ކުޅިވަރު

ސީޖީއެފްގެ އޯޝެނިއާ އާއި އޭޝިއާ ސަރަހައްދުގެ ބައްދަލުވުން ރާއްޖޭގައި ފަށައިފި


ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) ގެ އޯޝެނިއާ އާއި އޭޝިއާ ސަރަހައްދުގެ ބައްދަލުވުން ރާއްޖޭގައި ފަށައިފިއެވެ. މި ބައްދަލުވުން ކުރިއަށްދާނީ މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކްރޮސްރޯޑްސްގައެވެ.

މިއީ އޭޝިއާގައި މި ބައްދަލުވުން ކުރިއަށްދާ ފުރަތަމަ ފަހަރެވެ. އަދި މި ތާރީޚީ ޝަރަފު ލިބިފައިވަނީ ރާއްޖެ އަށެވެ. މި ބައްދަލުވުމުގައި 21 ގައުމުގެ އޮފިޝަލުން ބައިވެރިވަމުން އަންނަ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މައުލޫމާތުދެއެވެ.

ސީޖީއެފްގެ އޯޝެނިއާ އާއި އޭޝިއާ ސަރަހައްދުގެ ބައްދަލުވުން ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. ރަސްމިއްޔާތަށްފަހު ދެއްވި އިންޓަރވިއުއެއްގައި ވަޒީރު ވަނީ މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ ތާރީޚީ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ބައްދަލުވުމާއެކު ރާއްޖެއަށް ކުޅިވަރުގެ ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ސީޖީއެފްގެ އޯޝެނިއާ އާއި އޭޝިއާ ސަރަހައްދުގެ ބައްދަލުވުން ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ފެޑެރޭޝަންގެ ރައީސް ކްރިސް ޖެންކިންސް އާއި އެމްއޯސީގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު ވަނީ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަދައްކަވާފައެވެ.

ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން މި ގޭމްސްގައި ބައިވެރިވަމުން އައި ނަމަވެސް، 2016 ވަނަ އަހަރު ކޮމަންވެލްތުން ވަކިވާން ނިންމުމާއެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެއަށް ގެއްލުނެވެ. އެގޮތުން 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ވާދަނުކުރެއެވެ.

އެކަމަކު ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިއުލާންކުރިއިރު، ރާއްޖޭން ވަނީ 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވާދަކޮށްފައެވެ.