ޕޯޗުގަލްގެ ލިސްބަންގައި މިހާރު ކުރިއަށްދާ 2 ވަނަ އައިއޭޕީ ގްލޯބަލް ފޯރަމް ފޮރ އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓަރސް އަދި 15 ވަނަ އައިއޭޕީ ޔޫރަޕިއަން ރީޖަނަލް ކޮންފަރަންސްގައި ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ބައިވެރިވެ ވަޑައިގެންފިއެވެ.
 
ބިޝާމްވަނީ މި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދިޔަ އިންސާނީ ވަގުފާރިއާބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުމުގެ ސެޝަނެއްގެ ރިޔާސަތުވެސް  ބަލަހައްޓަވާފައެވެ.
 
އެކަމަނާ ރިޔާސަތު ބަލަހައްޓަވާފައިވަނީ މިއަދުގެ ހެނދުނުގެ ދަންފަޅީގައި ކުރިއަށްދިޔަ 'ހިއުމަން ޓްރެފިކިންގ ވިތިން އަ ޓްރާންސްނޭޝަނަލް ލީގަލް ފްރޭމްވަރކް' މި ތީމްގެ މައްޗަށް އޮތް ސެޝަންގައެވެ.
 
މި ދަންފަޅީގައި ހުށަހަޅައިދިން ޕްރެޒެންޓޭޝަންތަކުގައި އަލިއަޅުވާލާފައިވަނީ ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްއިން ޙުކުމްކޮށްފައިވާ އިންސާނީ ވަގުފާރިއާބެހޭ މައްސަލައަކާ ގުޅޭގޮތުންނާއި މިދާއިރާއިން ޕްރޮސިކިއުޓަރުންނާއި ޖުޑީޝަރީ ޕްރޮފެޝަނަލުން ތަމްރީންކުރުމުގެ މުހިއްމުކަމުގެ މައްޗަށްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތުދެއްވައެވެ.
 
ޕްރޮސިކިއުޓަރ ޖެނެރަލް މިއަދުގެ ސެޝަންގެ ރިޔާސަތު ބަލަހައްޓަވައިދެއްވާފައިވަނީ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓަރސްގެ ދަޢުވަތަކަށްކަމަށްވެސް ޕީޖީ އޮފީހުން މަޢްލޫމާތު ދެއްވައެވެ.