ޚަބަރު

ޓްވެންޓާ އެއްވަރުވެ ޔުނައިޓެޑަށް އުނދަގޫ ފެށުމެއް


ޔުއެފާ ޔޫރޮޕާ ލީގުގައި ނެދަލަންޑްސްގެ ޓްވެންޓާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ ޔުނައިޓެޑުންނެވެ. މި ލަނޑު މެޗުގެ 35 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކްރިސްޓިއަން އެރިކްސަންއެވެ. ނަމަވެސް މެޗުގެ 68 ވަނަ މިނިޓުގައި ޓްވެންޓްގެ ސޭމް ލަމާސް ލަނޑު ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ އެރިކްސަންއަށް ހެދުނު ގޯހެއްގެ ފައިދާ ނެގުމަށްފަހުގައެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގްގެ ކުރީގެ ކުލަބާ ދެކޮޅަށް ކުޅެން އުނދަގޫވާނެ ކަމަށް އޭނާ ވަނީ މެޗުގެ ކުރިން ބުނެފައެވެ.

މި މެޗުން ތިން ޕޮއިންޓް ހޯދުމަށް ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް މެޗުގެ ފަހު ވަގުތު ފޮނުވާލި ނަމަވެސް، ޓްވެންޓްގެ ކީޕަރު ވަނީ މޮޅު ކުޅުމެއް ދައްކައި، އެ ހަމަލާތައް ދިފާއުކޮށްފައެވެ. އެގޮތުން ޖޯޝުއާ ޒިރްކްޒީއާ ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާތައް ކީޕަރު އުނަސްޓޯލް ވަނީ ދިފާއުކޮށްފައެވެ.

މި މުބާރާތުގައި ޔުނައިޓެޑުން އަންނަ އޮކްޓޯބަރ މަހުގެ ތިންވަނަ ދުވަހު ނިކުންނާނީ ޕޯޗުގަލްގެ ޕޯޓޯއާ ދެކޮޅަށެވެ.