ޚަބަރު

ވިލާތަށް ބޯކޮށް ވާރޭވެހި, ފެންބޮޑުވެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެއްޖެ


މެދުތެރޭ ވިލާތުގެ ޤައުމުތަކަށް ބޯކޮށް ވާރޭވެހި, ފެންބޮޑުވުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބި, ގިނަ ޢަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ. ފެންބޮޑުވުމާ ގުޅިގެން އެންމެ ބޮޑުތި ގެއްލުންތަކެއް ލިބިފައިވާ ރޮމޭނިޔާ, ޕޮލެންޑް އަދި ޗެކް ރިޕަބްލިކުން ގިނަ ޢަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނެވެ. ފާއިތުވި ދެ ދަހަރެއްހާ ދުވަހުގެ ތެރޭގައި ވިލާތުގައި ހިނގި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ރޮމޭނިޔާއާއި ޕޮލެންޑުން މަރުވި މީހުންގެ ޢަދަދު ވަނީ 17އަށް އުފުލިފައެވެ.

ފެންބޮޑުވުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޕޮލެންޑާއި ޗެކް ރިޕަބްލިކް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަށްތައް ހިމެނެއެވެ. އެ ސަރަޙައްދުން ބައެއް ބުރިޖުތައް ވެއްޓި އެތަކެއް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހިފައިވާއިރު, ޢާންމުންގެ ގެދޮރާއި ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ޕޮލެންޑުގެ ދެކުނުގައި އޮތް ނިސާއިން 40,000އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނު ކަމުގައި އެ ރަށުގެ އޮފިޝަލުން ހާމަ ކުރިއެވެ.

ބޯކޮށް ވާރޭވެހުމާ ގުޅިގެން ޗެކް ރިޕަބްލިކްގެ އޮސްތްރަވާނުން ދެމޭ އޮދްރާ ކޯރާއި އޮޕާވާ ކޯރު ގުޅޭ ސަރަޙައްދުގައި ފެންބޮޑުވެ, ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި, އެ ސަރަޙައްދުގައި ހުންނަ ގިނަ ޢަދަދެއްގެ ކާރުޚާނާތަކެއް ބަންދު ކުރަން ޖެހުނެވެ. އެ ސަރަޙައްދުތަކުން ވެސް އެތަކެއް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނެވެ. ޗެކް ރިޕަބްލިކްގެ ލިޓޮވެލްގެ 70 އިންސައްތަ ސަރަޙައްދެއްގައި ފެންބޮޑުވެފައިވާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރިއެވެ. ފެންބޮޑުވުމާ ގުޅިގެން އެ ޤައުމުން ތިން މީހުން މަރުވިއެވެ.

ފެންބޮޑުވެފައިވާ ސަރަަޙައްދުތަކުގައި ޕޮލެންޑުން ވަނީ ކުއްލި ޙާލަތު އިޢުލާނު ކޮށްފައެވެ. އަދި, ފެންބޮޑުވުމާ ގުޅިގެން ގެއްލުން ލިބުނު މީހުންނާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޮރުކޮށްދިނުމަށް 260 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައެވެ. ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ވިދާޅުވީ, ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި, އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވިލާތުގެ އިއްތިހާދު (އީޔޫ)ގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމުގައެވެ.

ރޮމޭނިޔާގެ އިރުމަތީގައި އޮތް ސްލޮބޯޒިޔާ ކޮނާކީގެ މޭޔަރު އެމީލް ދްރަގޯމީރް ވިދާޅުވީ, އެ ސަރަޙައްދުގައި ފެންބޮޑުވެފައި ވަނީ ކުއްލި ގޮތަކަށް ކަމުގައެވެ. އަދި, އެތަކެއް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާއިރު, އެ މީހުންގެ އަތުގައި އަންނައުނު ނޫން އިތުރު އެއްޗެއް ނެތް ކަމުގައެވެ. ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި އެ ޤައުމުން ހަތް މީހުން މަރުވިއެވެ.

އަވައްޓެރި އޮސްޓްރިޔާއަށް ވެސް ފެންބޮޑުވުމުގެ އަސަރުކޮށް, ތިން މީހުން މަރުވިއެވެ. އޭގެ ތެރޭގައި 70 އަހަރާއި 80 އަހަރުގެ ދެ މީހުންނާއި އަލިފާން ނިއްވާ ޓީމުގައި ހަރަކާތްތެރިވާ މީހަކު ހިމެނޭ ކަމުގައި ވިއެނާގެ ފުލުހުން ބުންޏެވެ. ފެންބޮޑުވުމުގެ އަސަރު ކޮށްފައި ވަނީ ލޮވަރ އޮސްޓްރިޔާ ސްޓޭޓާއި ވެރިރަށް ވިއެނާގެ ސަރަޙައްދުތަކަށެވެ.

ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި ޕޮލެންޑުން މަރުވި މީހުންގެ ޢަދަދު ހަތަރަަކަށް އަރައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި, ފެންބޮޑުވާނެ ކަމުގެ އިންޒާރު ދިނުމާ އެކު, ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަނީ އަޅަން ފަށާފައެވެ. ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ބައެއް ސަރަޙައްދުތަކުގެ ތެރޭގައި 600,000 މީހުންގެ އާބާދީއެއް އޮތް ވްރޯތުވާފު ހިމެނެއެވެ.

ވިލާތުގެ މެދުތެރޭ ސަރަޙައްދުތަކަށް އަދިވެސް ބޯކޮށް ވާރޭވެހެމުން ދިޔުމާ ގުޅިގެން ޑެނިޔުބް ކޯރުގެ ބައެއް ސަރަޙައްދުތައް ފުރިގެން ބަންޑުންވުމުގެ ފުރުޞަތު އޮތް ކަމުގެ އިންޒާރު ދިނުމާ އެކު އިތުރު ޤައުމުތަކުން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހަރުދަނާ ކޮށްފައެވެ. އޭގެ ތެރޭގައި ސްލޮވާކިޔާގެ ވެރިރަށް ބްރަޓިސްލާވާގެ އިތުރުން ހަންގެރީގެ ވެރިރަށް ބުދަޕޭޝްތު ހިމެނެއެވެ. ހަންގެރީގެ ދާޚިލީ ވަޒީރު ޕިންތޭރް ޝަންދޯރު ވިދާޅުވީ, ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް, ހާލުގައި ޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 12,000 ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައެވެ.