިގެ ބަނދަރުން 1,400އަށްވުރެ ގިނަ އުދުހުން ކެންސަލް ކުރަން ޖެހިފައިވާއިރު, ރޭލު ދަތުރުތައް މެދުކަނޑައިލަން ވެސް މަޖުބޫރުވިއެވެ. މިއާ އެކު, 570އަށްވުރެ ގިނަ ފަސިންޖަރުން ރޭލު ސްޓޭޝަންތަކުގައި ތާށިވިއެވެ. މީގެ އިތުރުން, ޝަންގހާއީގެ މަގުތަކާއި, ޕާކުތަކާއި ވިޔަފާރިތައް ވެސް ވަނީ ވަގުތީ ގޮތުން ބަންދު ކޮށްފައެވެ. އަދި, އިންޒާރުގެ މިންގަނޑު އެންމެ މައްޗަށް އުފުލާފައެވެ.

ތޫފާން ބެއިބިންކާ މި ވަގުތު ދަތުރު ކުރަމުން ދަނީ ޝަންގހާއީއާ އިންވެގެން އޮތް ޖިއަންގސޫ ޕުރޮވިންސާ ދިމާލަށެވެ. ނަމަވެސް, ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޝަންގހާއީގެ ބޮޑު ސަރަޙައްދަކަށް ބޯކޮށް ވާރޭ ވެހެމުންދާނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން އިންޒާރު ކުރިއެވެ. މޫސުމީ މާހިރުން ބުނީ, ޝަންގހާއީއަކީ ޢާންމު ގޮތެއްގައި ބާރުގަަދަ ތޫފާންތަކުގެ ނުރައްކާ ފޯރާ ރަށެއް ނޫން ކަމުގައެވެ. ހުސްވި ހަފުތާގައި ވެސް ކެޓެގަރީ 4ގެ ބާރުގަދަ ތޫފާނެއް ކަމުގައިވާ ޔާގީ ވަނީ ޗައިނާގެ ދެކުނުގައި އޮތް ހައިނާން ޕުރޮވިންސުގެ ސަރަޙައްދުތަކަށް އަރާފައެވެ. އެއީ, އޭޝިޔާ ބައްރުގެ ސަރަޙައްދުގައި މި އަހަރުގެ މިހާތަނަށް އުފެދުނު އެންމެ ބާރުގަދަ އަދި ނުރައްކާތެރި ތޫފާނެވެ.