ޚަބަރު

ފެންބޮޑުވެ މިޔަންމާއަށް ބޮޑެތި ގެއްލުންތަކެއް, މަރުވި މީހުންގެ ޢަދަދު 226އަށް


ބާރުގަދަ ތޫފާން ޔާގީއާ ގުޅިގެން މިޔަންމާއިން މަރުވި މީހުންގެ ޢަދަދު 226އަށް އުފުލިއްޖެއެވެ. ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ މިޔަންމާގެ މެދުތެރޭގެ ސަރަޙައްދުތަކަށެވެ. ކެޓެގަރީ 4ގެ ތޫފާނެއް ކަމުގައިވާ ޔާގީއަކީ އޭޝިޔާ ބައްރުގައި މި އަހަރުގެ މިހާތަނަށް އުފެދުނު އެންމެ ބާރުގަދަ އަދި ނުރައްކާތެރި ތޫފާނެވެ. އެ ތޫފާނުގެ އަސަރު މިޔަންމާގެ އިތުރުން ޗައިނާއާއި ތައިލެންޑާއި ވިއެޓްނާމަށް ވެސް ވަނީ ކޮށްފައެވެ.

55 މިލިޔަން މީހުންގެ އާބާދީއެއް އޮތް މިޔަންމާގެ ސަރަޙައްދުތަކަށް ތޫފާން ޔާގީ އަރާފައި ވަނީ ސެޕްޓެންބަރު 9ވަނަ ދުވަހުއެވެ. އެ ތޫފާނާ ގުޅިގެން މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން އެ ޤައުމުގެ ވެރިރަަށް ނޭޕީދޯގެ އިތުރުން ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ މަންޑަލޭގެ އިތުރުން ޝާ ސްޓޭޓްގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. މިޔަންމާގެ ދަޢުލަތުގެ މީޑިޔާއިން ބުނީ, ތޫފާނާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކުގައި ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ޢަދަދު 77އަށް އުފުލިފައިވާ ކަމުގައެވެ.

2021ވަނަ އަހަރުގެ ފެބުރުވަރީ މަހު ގެނައި އަސްކަރީ ބަޣާވާތަކަށް ފަހު މިޔަންމާގައި ވެރިކަން ކުރަމުން ދަނީ އެ ޤައުމުގެ އަސްކަރިއްޔާއިންނެވެ. އަދި, އަސްކަރިއްޔާއާއި އަރާކަން އާމީގެ ހަނގުރާމަވެރިންނާ ދެމެދު މި ވަގުތު ދަނީ ޙަމަލާތައް ބަދަލު ކުރަމުންނެވެ. ދެ ފަރާތުގެ ދެމެދުގައި އެންމެ ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރަމުންދާ ޝާ ސްޓޭޓްގައި ފެންބޮޑުވުމާ ގުޅިގެން އެތަކެއް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ކޮންޓްރޯލް ކުރާ ދަޢުލަތުގެ މީޑިޔާއިން ބުނީ, ފެންބޮޑުވުމާ ގުޅިގެން ގެދޮރު ގެއްލި, ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި, ފެންބޮޑުވެފައިވާ ނުވަ ސަރަޙައްދެއްގައިި 338 ވަގުތީ ހިޔާ ގާއިމު ކޮށްފައިވާ ކަމުގައެވެ.

އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އދގެ އިދާރާ (އޯސީއެޗްއޭ)ން ބުނީ, ފެންބޮޑުވުމުގެ ސަބަބުން މިޔަންމާގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ މަންޑަލޭ ސަރަޙައްދަށް ކަމުގައެވެ. ފެންބޮޑުވުމާ ގުޅިގެން އެ ސަރަޙައްދުން 26,700 ގެ ހަލާކުވެފައިވާއިރު, 40,000 އޭކަރުގެ ދަނޑުބިމުގައި ފެންބޮޑުވެ, ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި އެ އިދާރާއިން ހާމަކުރިއެވެ.

ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފު)ން ބުނީ, ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި އެތަކެއް ސަތޭކަ ހާސް ބަޔަކު ހާލުގައި ޖެހިފައިވާ ކަމުގައެވެ. އަދި, މަގުތައް ހަލާކުވެ, ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް ގެއްލުންވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ. "ގެއްލުންވެފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ރެފިއުޖީން ދިރިއުޅޭ ކޭމްޕުތައް ވެސް ހިމެނޭ. އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ކުޑަކުދިންގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައި،" ޔުނިސެފުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ތޫފާން ޔާގީގެ ސަބަބުން ދެކުނުއިރުމަތީ އޭޝިޔާގެ އެހެން ޤައުމުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ތޫފާނާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި ވިއެޓްނާމުން އެކަނިވެސް 292 މީހުން ވަނީ މަރުވެފައެވެ. އަދި, ތައިލެންޑުގައި މަރުވި މީހުންގެ ޢަދަދު 45އަށް އުފުލިފައިވާއިރު, އެ ޤައުމުގެ އުތުރުގައިވާ ޗިއަންގ މާއީއާއި ޗިއަންގ ރާއީގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.

ތައިލެންޑުގެ ގިނަ ސަރަޙައްދުތަކެއްގައި ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ނުރައްކާތެރި ހާދިސާތައް ހިނގާފައިވާ ކަމުގައި އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ހާމަކުރިއެވެ. މީގެ އިތުރުން ލާއޯސުން ވެސް ތިން މީހުން މަރުވެފައިވާއިރު, 440އަށްވުރެ ގިނަ ޢާއިލާއެއް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. އެ ޤައުމުގެ އަށް ޕުރޮވިންސެއްގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެފައިވާއިރު, 7,825 އޭކަރުގެ ދަނޑުބިމަށް ގެއްލުން ލިބިފައިވާ ކަމުގައި ޔުނިސެފުން ބުންޏެވެ.