 
										
			ސޫރިޔާގައިވާ އައިއެސް ޖަމާއަތުގެ އަމާޒުތަކަށް ވައިގެ މަގުން ޙަމަލާތަކެއް ދީފިކަން އެމެރިކާ ހާމަކޮށްފިއެވެ.
 
އެމެރިކާގެ އަސްކަރީ މަސްއޫލުވެރިއަކު ވިދާޅުވީ ހޮނިހިރު ދުވަހު މިޙަމަލާތައް ދިނީ މެޑިޓަރޭނިޔަން ކަނޑުގައިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއްކަމަށްވާ ހެރީޓްރޫމަން ބޭނުންކޮށްގެން ކަމަށެވެ. މިއީ މެޑިޓަރޭނިޔަން ކަނޑުގައިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއް ބޭނުންކޮށްގެން ސޫރިޔާގައިވާ އައިއެސްގެ އަމާޒުތަކަށް ފާއިތުވި ދެއަހަރުތަރޭގައި އެމެރިކާ ދިން ފުރަތަމަ ޙަމަލާތައް ކަމަށްވެސް އެމެރިކާގެ އަސްކަރީ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.
 
އެމެރިކާ މިޙަމަލާތައް ދިން އިރު ރަޝިޔާއާއި ސޫރިޔާގެ ވައިގެ ސިފައިންވެސް ގެންދަނީ ސޫރިޔާގައިވާ އައިއެސްގެ މައިމަރުކަޒުތައް ހުންނަ އައްރިއްގާއަށް ހަމަލާތައް ދެމުންނެވެ. މިޙަމަލާތަކުގެ ބޭނުމަކީ އައިއެސްގެ އަތްދަށުން އައްރިއްގާ މިނިވަން ކުރުމަށް މަގުފަހިކުރުން ކަމަށް ސޫރިޔާ ސަރުކާރުން ބުނެއެވެ.
 
އައްރިއްގާގެ ބައެއް ސަރަހައްދުތަކަށް ސޫރިޔާ ސިފައިންގެ އެއްގަމު ލަޝްކަރުތައް އިއްޔެ ވަދެފައިވާ ކަމަށް ރިޕޯޓްތައް ބުނިނަމަވެސް ސޫރިޔާ ސަރުކާރުން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
 
އައްރިއްގާ އަކީ އައިއެސް ޖަމާއަތުން އެޖަމާއަތުގެ ވެރިރަށުގެ ގޮތުގައި ބޭނުންކުރާ ރަށެވެ. އެރަށް މިނިވަންކުރެވިއްޖެނަމަ އައިއެސްގެ ބާރު ސޫރިޔާގައި ކުޑަވެ އެޖަމާއަތް ބަލިކަށިވެގެންދާނެ ކަމަށް ތަޖްރިބާކާރުން ލަފާކުރެއެވެ.