ޚަބަރު

އިންޓަރ މިލާނުގެ މިޑްފީލްޑަރު ބަރެއްލާއަށް އަނިޔާވެ ކުޅުމާ ދުރަށް


އިންޓަރ މިލާނަށް ކުޅެމުން އަންނަ އިޓަލީގެ ހުނަރުވެރި މިޑްފީލްޑަރު ނިކޮލޯ ބަރެއްލާއަށް އަނިޔާވެ، ދުވަސްތަކަކަށް ކުޅުމާ ދުރަށްދާން ޖެހިފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.

އުމުރުން 27 އަހަރުގެ ބަރެއްލާގެ ކަނާތު ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން އިންޓަ އިން ނެރުނު ބަޔާނެއްގައިވަނީ ކަށަވަރުކޮށްދީފައެވެ.

"އޭނާ އަށް ލިބިފައިވާ އަނިޔާގެ ހާލަތު އަންނަ ހަފްތާގައި އެސެސްކުރެވިގެންދާނެ،" އިންޓަގެ ބަޔާނުގައިވެއެވެ.

އިންޓަ އިން ބުނީ، ބަރެއްލާ އަށް ލިބިފައިވާ މި އަނިޔާގެ ސަބަބުން އެންމެ މަދުވެގެން އެ ޓީމަށް ކުރިއަށް އޮތް ދެ މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަމަށެވެ.

ލީގުގައި މިހާތަނަށް އިންޓަ އަށް 175 މެޗު ކުޅެދީފައިވާ ބަރެއްލާ ވަނީ ނިމިދިޔަ ސީޒަނުގެ ސެރިއޭ ޗެމްޕިއަންކަން އެ ޓީމުން ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މި ފަހަރުގެ ސީޒަނުގެ ލީގުގައި މިހާތަނަށްއައިއިރު އިންޓަ އަށް އެންމެ ރަނގަޅު ކުޅުން ދެއްކިފައިނުވާއިރު، ފަސް މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު އޮތީ ހަވަނައިގައެވެ.

އިންޓަ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި މި މަހުގެ 28 ވާ ހޮނިހިރު ދުވަހު ރަށުން ބޭރުގައި އުދިނޭޒީއާ ދެކޮޅަށް ނިކުންނައިރު، ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންނަ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު ނިކުންނާނީ ސާބިއާގެ ރެޑް ސްޓާރ ބެލްގްރޭޑްއާ ދެކޮޅަށެވެ.