ޚަބަރު

ސާފު ވައި، ދުޅަހެޔޮ ފުއްޕާމޭ އެންމެންނަށް


  • ކަނާތް ފަރާތުގެ ފުއްޕާމޭގައި 3 ލޯބްސް އަދި ވައަތް ފަރާތުގައި 2 ލޯބްސް ހުރޭ

  • ފުއްޕާމޭގެ އެއްފަޅިއާއި ނުލާވެސް އިންސާނާ ދިރިހުންނާނެ

ފުއްޕާމެއަކީ ނޭވާލާ ނިޒާމުގެ މައި ގުނަވަނެވެ. ނޭވާލާއިރު ހަށިގަނޑުގެ އެތެރެ އޮކްސިޖަން ގެންގޮސްދީ ހަށިގަނޑުގައި އުފައްދާ ކަރބަންޑައޮކްސައިޑް ހަށިގަނޑުން ބޭރުކުރުމަށް މަސައްކަތްކުރާ މައި ގުނަވަނެވެ. އެހެންކަމުން ފުއްޕާމޭގެ ދުޅަހެޔޮކަމަކީ މީހާގެ މުޅި ސިއްޙަތާއިވެސް ގުޅިފައިވާކަމެކެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ފުއްޕާމޭގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދަކީ ފުއްޕާމޭގެ ބަލިތަކާ މެދު ހޭލުންތެރިކުރުވާ ދުޅަހެޔޮ ސިއްޙަތެއް ކަށަވަރުކުރުމަށް ބާރު އެޅުމެވެ.

އިންޓަރނޭޝަނަލް ރެސްޕިރޭޓަރީ ކޯލިޝަނުން ފުއްޕާމޭގެ ދުވަހުގެ މިއަހަރުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، "ސާފު ވައި، ދުޅަހެޔޮ ފުއްޕާމޭ އެންމެނަށް" މިޝިއާރެވެ. މިޝިޢާރުގެ ބޭނުމަކީ ފުއްޕާމޭގެ ދުޅަހެޔޮކަމާއި ގުޅިފައިވާ އަހަރުމެން ހަށިގަނޑަށް އެތެރެކުރާ ވަޔަކީ ސާފު އެއްޗެއްކަން ޔަގީންކުރުމެވެ. ވައި ތަޣައްޔަރުވުމުގެ މައްސަލަ މިހާރު ދުނިޔޭގެ ގިނަ ޤައުމުތަކަށް ކުރިމަތިވެފައިވާއިރު، މިއީ ސިއްޙަތަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލެވެ. އެހެންކަމުން ސިއްހީގޮތުން ފުއްޕާމޭގެ ދުޅަހެޔޮކަން ޔަގީންކުރެވޭނީ ބައިނަލްއަޤުވާމީ އަދި ޤައުމީ ފެންވަރުގައިވެސް ޤައުމުތަކުން މަސައްކަތްކޮށްގެންނެވެ.

ފުއްޕާމެއަކީ ހަށިގަނޑުގައި ހިމެނޭ އެންމެ އާދަޔާ ޚިލާފު އެއް ގުނަވަނެވެ. ފުއްޕާމެއަކީ ސްޕޮންޖްގަނޑެއްހެން މެއާ ދިމާލުން ފިޔާތޮށި އަދި އަޅިކުލައަކަށްދާ ކުލައިގައި އޮންނަ ފުއްޕާމޭ ހުންނަނީ އެކޮޅުކޮޅަށް އޮންނަ ގަހެއްގެ ބައްޓަމަށެވެ. އޮފިގަނޑުތައްގޮތަށް ހުންނަ ބްރޮންކައިތަކާއި ގުޅިފައި ހުންނަނީ އަންގައިންނާއި ނޭފަތުން ފޮނުވާ ވައި އެތެރެއަށްފޮނުވާ ޓްރެކިއާއާއި ގުޅިފައެވެ. ކަނާތް ފަރާތުގެ ފުއްޕާމޭގައި 3 ލޯބްސް އަދި ވައަތްފަރާތުގައި 2 ލޯބްސް ހުރެއެވެ. މިއިން އެއްވެސް ލޯބްއެއްގައި މައްސަލަ ޖެހިއްޖެނަމަ އޭގެ ޒިންމާ އަނެއް ލޯބްސްތަކުން ނަގައެވެ.

މިލޯބްސްތަކާއި ނުލައިވެސް އިންސާނާ ދިރިހުންނާނެއެވެ. ބައެއް ޙާލަތްތަކުގައި ފުއްޕާމޭގެ އެއްބަޔާއެކުވެސް ދިރިއުޅެވޭނެއެވެ. އިންސާނާއަށް ނޭވާ ލެވޭ އެންމެބޮޑަށް ނޭވާ ބޭރަށް ލުމަށްފަހުގައިވެސް ފުއްޕާމޭގައި 1 ލީޓަރުގެ ވައި ދައުރުކުރެއެވެ. މީގެ ސަބަބުން ފެނުމަތީގައި އޮންނާނެ ހަމައެކަނި ގުނަވަނަކީ ފުއްޕާމެއެވެ. ނޭވާލުމަށް ބޭނުންކުރަނީ އިންސާނާ އެތެރެއަށްލާ ނޭވާގައި ހިމެނޭ 21 އިންސައްތަ އޮކްސިޖަންގެ ތެރެއިން އެންމެ 5 އިންސައްތައެވެ. ބާކީ ފުއްޕާމެއިން ބޭރުކޮށްލައެވެ.

ކަސްރަތުކުރުމުގެ ސަބަބުން ފުއްޕާމޭގެ ޤާބިލިއްޔަތުކަން އިތުރުކޮށްދެއެވެ. މިގޮތުން ފުއްޕާމޭގެ ކޮންމެ ފަޅިއެއްގައި އެތައްހާސް އަލްވިއޮލީ ނުވަތަ ސްޕޮންޖްގައި ހުންނަ ފަދަ ކުދި ކުދި ކޮތަޅުތަކެއްފަދަ ގޮތަކަށް ހުންނަ އެއްޗެކެވެ. ޢާއްމު މީހެއްގެ ފުއްޕާމޭގައި މިފަދަ 300 މިލިއަނާއި 500 މިލިއަނާއި ދެމެދުގެ ޢަދަދެއްގެ ކުދިކުދި ކޮތަޅު ހުރެއެވެ.

ފުއްޕާމޭގެ ބަލިތައް ރައްޖޭގައި އިތުރުވަމުންދާއިރު ފަރުވާ ކުޑަކަމުން ހިނގާ އެކި ކަންކަމުގެ ސަބަބުން ފުއްޕާމެއަށް ނުރައްކާވެއެވެ. އެގޮތުން ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ސިއްޙަތަށް ގެއްލުންވާ ސުޕާރީއާއި ވޭޕްކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހިމެނެއެވެ. ހަމައެއާއެކު އަންހެނުން ބުރުގާގައިޖަހާ ޕިން އަނގަޔަށްލައިގެން އުޅުމުގެ ތެރޭގައި ޕިން ފުއްޕާމެއަށް ދިޔުމާއި، ކުޑަކުދިން ކުޅޭއިރު ބޭނުންކުރާ ލެގޯފަދަ ކުޅޭ ސާމާނު ފުއްޕާމެއަށް ދިޔުމުގެ ގިނަ ޙާދިސާއެއް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.

ފުއްޕާމޭގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް، ދުންފަތުގެ އިސްތިއުމާލުކުރުމައި، ގަވާއިދުން ކަސްތަރު ކުރުމާއި، ސާފުތާހިރުކަމަށް އިސްކަންދިނުމާއި، މިންހެޔޮ ރައްކާތެރި ކާނާ ބޭނުންކުރުމަކީ މުހިއްމުކަމެކެވެ. އަދި ތަޣައްޔަރުވެފައިވާ ވަޔާއި ކެމިކަލްތަކާއި ދުރުހެލިވުމަކީވެސް ފުއްޕާމޭގެ ރައްކާތެރިކަމަށް ސަމާލުވާންޖެހޭކަމެކެވެ.