ޚަބަރު

އެމްބާޕޭއަށް އަނިޔާވެ ކުޅުމާ ދުރަށް


ރެއާލް މެޑްރިޑުގެ ފޯވާޑް ކިލިއަން އެމްބާޕޭއަށް އަނިޔާވެ، ލީގުގައި އަންނަ ހަފުތާގައި ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.

ފްރާންސްގެ ޕީއެސްޖީން މި ސީޒަނުގައި ރެއާލް މެޑްރިޑާ ގުޅުނު އެމްބާޕޭ ލީގުގައި މިދިޔަ ހަފުތާގައި ޑިޕޯޓިވޯ އަލަވޭޒްއާ ދެކޮޅަށް ކުޅުނު މެޗުގެ 80 ވަނަ މިނިޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

އެމްބާޕޭގެ ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހިފައިވަނީ ކިހާ ދުވަހަކަށްކަން ރެއާލް މެޑްރިޑުން ހާމަކޮށްފައިނުވި ނަމަވެސް، އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭއަށް ނުކުޅެވޭނެއެވެ.

ރެއާލް މެޑްރިޑާއި ގުޅުނު ފަހުން އެމްބާޕޭ އެ ޓީމަށް ކުޅުނު ނުވަ މެޗުގައި ވަނީ ހަތް ލަނޑު ޖަހާފައެވެ.

މި ސީޒަނުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭ ގޮތަށް ފުޓްބޯޅަ ކަލަންޑަރު އެކުލަވާލާފައިވާތީ ކްލަބްތަކުގެ އިތުރުން ކޯޗުންނާއި ކުޅުންތެރިން ވަނީ އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ބުނެފައެވެ. އަދި މިއީ ކުޅުންތެރިންނަށް ނުބަލައި، ހަމައެކަނި މާލީ މަންފާތަކަށް ބެލުމަށްފަހު ހަދާފައިވާ ކަލަންޑަރެއް ކަމަށް ބުނެ ބައެއް ކުޅުންތެރިން ވަނީ އެކަމާ އިހުތިޖާޖު ކުރަންވެސް ގޮވާލާފައެވެ.

ސްޕެނިޝް ލީގުގައި ރެއާލުން މިހާތަނަށް ކުޅުނު ހަތް މެޗުން އެ ޓީމަށް 17 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމު ލިބިފައިވާއިރު، ވާދަވެރި ބާސެލޯނާ ވަނީ ކުޅުނު ހަތް މެޗުވެސް ކާމިޔާބުކޮށް 21 ޕޮއިންޓް ހޯދާ ތާވަލުގެ އެއްވަނަ މަގާމް ހޯދާފައެވެ.