ޚަބަރު

ޙިޒްބުاللهއަށް ވިއްކާފައި ވަނީ ޔަހޫދީ ޖާސޫސުން ގޮވާތަކެތި ހަރުކޮށްފައިވާ ޕޭޖަރުތަކެއް


ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ މެންބަރުން މުވާސަލާތު ކުރުމަށް ބޭނުން ކުރާ ޕޭޖަރުތަކެއް ގޮއްވައިލައި ނުވަ މީހުން ޝަހީދުކޮށް, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައި ވަނީ, އެ ޕޭޖަރުތަކުގައި ހަރުކޮށްފައިވާ ގޮވާތަކެތި ބޭނުން ކޮށްގެން ކަމުގައި އެ ޖަމާޢަތުން ބުނެފިއެވެ. ޙިޒްބުاللهގެ މުޖާހިދުންނާއި, ލުބްނާންގެ ޞިއްޙީ ޚިދުމަތްތެރިންގެ ބޭނުމަށް ގަނެފައިވާ އެ ޕޭޖަރުތައް ގޮއްވައިލައިގެން ޔަހޫދީން ދިން ޙަމަލާތަކުގައި 3,000އެއްހާ މީހުންނަށް ބޮޑެތި ޒަޚަމުތަކެއް ލިބުނެވެ. އެ ޙަމަލާގެ ފަހަތުގައި ވަނީ ޔަހޫދީ ޖަސޫސީ އިދާރާކަމަށް ޙިޒްބުاللهން ތުހުމަތު ކުރެއެވެ.

އެއީ, ޙިޒްބުاللهގެ ސަލާމަތީ ފިޔަވަޅުތައް ފޫއަޅުވައިލައިގެން ޔަހޫދީ ފައުޖުން މިހާތަނަށް ދީފައިވާ އެންމެ ބޮޑު, އަދި ނުރައްކާތެރި ޙަމަލާގެ ގޮތުގައި އެ ޖަމާޢަތުން ސިފަ ކުރެއެވެ. އެ ޙަމަލާގައި ޝަހީދު ކޮށްލާފައިވާ ނުވަ މީހުންގެ ތެރޭގައި އެ ޖަމާޢަތުގެ މުޖާހިދުންނާއި ޞިއްޙީ ޚިދުމަތްތެރިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ތެރޭގައި ބައިރޫތުގައި ހުންނަވާ އީރާނުގެ ސަފީރު ވެސް ހިމެނެއެވެ.

ޙިޒްބުاللهން ބުނީ, އެ ޖަމާޢަތުން ޕޭޖަރުތައް ގަނެފައި ވަނީ ތައިވާނުގެ ގޯލް އެޕޯލޯ ކުންފުނިން ކަމުގައެވެ. ނަމަވެސް, އެ ކަން ދޮގުކޮށް އެ ކުންފުނިން ބުނީ, އެއީ ބީއޭސީ ކިޔާ ކުންފުންޏަކަށް ދޫކޮށްފައިވާ ލައިސެންސެއްގެ ދަށުން އުފައްދާފައިވާ އާލާތްތަކެއް ކަމުގައެވެ. ޕޭޖަރުތައް ގޮއްވައިލައިގެން ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާގެ ބަދަލު ހިފާނެ ކަމަށް ބުނެ, ޙިޒްބުاللهން ވަނީ ޔަހޫދީންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ.

"މިއަދެކޭ އެއް ގޮތަށް, [ޔަހޫދީންނާ] ދެކޮޅަށް ހިންގަމުންދާ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނަން, ޣައްޒާއާއި އެ ސަހަރުގެ ރައްޔިތުންނާއި [ޔަހޫދީންނާ] ދެކޮޅަށް ހިންގަމުންދާ ހަރަކާތްތަކަށް ވާގިވެރިވުން ހިމެނޭ ގޮތަށް, އަދި ދުޝްމަނުން އަންގާރަ ދުވަހު ދިން ޙަމަލާތައް ވަރުގަދަ އަދަބެއް ދޭނަން،" ޙިޒްބުاللهން ނެރުނު ބަޔާނެއްގައި ޔަހޫދީންނަށް އިންޒާރު ދެމުން ބުންޏެވެ.

ސަލާމަތީ ދާއިރާގެ މާހިރުން ބުނީ, ޕޭޖަރުތައް ގޮއްވައިލައިގެން ދީފައިވާ ޙަމަލާއަކީ އެތަކެއް ދުވަހެއްގެ ރޭވުންތެރިކަމުގެ ދަށުން ޔަހޫދީން ދީފައިވާ ޙަމަލާއެއް ކަމުގައެވެ. ލުބްނާންގެ ސަލާމަތީ ދާއިރާގެ މަސްދަރަކުން ބުނީ, ޙިޒްބުاللهން ގޯލްޑް އެޕޯލޯ ކުންފުނިން 5,000 ޕޭޖަރަށް އޯޑަރުކޮށް އެ ތަކެތި ލުބްނާނަށް އެތެރެކޮށް ބޭނުން ކުރަން ފަށާފައި ވަނީ އަހަރުގެ ކުރީކޮޅު ކަމުގައެވެ.

"އެއީ އަޅުގަނޑުމެން އުފެއްދި އެއްޗެއް ނޫން. އެއީ, އަޅުގަނޑުމެންގެ ބްރޭންޑުގެ ދަށުން އެހެން ބަޔަކު އުފައްދާފައިވާ އެއްޗެއް،" ގޯލްޑް އެޕޯލޯ ކުންފުނީގެ ބާނީ ޝޫ ޗިންގ-ކުއާންގ ބުންޏެވެ. އެއީ, ވިލާތުގެ ޤައުމެއްގައި ހުންނަ ކުންފުންޏަކުން އުފައްދާފައިވާ ޕޭޖަރުތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް, އެއީ ކޮން ޤައުމެއް ކަން އޭނާ ސާފުކޮށްދީފައެއް ނެތެވެ.

ޙިޒްބުاللهން ބޭނުން ކުރަމުން ދިޔަ ޕޭޖަރުތަކަކީ, މުވާސަލާތު ކުރުމުގެ ބައެއް ޚިދުމަތްތައް ލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއްޗެކެވެ. މެސެޖު ލިބުމުގެ ޤާބިލުކަން އެ ޕޭޖަރުތަކަށް ލިބިފައިވީ ނަމަވެސް, އެއީ ފޯނު ކޯލު ކުރުމުގެ ޤާބިލުކަން ލިބިފައިވާ އާލާތެއް ނޫނެވެ. ޙިޒްބުاللهން އެ ފަދަ ވަސީލަތްތައް ބޭނުން ކުރަނީ ޔަހޫދީ ޖާސޫސުންގެ ނުބައިކަމުން ރައްކާތެރިވުމަށް އަޅާފައިވާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ. ސަބަބަކީ, ޙިޒްބުاللهގެ ވެރިންނާއި މުޖާހިދުން ގެންގުޅޭ މޮބައިލް ފޯނު ފަދަ ވަސީލަތްތައް ބޭނުން ކޮށްގެން އެ މީހުންގެ ލޮކޭޝަން ނުވަތަ އެ ވަގުތަކު ހުރި ތަނެއް ދެނެގަތުމަށް ޔަހޫދީ ޖާސޫސުން ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމެވެ.

ފެބްރުވަރީ މަހުގެ 13ވަނަ ދުވަހު ލުބްނާންގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދު ޙަސަން ނަޞްރުاللهވަނީ މޮބައިލް ފޯނު ފަދަ ވަސީލަތްތައް ބޭނުން ކުރުން ހުއްޓައިލުމަށް އެ ޖަމާޢަތުގެ މުޖާހިދުންނަށް އިރުޝާދު ދެއްވާފައެވެ. އޭނާ ވިދާޅުވީ, މޮބައިލް ފޯނަކީ, ޔަހޫދީ ޖާސޫސުންނަށް ވުރެ ނުރައްކާތެރިކަން ބޮޑު އެއްޗެއް ކަމުގައެވެ. އަދި, އެ ފަދަ އާލާތްތައް ނައްތައިލުމަށް އޭނާ ގޮވައިލެއްވިއެވެ.

ނަން ހާމަ ކޮށްފައި ނުވާ ލުބްނާންގެ ސަލާމަތީ ދާއިރާގެ މަސްދަރަކުން ބުނީ, އެ ޕޭޖަރުތައް އުފެއްދުމުގެ މަރުޙަލާގައި ޔަހޫދީ ޖާސޫސުން އޭގައި ގޮވާތަކެތި ހަރުކޮށްފައިވާ ކަމުގައެވެ. "މޮސާދުން [ޔަހޫދީންގެ ޖާސޫސީ އިދާރާއިން] އެ އާލާތްތަކުގެ ތެރެއަށް ކުޑަ ބޯޑެއް ވަނީ އިތުރު ކޮށްފައި, އެއީ ގޮވާތަކެތި ހިމެނޭ ބޯޑެއް, އަދި އެއަށް ވަކި ކޯޑެއް ފޮނުވުމުން އޭތި ގޮވާގޮތަށް ފަރުމާ ކޮށްފައިވާ އެއްޗެއް. އޭގައި ގޮވާތަކެތި ހުރިކަން ދެނެގަތުމަކީ ވަރަށް އުނދަގޫ ކަމެއް،" އޭނާ ބުންޏެވެ.

ޕޭޖަރުތައް ގޮއްވައިލައިގެން ޔަހޫދީން ދީފައިވާ ޙަމަލާގެ ސަބަބުން ޙިޒްބުاللهގެ ގިނަ ޢަދަދެއްގެ މުޖާހިދުންނަށް ވަނީ ބޮޑެތި ޒަޚަމުތަކެއް ލިބިފައެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ހަސްފަތާލުތަކުގައި އެޑްމިޓުކޮށް ފަރުވާ ދީފައެވެ. ގިނަ ބަޔެއްގެ މޫނާއި, އަތާއި އުނަގަނޑަށް ވަނީ ޒަޚަމުތައް ލިބިފައެވެ.

ޔަހޫދީ ޖާސޫސުންގެ ނުބައިކަމުން ސަލާމަތްވުމަށް ޙިޒްބުاللهން ފެބުރުވަރީ މަހު ޚާއްޞަ ރޭވުންތަކެއް ރޭވިއެވެ. ސަބަބަކީ, އެ ޖަމާޢަތުގެ އިސް ކޮމާންޑަރުންނާއި މުޖާހިދުން ޝަހީދު ކުރުމަށް ޖާސޫސީ މަޢުލޫމާތު ބޭނުން ކޮށްގެން ޔަހޫދީ ފައުޖުން ހިންގަމުންދާ އޮޕަރޭޝަންތައް ހުއްޓުވުމެވެ. އެ ފަދަ އޮޕަރޭޝަންތަކުގައި ޝަހީދު ކޮށްލާފައިވާ މުޖާހިދުންގެ ޢަދަދު 170އަށް އުފުލިފައިވާއިރު, އޭގެ ތެރޭގައި ޙިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރު ވެސް ހިމެނެއެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ ބައިރޫތަށް ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާއެއްގައެވެ.

ޕޭޖަރުތައް ގޮއްވައިލައިގެން ޔަހޫދީ ފައުޖުން ޙިޒްބުاللهގެ މުޖާހިދުންނަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައި މި ވަނީ, ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ދެ ފަރާތުގެ މެދުގައި ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ, މީގެ 11 މަސް ކުރިން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ. ޙިޒްބުاللهގެ ޙަމަލާތަކުގެ މަޤުޞަދަކީ, ޣައްޒާގެ މުޖާހިދުންނަށް ވާގިވެރިވުމާއި, ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެންނަން ބާރު އެޅުމެވެ.