ޚަބަރު

ޝަހީދު ކޮށްލާފައިވާ 88 މީހެއްގެ ހަށިގަނޑު ކޮންޓެއިނަރެއްގައި ޣައްޒާއަށް ފޮނުވައިފި


ފަލަސްޠީނުގެ ޣައްޒާގައި ޝަހީދު ކޮށްލާފައިވާ 88 މީހެއްގެ ހަށިގަނޑު, ޔަހޫދީން އެ ސަހަރުގެ ޞިއްޙަތާ ބެހޭ ވުޒާރާއާ ހަވާލު ކުރަން މަސައްކަތް ކޮށްފިއެވެ. އެ ހަށިތައް ޣައްޒާއަށް އެތެރެ ކޮށްފައި ވަނީ ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދީ ހުރަހަކުން, ކޮންޓެއިނަރަކަށް އަރުވައިގެން ލޮރީއެއްގައެވެ. އެއީ, ކޮން އުމުރެއްގެ ކޮން ބަޔެއް ކަން ދެނެގަނެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ބުނެ, ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ އެ ހަށިތަކާ ހަވާލުވާން ދެކޮޅު ހަދާފައެވެ.

އެ ވުޒާރާއިން ބުނީ, އެއީ ކޮން ބަޔެއް ކަން ދެނެގަނެވޭނެ ގޮތެއް ނެތް ތަނުގައި, އެ މީހުން ޝަހީދު ކޮށްލާފައި ވަނީ ކޮންތަނަކު, ކޮން އިރަކު ކަން ވެސް ޔަހޫދީ ފައުޖުން ބުނެދީފައި ނުވާ ކަމުގައެވެ. ޚާން ޔޫނިސްގައި ހުންނަ އަލް-ނާޞިރު ހަސްފަތާލުގެ އޮފިޝަލުން ބުނީ, ޝަހީދު ކޮށްލާފައިވާ މީހުންގެ ވަނަވަރު ދެނެގަނެވޭނެ ގޮތެއް ނެތުމުން, އެ ހަށިތައް ވަޅުލަން ދެކޮޅު ހަދާފައިވާނެ ކަމުގައެވެ. އަދި, އެ ހަށިތަކާ އެކު ދަތުރު ކުރި ލޮރީ, އަނބުރާ ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދީ ހުރަހަށް ފޮނުވައިލާފައިވާނެ ކަމުގައެވެ.

"ޝަހީދު ކޮށްލާފައިވާ މީހުންނާ ބެހޭ ފުރިހަމަ މަޢުލޫމާތު ސާފުކޮށް, އެ މީހުންގެ ޢާއިލާތަކަށް އެ މަޢުލޫމާތު ހިއްސާ ކުރުމުގެ ބޭނުމުގައި ޞިއްޙަތާ ބެހޭ ވުޒާރާއިން ވާނީ [ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތައް އަޅާފައިވާ] ކޮންޓެއިނަރާ ހަވާލު ވާން ދެކޮޅު ހަދާފައި،" އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތަކާ އެކު ދަތުރު ކުރަމުން ދިޔަ ލޮރީ އަނބުރާ ފޮނުވައިލާފައިވާނެ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ވެރިޔާ އިސްމާޢީލް އަލް-ޘަވާބްތާ ކަށަވަރު ކޮށްދެއްވިއެވެ. "އެ މީހުން [ޔަހޫދީން] އަމަލު ކުރަން ޖެހޭނީ ޝަހީދުންގެ ހަށިތަކާއި, ޝަހީދު ކޮށްލާފައިވާ މީހުންގެ ޢާއިލާތަކުގެ ކަރާމަތަށް ގެއްލުމެއް ނުވާނެ ގޮތަށް, އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއް ގޮތަށް،" އޭނާ ވިދާޅުވިއެވެ.

ޝަހީދު ކޮށްލާފައިވާ މީހުންގެ ވަނަވަރާއި, އެ މީހުން ޝަހީދު ކޮށްލާފައި ވަނީ ކޮން އިރަކު, އަދި ކޮން ތަނަކު ކަން ޔަހޫދީންގެ ކިބައިން ސާފު ކޮށްދިނުމަށް ޣައްޒާގެ އެދި ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ރެޑް ކްރޮސްގެ ކިބައިން އެދިފައެވެ. ނަމަވެސް, އެ ޖަމުޢިއްޔާއިން ބުނީ, ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތައް ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއަށް ހަވާލު ކުރުމުގައި އެ ޖަމުޢިއްޔާއިން އެއްވެސް ދައުރެއް އަދާކޮށްފައި ނުވާނެ ކަމުގައެވެ.

"ޝަހީދު ކޮށްލާފައިވާ ކޮންމެ މީހެއްގެ މަޢުލޫމާތު, އެ މީހެއްގެ ޢާއިލާއާ ޙިއްޞާ ކުރަން ޖެހޭނެ ކަމަށާއި, ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތައް އެ ބަޔެއްގެ އާދަކާދަތަކާ އެއް ގޮތަށް ވަޅުލުމުގެ ފުރުޞަތު ދޭން ޖެހޭނެ ކަން އަޅުގަނޑުމެން ތަކުރާރު ކުރަން،" އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސް (އައިސީއާރްސީ)ން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ހަނގުރާމައެއްގެ ނުވަތަ ހަތިޔާރު ބޭނުން ކޮށްގެން ހިންގާ ހަމަނުޖެހުމެއްގެ ތެރެއިން މަރުވާ މީހުންގެ ހަށިތަކުގެ އިންސާނީ ކަރާމާތާއި އިޙުތިރާމު ގެއްލޭ ފަދަ އެއްވެސް އަމަލެއް ހިންގުން އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކުން ވަނީ މަނާކޮށްފައެވެ. އަދި, ޙަމަލާތަކުގައި މަރުވާ މީހުންގެ ހަށިތައް ހޯދައި, ވަޅުލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން އެ ހަށިތައް ރައްކާ ކުރަން ޖެހޭނެ ކަމަށް ވެސް އެ ޤާނޫނުގައި ބަޔާން ކޮށްފައިވެއެވެ. އައިސީއާރްސީން ބުނީ, މިއީ, ހަނގުރާމަތަކުގައި ގެއްލޭ މީހުންގެ ޢަދަދު މަދު ކުރުމުގެ ގޮތުން އަމަލު ކުރަން ޖެހޭ ފިޔަވަޅުތަކެއް ކަމުގައެވެ. ނަމަވެސް, ހައްދުފަހަނަ އެޅި ޔަހޫދީ ފައުޖަކީ ބައިނަލްއަޤުވާމީ އެއްވެސް ޤާނޫނަކަށް ބޯލަނބާ, އިޙުތިރާމު ކުރާ ބައިގަނޑެއް ނޫނެވެ.

ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއްގެ ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެ ޢުދުވާނުގައި ޣައްޒާގެ ޢާންމު ރައްޔިތުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ރަޙުމު ކުޑަ ޙަމަލާތަކެއްދީ ސުންނާފަތި ކޮށްލާފައިވާއިރު, އެ އިމާރާތްތަކުގެ ދަށުގައި ތާށިވެ ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަނީ ޣައްޒާގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިންނެވެ. އެ އިދާރާއިން ބުނީ, އިމާރާތްތަކުގެ ދަށުގައި ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ޢަދަދު 10,000އަށް އަރާ ކަމުގައެވެ.

މީގެ 11 މަސް ކުރިން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,495އަށް އުފުލިފައެވެ. އޭގެ ތެރޭގައި 17,000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 96,006އަށް އުފުލިފައެވެ.