ޚަބަރު

ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުން ޗުއްޓީއަށް


  • ދެވަނަ ޓާމު ފެށޭނީ އަންނަ މަހުގެ 6 ވަނަ ދުވަހު

  • މިއަހަރު 96000 އަށްވުރެ ގިނަ ދަރިވަރުން ދަނީ ތަޢުލީމު ޙާސިލްކުރަމުން

96000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށި ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންގެ ޗުއްޓީ ފެށިއްޖެއެވެ.

ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ހުރިހާ ދަރިވަރުންނާވެސް މިއަދު ވަނީ ރިޕޯޓު ފޮތް ހަވާލުކޮށްފައެވެ.

ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން މިއަދު ނިންމާލާފައިވާއިރު، މިޑް ޓާމް ޗުއްޓީނިމި ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ. އެހެންކަމުން ދަރިވަރުންނަށް 10 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.

ދެވަނަ ޓާރމް ނިމި ބޮޑު ޗުއްޓީއާ ދަރިވަރުން ބައްދަލުކުރާނީ 2025 ވަނަ އަހަރުގެ މާރޗް މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އަންނަ އަހަރުގެ ބޮޑު ޗުއްޓީ ދިމާވަނީ އަންނަ އަހަރުގެ ރަމަޟާން މަހާއެވެ.

މި ދިރާސީ އަހަރު ސަރުކާރު 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދެމުންދެއެވެ. އަދި ދެ ދަންފަޅިއަށް ކިޔަވައިދެމުންދަނީ 55 ސްކޫލެއްގައެވެ. އަދި 6 ސްކޫލެއްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދެއެވެ.

މިއަހަރުގެ ދިރާސީ އަހަރުގައި 96000 އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދާއިރު މީގެ ތެރޭގައި 40,300 އެއްހާ އަންހެން ދަރިވަރުންނާއި 42,700 އެއްހާ ފިރިހެން ދަރިވަރުން ހިމެނެއެވެ. މީގެ ތެރެއިން 26000 އެއްހާ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދަނީ މާލޭގެ ސްކޫލްތަކުގައެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ދިރާސީ އަހަރުގެ ކިޔެވުން ކުރިންވެސް އޮންނަ ގޮތަށް ޖެނުއަރީ މަހަށް ބަދަލުކުރުމަށެވެ. މިހާރު އޮންނަގޮތަށް އަހަރުގެމެދުތެރެއަށް ދިރާސީ އަހަރު ފެށުން ބަދަލުކުރީ، ކޯވީޑް 19އާއި ގުޅިގެންނެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ ގިނަ ބެލެނިވެރިންނާއި ދަރިވަރުން ބޭނުންވަނީ ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށަންކަމަށް ވިދާޅުވެފައެވެ.

މިގޮތުން ތަޢުލީމީ ވުޒާރާއިން މިހާރު އެކެޑެމިކް ކަލަންޑަރ އެކުލަވާލާފައިވާގޮތުން ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހަށް ބަދަލުކުރެވޭނީ 2026 ވަނަ އަހަރުއެވެ.