ޚަބަރު

ޢާއްމު ސަލާމަތަށް ނުރައްކާވާގޮތަށް މަސައްކަތްކުރަމުންދިޔަ 16 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • އެ މީހުން ގެންގޮސްފައިވަނީ މާފަންނުގެ 4 ގެއެއް ބަލައި ފާސްކުރުމަށްފަހު

  • ކިއްލި ތައްޔާރުކުރަމުންދިޔަ މީހުންނާއި ސާފުތާހިރުކަމެއްނެތި ކާބޯތަކެތި ވަނީ ތައްޔާރުކޮށްފައި

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށްގެންދާ އޮޕަރެޝަންގެ ތެރެއިން 16 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ މިމީހުންނަކީ ޢާއްމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް މާލެ ސަރަޙައްދުގައި ދިރިއުޅެމުންދިޔަ ބައެއްކަމަށެވެ.

ޤަވާއިދާ ޚިލާފަށް މާލޭގައި އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. މިއޮޕަރޭޝަންގެ ދަށުން މާލޭގެ އެކި ސަރަޙައްދުތައް ބަލައި ފާސްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ބިދޭސީން ދިރިއުޅެމުންދިޔަ 4 ގެއެއް ބަލައި ފާސްކުރުމަށް ކުރިއަށްގެންދިޔަ ރެއިޑުތަކުގައި މާފަންނުން 16 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ބަލައި ފާސްކުރި ބައެއް ތަންތަނަކީ ސާފުތާހިރުކަމަށް ބެލުމެއް ނެތި ވިޔަފާރިކުރުމުގެ ބޭނުމުގައި އެކި ބާވަތުގެ ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ތަންތަންކަމަށެވެ. އަދި މިތަންތަނުގައި ހުރީ ޢާއްމު ސަލާމަތަށް ނުރައްކާވެދާނެ ފަދަ ގޮތްތަކަށްކަންވެސް އެއިދާރައިން ފާހަގަކުރައްވައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ޢާއްމުކޮށްފައިވާ ވީޑިއޯގައި ދުފުމަށް ބޭނުންކުރާ ކިއްލި ތައްޔާރުކުރުމަށް ބޭނުންވާ އެކި ބާވަތްތައް ހުރިކަން ފާހަގަކޮށްލެވެއެވެ. އަދި ގޭސް އުނދުން ނުރައްކާތެރިގޮތަކަށް ބޭނުންކުރަމުންދިޔަކަންވެސް ފާހަގަކޮށްފައެވެ. ހަމައެއާއެކު ސާފުތާހިރުކަމެއް ނެތި ކާޑުގެ އެކި ބާވަތްތަކާއި ކެއްކުމަށް ބޭނުންކުރާ އެނޫންވެސްތަކެތި ބޭނުންކުރަމުން ގޮސްފައިވާކަންވެސް ވީޑިއޯތަކުން ފެނެއެވެ.

ޢާއްމު ސަލާމަތަށް ނުރައްކާވާފަދަ ގޮތްގޮތަށް ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުންދާ ތަންތަނަށް އަމާޒުކޮށް އިމިގްރޭޝަންގެ އޮޕަރޭޝަން މިހާރު ވަނީ ފުޅާކޮށްފައެވެ.

ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުންދިޔަ ތަންތަނުގައި މީގެކުރިން ހިނގާފައިވާ އަލިފާނުގެ ބޮޑެތި ޙާދިސާތަކުގައި ހިތާމަވެރި އެތައްކަމެއްވަނީ ހިނގާފައެވެ. ހަމައެއާއެކު ސިއްޙީގޮތުން ބަލަންޖެހޭ ކަންކަމަށް ބެލުމެއްނެތި ޢާއްމު ސާފުތާހިރުކަމެއް ނެތި ތައްޔާރުކުރާ އެކި ބާވަތުގެ ކާބޯތަކެތި ބާޒާރުގައި ވިއްކަމުންދާކަންވެސް މިރެއިޑުތަކުގައި ވަނީ ހާމަވެފައެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންދާކަން ހާމަވެފައިވާއިރު އެކަންކަން ހުއްޓުވުމަށް ސަރުކާރުގެ ހުރިހާ މުވައްސަސާތަކެއް ވަނީ ގުޅިގެން މަސައްކަތް ފަށާފައެވެ.