ޚަބަރު

ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުގެ މުޢާމަލާތްތަކަށް ޚާއްސަ ޕްރޮމޯޝަނެއް


  • މި ޕްރޮމޯޝަން ފަށާފައިވަނީ 20 އަހަރު ފާހަގަކުރުމަށް

  • އެމެރިކަން އެކްސްޕްރެސް އަކީ ދިވެހިންގެ މެދުގައި މަގުބޫލު ބްރޭންޑެއް

އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސްއިން ފަށައިފިއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސްއާއެކު ގާއިމުކޮށްފައިވާ އެކްސްކުލޫސިވް ޕާޓްނަރޝިޕްގެ ދަށުން އެމެރިކަން އެކްސްޕްރެސްގެ ޚިދުމަތް ދިވެހިރާއްޖޭގައި ދެމުން އަންނަތާ 20 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.

ޖުލައި މަހުން ފެށިގެން ބާއްވަމުން އަންނަ ސިލްސިލާ ހަރަކާތްތަތަކުގެ ތެރެއިން، މިހާރު ވަނީ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަނެއް ހުޅުވާލާފައެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކާޑުން މަދުވެގެން 3،000 ރުފިޔާގެ ވިޔަފާރިކުރުމުން 20،000 ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ހޯދުމަށް ގުރުއަތެއްގައި ބައިވެރިވެވޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. ފްލައިޓް، ކާރު ނުވަތަ ހޮޓެލް ބުކް ކުރުމަށް ނުވަތަ ރާއްޖޭގެ ވިޔަފާރިތަކުންނާއި އެމެޒޯން، އެޕަލް އަދި ސްޕޮޓިފައި ފަދަ ރާއްޖޭން ބޭރުގެ މަރޗަންޓްތަކުން ގިފްޓް ކާޑު ގަތުމަށްވެސް ބީއެމްއެލް ރިވޯޑް ޕޮއިންޓް ބޭނުންކުރެވޭނެއެވެ.

ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ 2004ވަނަ އަހަރު ރާއްޖެއަށް އެމެރިކަން އެކްސްޕްރެސްގެ ފުރަތަމަ ކްރެޑިޓް ކާޑު ތައާރަފްކޮށް އެއަށްފަހު ދުނިޔޭގެ ފުރަތަމަ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ބީއެމްއެލް އިން ރާއްޖެއަށް ތައާރަފު ކުރެވުނުކަމީ އެ ބޭންކަށް ލިބުނު ފަޚުރެއްކަމަށެވެ.

"މިއަދު، އަޅުގަނޑުމެންގެ 20 އަހަރުގެ އެކްސްކްލޫސިވް ޕަރޓްނާޝިޕް އާއެކު، އެމެރިކަން އެކްސްޕްރެސް އަކީ ދިވެހިންގެ މެދުގައި މަގުބޫލު އަދި އިތުބާރުކުރާ ބްރޭންޑެއް. އެމެރިކަން އެސްޕްރެސް އިން އަބަދުވެސް އަޅުގަނޑުމެންގެ ކާޑު މެންބަރުންނަށް ޚާއްސަ އޮފަރތައް ފޯރުކޮށްދޭ. އަޅުގަނޑުމެން މިފަހުން ތައާރަފްކުރި ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑު ވެފައިވަނީ، އެކާޑުން ލިބޭ ޚާއްސަ ފައިދާތަކާއެކު ކަސްޓަމަރުން ނުހަނު ބޮޑަށް ބޭނުންވާ ޕްރޮޓަކްޓަކަށް." މޫސާ ނިމާލް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ 345،000އަށްވުރެ ގިނަ ކަސްޓަމަރުންނާއިއެކު 7،900 އަށްވުރެ ގިނަ މަރޗަންޓު ހުރެއެވެ. ބީއެމްއެލް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ އެކްސްކްލޫސިވް އިޝުއަރ އަދި މަރޗަންޓް އެކުއަރިންގ ޕާރޓްނަރެވެ.