ޚަބަރު

އަމާޒަކީ ކަނޑުދަތުރުކުރުމުގައި ބޭނުންކުރާ ހަކަތަ ތިމާވެށްޓާ ރަށްޓެހި ހަކަތައަށް ބަދަލުކުރުން


  • މިއަހަރުގެ ޝިއާރަކީ "ނެވިގޭޓިން ފިއުޗަރ - ސޭޕްޓީ ފަސްޓް"

  • މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ މި ދާއިރާ ފުޅާކުރުން

ވޯލްޑް މެރިޓައިމް ޑޭ ނުވަތަ ދުނިޔޭގެ ކަނޑު ދަތުރުފަތުރާ ގުޅޭ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރ މަހުގެ ފަހު ހަފްތާގެ ބުރާސްފަތި ދުވަހެވެ. މިއަހަރުގެ މެރިޓައިމް ދުވަސް ދިމާވަނީ ސެޕްޓެމްބަރ 26 ވަނަ ދުވަހާއެވެ.

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންއިން މިއަހަރުގެ ކަނޑުދަތުރުފަތުރާއި ބެހޭ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ނެވިގޭޓިން ފިއުޗަރ - ސޭޕްޓީ ފަސްޓް" އެވެ.

މި ޝިއާރާއެކު އެ އޯގަނައިޒޭޝަނުން ހާސިލްކުރަން ބޭނުންވާ 2 ކަމެއް ވަނީ ފާހަގަކޮށްފައެވެ. އެއީ 2050 ވަނަ އަހަރު އަންނަންވާއިރަށް މިހާރު ބޭނުންކުރާ ހަކަތަ ނޫން އެހެން ހަކަތައެއް ބޭނުންކޮށްގެން އުޅަނދުފަހަރުތައް ދުއްވުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެއަށް އަންނަ އިންޤިލާބާއެކު ކަނޑުދަތުރުފަތުރުކުރާ އުޅަނދުތައް މެރިޓައިމް އޮޓޮނަމަސް ސަރފޭސް ޝިޕްގެ ގޮތުގައި ގެންގުޅުމުގެ މަސައްކަތް ކުރުމެވެ.

މެރިޓައިމްގެ ދާއިރާއަކީ މުޅި ދުނިޔޭގައިވެސް ހަލުވިކަމާއެކު ފުޅާވަމުން އަންނަ ދާއިރާއެކެވެ. ދުނިޔޭގެ %90 މުދާ އެއްތަނުން އަނެއްތަނަށް ގެންދަނީ ކަނޑުމަގުންނެވެ.

ކަނޑުދަތުރުފަތުރުގެ ދުވަހެއް ފަހަގަކުރާއިރު ރާއްޖެއަކީ %99 ކަނޑުގެ ސަރަހައްދު އޮތް ޤައުމެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކަނޑުދަތުރުފަތުރުގައި ހިމެނޭ އުޅަނދުގެ އަދަދު 15،000 އަށްވުރެ މައްޗަށް އަރައެވެ.

ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ތާރީޚަށް ބަލާއިރު 1960 ގެ އަހަރުތަކުގައި ރާއްޖޭގައި ދަތުރުފަތުރުކޮށް އުޅުނީ ރިޔަލުގައެވެ. ސަރުކާރުގެ ބޭނުމަށް ބޭނުންކުރުމަށް 1 ނުވަތަ 2 ލޯންޗެއް އެއިރުވެސް އޮވެއެވެ. ނަމަވެސް 1960 ގެ އަހަރުތަކުގައި އައްޑޫއާއި މާލެއާ ދެމެދުގައި އިންޖީނުއެޅި "އެރީނާ" ކިޔާ ބޯޓެއް ދަތުރުކުރިއެވެ. އޭގެފަހުން ރާއްޖެއަށް އިންޖީނު ތަޢާރަފްވެގެން އައީ 1970 ގައެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑައިރެކްޓަރ ޕޯރޓްސް އެންޑް މެރިޓައިމް ހުސައިން ނަޒީރު ވިދާޅުވީ، ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ އުޅަނދުތަކަކީ ކޮންމެ އަހަރަކު 1 ފަހަރު އެ ވުޒާރާއިން ބަލައި ފާސްކުރާ އުޅަނދުތަކެއްކަމަށެވެ.

މީގެއިތުރުން 2016 ވަނަ އަހަރު ޤަވައިދަށް ގެނައި ބަދަލާއި ގުޅިގެން ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ އުޅަނދުފަހަރުގައި ތިބޭ ކެޕްޓަނުންނަކީ އެ ވުޒާރާއިން ކަނޑައަޅާފައިހުރި ސިލަބަސްތަކެއްގެ ތެރެއިން ތައުލީމް އުނގެނިގެންތިބި ބަޔަކަށް ވެގެންގޮސްފައިވާކަމަށެވެ.

"ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހައި އުޅަނދުތަކަކީ ކޮންމެ އަހަރަކު 1 ފަހަރު އަޅުގަނޑުމެންގެ މުވައްސަސާގެ ކަމާބެހޭ ބޭފުޅުން އަރއި ސަރވޭކޮށްފައި ހުންނަންޖެހޭ ތަކެއްޗާއި ކަންކަން ފުރިހަމަވެފައި ހުރިކަން ޔަޤީންކުރުމަށްފަހު މި ޓްރޭޑްކުރެވެމުންދާ ކަންތައްތަކެއް މިއީ. ޚާއްސަކޮށް ލޯކަލް އުޅަނދުތަކަކީ ވަރަށް ބޮޑަށް ރެގިއުލޭޓް ކުރެވިގެން ސަލާމަތީގޮތުން ހުންނަންޖެހޭ ކަންކަން ބަލައި ރައްކާތެރިކަމާއިއެކު ރާއްޖޭގެ އެއްތަނުން އަނެއްތަނަށް އުޅަނދުފަހަރުތައް އޮޕަރޭޓްކުރަމުން މިދަނީ." ނަޒީރު ވިދާޅުވިއެވެ.

ކޮންމެ އަހަރަކު ކަނޑު ދަތުރުފަތުރާ ގުޅޭ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ މެރިޓައިމް ދާއިރާގެ މައްސަލަތަކަށް އަލިއަޅުވާލައި، ސަލާމަތާއި ރައްކާތެރިކަމާއި އަދި ހަމަ އެހެންމެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ކުރުމެވެ. އަދި މި ދާއިރާގައި މީހުން ކުރާ މަސައްކަތް ބަލައިގަނެ އެކަން ފާހަގަކޮށް، ކުރިމަގުގެ ޖީލުތަކަށް މައުލޫމާތުދިނުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ ބޭނުމެކެވެ.