ޚަބަރު

އިޤްތިޞާދަށް އިންގިލާބެއް ގެނުވާނެ ބަންކަރިންގެ ޚިދުމަތް ފަށައިފި


  • ބަންކަރިންއަށް ދެ އުޅަނދު ވަނީ ރާއްޖެ ގެނެސްފައި

  • ޚިދުމަތްދޭނީ އެސްޓީއޯއިން

އިޤްތިޞާދު ސިންދަފާތުކުރުމަކީ މިހާތަނަށް ހުރިހާ ސަރުކާރެއްގައިވެސް ދެކެވޭ ވާހަކައެކެވެ. ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިޤްތިޞާދު ސިންދަފާތުކުރުމުގެ މުހިންމުކަން ކޯވިޑުގެ ދުވަސްވަރު ހާމަވިއެވެ. ޤައުމުގެ މައި ސިނާޢަތް ބަންދުވި ދުވަހު ޤައުމު ބަރޯސާވާނެ އިތުރު ސިނާޢަތެއް ނެތެވެ. މިއާއެކުވެސް ސިންދަފާތު ކުރުމަށް ހަރުދަނާ މަސައްކަތެއް ނުކުރެވި އޮތްކަމީ ފެންނަން އޮތް ހަޤީޤަތެކެވެ.

ނަމަވެސް އިޤްތިޞާދު ސިންދަފާތުކުރުމުގެ މަސައްކަތް މި ސަރުކާރުން ޢަމަލީ ގޮތުން ދަނީ ސާބިތުކޮށްދެމުންނެވެ. އެގޮތުން ދައުރުގެ އެންމެ ކުރީކޮޅު މިވަނީ، ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ މާލީ ސިނާޢަތެއް ޤާއިމް ކުރުމުގެ މަސައްކަތް ފަށްޓަވާފައެވެ.

ބައިނަލްއަޤްވާމީ ބަންކަރިން، އިޤްތިޞާދު ސިންދަފާތުކުރުމުގެ ފުރަތަމަ މަސައްކަތް

އިޤްތިޞާދު ސިންދަފާތުކުރުމަށް މާލީ ސެންޓަރުތައް އުފެއްދުމާއި، ޑިވެލޮޕްމަންޓް ބޭންކު އުފެއްދުން ހިމެނެއެވެ. މީގެތެރެއިން އެންމެ ފުރަތަމަ މަސައްކަތަކީ ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް އުތުރުގައި ފެށުމެވެ.

މި ޚިދުމަތް އުތުރުގައި ފެށުމަށް ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ. މިޚިދުމަތް ފަށްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގައި ހއ.އަތޮޅު ތަމްސީލްކުރާ 5 މެމްބަރުންނެވެ.

ރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ. އެކުންފުނިން ވިދާޅުވީ، ބަންކަރިން ޚިދުމަތަށް މިހާރުވެސް ބުކިން ލިބެމުންދާކަމަށެވެ. ބަންކަރިންގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން ވަނީ 2 ބޯޓު ރާއްޖެ ގެނެސްފައެވެ. މިއީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ 2 ބޯޓެވެ.

ބަންކަރިންގެ ޚިދުމަތް ފެށުމުގެ ގޮތުން ވަނީ އެންމެ ފުރަތަމަ މި ޚިދުމަތް ފޯރުކޮށްދިން ބޯޓުތަކަށް ވޯޓާ ސެލިއުޓް ދީފައެވެ. ބަންކަރިން އެންމެ ފުރަތަމަ ފެށީ، މިކަމަށް ބޭނުންކުރާ މެރިން ބެއްލާއިން، އެމްއެސްއެސްގެ ބޯޓު، ވައިސީ ބެރިއަރއަށް ތެޔޮ ފޯރުކޮށްދީގެންނެވެ.

ރާއްޖެ އޮތް ސަރަޙައްދުގެ ފައިދާ ހޯދާނެ

ރާއްޖެ އޮންނަ ސަރަޙައްދަކީ ބައިނަލްއަޤްވާމީ އެތައް ލައިނަރއެއް ދަތުރުކުރާ މައި އެއް ރޫޓެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބޯޓުފަހަރެއް އެތައް ބިލިޔަން ޑޮލަރުގެ މުދާ ކޮންޓެއިނަރާއެކު ރާއްޖޭގެ އެންމެ އުތުރުން ދަތުރުކުރެއެވެ.

އެބޯޓު ފަހަރު މިހާތަނަށް ބަންކަރިންގެ ޚިދުމަތް ހޯދަމުން އައީ ސަރަޙައްދީ ބައެއް ޤައުމުތަކުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާ އަދި ސިންގަޕޫރުން ބަންކަރިންގެ ޚިދުމަތް ހޯދަމުން ދެއެވެ. އެއީ ރާއްޖެއިން "ލޯ ސަލްފާ ފިއުލް" ލިބެން ނެތުމުންނެވެ.


ރާއްޖެ ހުރަސްކޮށް ދަތުރުކުރާ އެ ބޯޓުތަކަށް ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ދޭން ފަށައިފިނަމަ، އެ ބޯޓުފަހަރު އެންމެ ފުރަތަމަ މަޑުކުރާނެ އެއް މަންޒިލަށް ރާއްޖެ ވާނެއެވެ. މިކަން އެނގިތިބެވެސް މިހާތަނަށް މި ޚިދުމަތް ރާއްޖޭގައި ފެށިފައިނުވުމަކީ އެހެން ޤައުމުތަކުން އެކަމުގެ ފައިދާ ހޯދަމުންދިޔަކަމެވެ.

ނަމަވެސް މިއަދު މި ފެށި ޚިދުމަތާއެކު މިސަރަޙައްދުން ދަތުރުކުރާ ބޯޓު ފަހަރު ރާއްޖޭގައި މަޑުކޮށް ބަންކަރިންގެ ޚިދުމަތް ހޯދަމުންދާނެއެވެ. އެ ބޯޓުތަކަށް ބޭނުންވާ ލޯ ސަލްފާ ފިއުލްއާއި ޑީސަލްވެސް ރާއްޖެއިން މިހާރު އެބޯޓުތަކަށް ލިބޭނެއެވެ.

މުޅިން އައު ސިނާޢަތެއް

ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ މިހާރު ހުރީ 6.5 ބިލިޔަން އެމެރިކާ ޑޮލަރުގައެވެ.

ނަމަވެސް ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެއެވެ.

ބަންކަރިންއާ ގުޅިފައިވާ އެހެން ޚިދުމަތްތައް ދިނުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްއިން ވަނީ އުތުރު މެރިޓައިމް ސަރވިސަސް ޤާއިމްކޮށްފައެވެ. އެގޮތުން އެ ބޯޓުފަހަރަށް ބޭނުންވާ މެރިޓައިމް ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.

އޭގެތެރޭގައި ޕައިލޮޓޭޖްގެ ޚިދުމަތާއި، ޑޮކިންގެ ޚިދުމަތާއި، ކުރޫން ބަދަލުކުރުމާއި، މެއިންޓަނަންސްފަދަ މުހިންމު ޚިދުމަތްތައް ދެމުންދާނެއެވެ. މިއީވެސް ރާއްޖޭގެ އިޤްތިޞާދަށް ބޭރު ފައިސާ ވަންނާނެކަމެކެވެ.

ރާއްޖޭގައި މިފެށި ބަންކަރިންއާއި، މެރިޓައިމް ޚިދުމަތްތަކާއެކު އިޤްތިޞާދަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ޞިނާޢަތަކަށް މި ސިނާޢަތް ހެދޭނެކަމަށް މި ޚިދުމަތުގައި މަސައްކަތްކުރާ ބޭފުޅުން ވިދާޅުވެއެވެ.