ޚަބަރު

10 ދުވަހުގެ ތެރޭގައި ޑިރެކްޓަރުން ޢައްޔަންކުރަންޖެހޭ ގޮތަށް ކުންފުނިތަކުގެ ޤާނޫނަށް ގެނައި އިސްލާޙު ތަސްދީޤުކުރައްވައިފި


  • ޑިރެކްޓަރުން ޢައްޔަންކުރަން ކުރިންއޮތް 1 މަސް މިހާރުވަނީ 10 ދުވަހަށް ބަދަލުކޮށްފައި

  • ޖަލްސާ ބޭއްވުމަށް އަންގާތާ 21 ދުވަހުގެ ތެރޭގައި ދަޢުވަތު ފޮނުވަން އޮތް މުއްދަތުވަނީ 3 ދުވަހަށް ކުޑަކޮށްފައި

  • ޖަލްސާ ބޭއްވުމަށް އޮތް 3 މަސް 10 ދުވަހަށްވަނީ ކުޑަކޮށްފައި

ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް އެކުންފުންޏެއްގައި ޑިރެކްޓަރުން ނެތިގެން، ޑިރެކްޓަރުން ޢައްޔަންކުރުމަށް ރަޖިސްޓްރާ އަންގާތާ 10 ދުވަހުގެ ތެރޭގައި ޑިރެކްޓަރުން ޢައްޔަންކުރަންޖެހޭގޮތަށް ކުންފުނީގެ ޤާނޫނަށް ގެނެސްފައިވާ އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ.

މިއިސްލާޙަކީ ދައުރުން ބޭރުން އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ އިސްލާޙެކެވެ.

ރާއްޖޭގައި ކުންފުނި އުފައްދާ ހިންގުމުގެ ޤާނޫނުގައިވަނީ ކުންފުނިތަކުގައި ތިބެންޖެހޭ ޑިރެކްޓަރުންގެ ޢަދަދު ބަޔާންކޮށްފައެވެ. އެގޮތުން ކޮންމެ ޕަބްލިކް ކުންފުންޏެއްގައި، މަދުވެގެން 2 ޑިރެކްޓަރުން އަދި ކޮންމެ ސަރުކާރުގެ ކުންފުންޏަކާއި، ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން 3 ޑިރެކްޓަރުން ތިބެންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެހެންނަމަވެސް އެހެން ޤާނޫނެއްގައި، ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ޤާނޫނެއްގައި ނުވަތަ ޤަރާރެއްގައި، ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި، އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ ޢަދަދު އިތުރުކުރުމަށް މި މާއްދާ ހުރަސް ނާޅާނެކަމަށްވެސްވަނީ ބަޔާންކޮށްފައެވެ.

މިގޮތަށް އޮންނައިރު އެކުންފުންޏެއްގައި ތިބެންޖެހޭ ޑިރެކްޓަރުންގެ ޢަދަދު ހަމަނުވާކަމުގެ މަޢުލޫމާތު ރަޖިސްޓްރާއަށް ލިބޭ ހިސާބުން ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް ޑިރެކްޓަރުން ޢައްޔަންކުރުމަށް އެކުންފުންޏަށް އެނގުމުގެ ބާރު ރަޖިސްޓްރާއަށް ޤާނޫނުން ލިބިދެއެވެ. މީގެކުރިން ޑިރެކްޓަރުން ޢައްޔަންކުރުމަށް 30 ދުވަހުގެ މުއްދަތެއް ދީފައި އޮތްނަމަވެސް އަލަށް ގެނައި އިސްލާޙުގައިވަނީ މިމުއްދަތު 10 ދުވަހަށް ބަދަލުކޮށްފައެވެ. އަދި ޑިރެކްޓަރުންގެ މަޢުލޫމާތާއި ޢައްޔަންކުރަންޖެހުނު ސަބަބު ބަޔާންކުރާ ޤަރާރާއި ޑިރެކްޓަރުކަމުގެ ޝަރުޠު ފުރިހަމަވާ މީހެއްކަމަށް ބަޔާންކޮށް، ނޯޓަރައިޒްކޮށްފައިވާ އިޤުރާރު، ރަޖިސްޓްރާއަށް އެ 10 ދުވަހުގެ ތެރޭގައި ހުށައަޅަންޖެހޭގޮތަށްވަނީ އިސްލާޙުކޮށްފައެވެ.

މީގެއިތުރުން ކުންފުނީގެ ޤާނޫނަށް އަލަށް ގެނެވުނު އިސްލާޙުގައިވަނީ ކުންފުނިތަކުގެ ޚާއްސަ ޢާއްމު ޖަލްސާ ބޭއްވުމާއި ގުޅޭގޮތުންވެސް ޤާނޫނުގެ ދެއަކުރަކަށް ބަދަލުގެނެސްފައެވެ. އެގޮތުން ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި ޖަލްސާގެ ދަޢުވަތު ދިނުމަށް އޮތް މުއްދަތު 3 ދުވަހަށްވަނީ ކުޑަކޮށްފައެވެ. އަދި ޖަލްސާ ބޭއްވުމަށް އެދި ހުށައަޅާތާ 3 މަސްދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވުމަށް އޮތްއޮތުން ބަދަލުކޮށް ޖަލްސާ ބޭއްވުމަށް އަންގާތާ 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަންޖެހޭނެކަން ބަޔާންކޮށްވަނި ޤާނޫނަށް އިސްލާޙު ގެނެސްފައެވެ.

މިޤާނޫނުގައި ޚާއްސަ ޢާއްމު ޖަލްސާ ބޭއްވުމަށް ނޯޓިސް ފޮނުވަންޖެހޭ މުއްދަތަށްވެސް ވަނީ އިސްލާޙު ގެނެސްފައެވެ. އެގޮތުން ޕްރައިވެޓް އަދި ޕަބްލިކް ކުންފުނިތަކުންވެސް ޚާއްޞަ ޢާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަން 14 ދުވަސްކުރިން ކުންފުނީގެ މެމްބަރުނަށް އެންގުމަށް އޮތްއޮތުން ބަދަލުކޮށް 7 ދުވަހުގެ ނޯޓިސް މުއްދަތަށްވަނީ ކުޑަކޮށްފައެވެ.

ކުންފުނީގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.