ޚަބަރު

މުމްބާއީގައި ފެންބޮޑުވެ ހަތަރު މީހުން މަރުވެއްޖެ


އިންޑިޔާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީއަށް ބޯކޮށް ވާރޭވެހި, ފެންބޮޑުވުމާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކެއްގައި ހަތަރު މީހުން މަރުވެއްޖެއެވެ. ފެންބޮޑުވުމާ ގުޅިގެން މުމްބާއީގައި ޢާންމު ދަތުރުފަތުރުތައް ހުއްޓުމަކަށް އައިސް މަދަރުސާތައް ވެސް ވަނީ ބަންދު ކޮށްފައެވެ. އެ ކަމާ ގުޅިގެން އެތަކެއް ސަތޭކަ ހާސް ބަޔަކު, މަގުތަކުގައި, އެއްގަމު އުޅަނދުފަހަރުގައި ތާށިވި ކަމުގައި ރިޕޯޓުތައް ބުނެއެވެ.

އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ, ސެޕްޓެންބަރު 25ވަނަ ދުވަހު މުމްބާއީގެ ސަރަޙައްދުތަކަށް 275 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމުގައެވެ. މެދުކެނޑުމެއް ނެތި ވާރޭވެހުމާ ގުޅިގެން މުމްބާއީގެ ގިނަ މަގުތަކުގައި ވަނީ ފެން ހެދިފައެވެ. އަދި, އެ ކަމާ ގުޅިގެން 21 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށުގައި އެއްގަމު މަގުން ކުރާ ދަތުރުފަތުރަށް ހުރަސް އެޅި, ރޭލު ދަތުރުތައް މެދުކެނޑުމެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކު މަގުތަކާއި ރޭލު ސްޓޭޝަންތަކުގައި ތާށިވިއެވެ.

ބޯކޮށް ވާރޭވެހި, އެ ސަރަޙައްދުގައި ރަތުގެ އިންޒާރު އިޢުލާނު ކުރުމާ ގުޅިގެން, މުމްބާއީއާ 200 ކިލޯމީޓަރު ދުރުގައި އޮތް ޕުނޭއަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅެއް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ފަސް ކުރައްވާފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މުމްބާއީއާއި, އެ ރަށާ އިންވެގެން އޮތް ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ, ގެދޮރުގައި މަޑު ކުރުމަށް އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް ވަނީ އަންގާފައެވެ. އަދި, ކަނޑު މައްޗަށް ނޭރުމަށް މަސްވެރިންނަށް ވެސް އިރުޝާދު ދީފައެވެ.

އިންޑިޔާގެ މޫސުމާ ބެހޭ އިދާރާ (އައިއެމްޑީ)ން ބުނީ, އެ ޤައުމުގެ ހުޅަނގުއުތުރުގެ ސަރަޙައްދުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރަ ހުސްވި ހަފުތާގެ ތެރޭގައި ހުއްޓެން ފަށާފައިވާ ކަމުގައެވެ. އިންޑިޔާގައި ވިއްސާރަ މޫސުން ޢާންމު ގޮތެއްގައި ފެށެނީ ޖޫން މަހުގައެވެ. އަދި, ސެޕްޓެންބަރު 17 ހިސާބުގައި ނިމުމަކަށް އާދެއެވެ. ނަމަވެސް އައިއެމްޑީން ބުނީ, މި އަހަރުގެ މޫސުމީ ވިއްސާރަ ހުއްޓުން ލަސްވެފައިވާ ކަމަށާއި, އެ ކަމާ ގުޅިގެން ބައެއް ސްޓޭޓްތަކުގައި ދަނޑުބިންތަކާއި ދަނޑުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމުގައެވެ.

އިންޑިޔާގެ ދެކުނުގައި އޮތް ތޭލަންގާނާ ސްޓޭޓްގެ ސަރަޙައްދުތަކަށް ވެސް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހެމުންދާ ކަމުގައި އައިއެމްޑީން ހާމަކުރިއެވެ. އިންޑިޔާގެ ބައެއް ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގެ އަސަރު, އެ ޤައުމާ އިންވެގެން އޮތް ބަންގްލަދޭޝްގެ ސަރަޙައްދުތަކަށް ވެސް ދަނީ ކުރަމުންނެވެ. ބަންގްލަދޭޝްގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހެން ފަށާފައި މި ވަނީ, އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލިފައިވާ ދުވަސްވަރަކަށް ފަހުއެވެ. ވިއްސާރައިގެ ސަބަބުން ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެފައިވާއިރު, ވެރިރަށް ދާކާގައި ވެސް ޢާންމު ދަތުރުފަތުރަށް ހުރަސް އެޅިފައިވާ ކަމުގައި އެ ޤައުމުން ރިޕޯޓު ކުރެއެވެ.