ޚަބަރު

ލީގު ކަޕުގެ ހަތަރުވަނަ ބުރުގައި ޓޮޓްނަމާއި ސިޓީގެ ކުރިމަތިލުމެއް


އިނގިރޭސި ލީގު ކަޕުގެ ހަތަރުވަނަ ބުރުގައި ޓޮޓްނަމް ހޮޓްސްޕާ އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރަން ޖެހިއްޖެއެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލް ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށް ނިކުންނައިރު، މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމުން ނިކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ޕްރިމިއާ ލީގުގެ ކްލަބު ފުލަމް އަތުން މޮޅުވި، އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރާ ޕްރެސްޓަން ނޯތު އެންޑް އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ އާސެނަލްއާ އެވެ.

އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޓީމުތަކުގެ ތެރެއިން، ޝެފީލްޑް ވެނިސްޑޭ އިން ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށް ނިކުންނައިރު، ރަށުން ބޭރުގައި ސްޓޯކް ސިޓީ ނިކުންނާނީ ސައުތެމްޓަނާ ދެކޮޅަށެވެ.

މުބާރާތުގެ ހަތަރުވަނަ ބުރުގެ އިތުރު މެޗުތަކަށް ބަލާއިރު، ޕްރިމިއާ ލީގުގެ ދެ ޓީމުގެ ކުރިމަތިލުމެއްގައި އެސްޓަން ވިލާގެ ދަނޑުގައި އެ ޓީމުން ކްރިސްޓަލް ޕެލަސްއާ ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ތިންވަނަ ޑިވިޝަނުގެ އޭއެފްސީ ވިމްބަލްޑަންއާ ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް އަމިއްލަ ދަނޑުގައި ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ހަތަރުވަނަ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ.