ޚަބަރު

އައިއެމްއެފުން ޕާކިސްތާނަށް 7 ބިލިޔަން ޑޮލަރު ދޭން ރުހުން ދީފި


ޕާކިސްތާނުގެ ސަރުކާރާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފާ) އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ޤައުމަށް 7 ބިލިޔަން އެމެރިކާ ޑޮލަރު ދޫކުރަން ރުހުން ދީފިއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ އައިއެމްއެފްގެ އެ ނިންމުމަށް މަރުޙަބާ ދަންނަވާފައެވެ. އައިއެމްއެފްގެ މާލީ އެހީގެ ޕުރޮގުރާމުގައި ޕާކިސްތާނުން ބައިވެރިފައި ވަނީ ޖުލައި މަހުއެވެ.

އިސްލާމްއާބާދުން ދަނީ 37 މަހުގެ އައިއެމްއެފް ޕުރޮގުރާމުގެ ދަށުން ހަރުދަނާ އަދި ހަރުކަށި މާލީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އައިއެމްއެފުން ބުނީ, އިޤުތިޞާދީ އަދި މާލީ ގޮތުން ބައިނަލްއަޤުވާމީ ބާޒާރަށް އަންނަ ކުއްލި ބަދަލުތަކުގެ އަސަރު ޕާކިސްތާނުގެ އިޤުތިޞާދަށް ކުރާ މިންވަރު ކުޑަކޮށް, އެ ފަދަ ބަދަލުތަކުގެ ސަބަބުން އިޤުތިޞާދަށް އަންނަ ހީނަރުކަމުން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި, އެ ޤައުމުގެ އިޤުތިޞާދީ އަދި މާލީ ނިޒާމު އިސްލާޙު ކުރަން ޖެހޭ ކަމުގައެވެ.

އައިއެމްއެފްގެ ޕުރޮގުރާމުގެ ދަށުން 7 ބިލިޔަން އެމެރިކާ ޑޮލަރު ޕާކިސްތާނަށް ދޫކުރަން އެ އިދާރާއިން ރުހުން ދީފައިވީ ނަމަވެސް, ވަގުތުން ދޫކުރާނީ އޭގެ ތެރެއިން 1 ބިލިޔަން ޑޮލަރެވެ. އދގެ ޢާންމު މަޖިލީހުގެ 79ވަނަ ޢާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާ ނިއު ޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ އައިއެމްއެފުން ހުށަހަޅާފައިވާ ޝަރުޠުތަކާ އެއްގޮތަށް ޕާކިސްތާނުން އަމަލު ކުރަމުންދާ ކަމުގައެވެ. އަދި, ޕާކިސްތާނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ޗައިނާއާއި ސަޢޫދީ ޢަރަބިއްޔާގެ އެހީތެރިކަން އެ ކަމުގައި ލިބެމުންދާ ކަމުގައެވެ.

"އެ ޤައުމުތަކުގެ އެހީތެރިކަމާ ނުލައި, މި ކަން ކާމިޔާބެއް ނުވާނެ،" ޝަރީފް ވިދާޅުވިއެވެ. ނަމަވެސް, ރިޔާޟާއި ބެއިޖިންގުން އިސްލާމްއާބާދަށް ފޯރުކޮށްދެމުން ދަނީ ކޮން އެހީތެރިކަމެއް ކަން އޭނާ ސާފު ކޮށްދެއްވާފައެއް ނުވެއެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ޕާކިސްތާނުން ދައްކަން ޖެހޭ ބޭރުގެ ދަރަނި ރީސްޓްރަކްޗަރކޮށް, ފަސް ކުރުމަށް ލޯނު ދޫކުރާ ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައެވެ. އަދި, އައިއެމްއެފްގެ އެހީތެރިކަމާ އެކު, ޕާކިސްތާނަށް ބޭރުގެ ދަރަނި ފޫބައްދަން ފަސޭހަވެފައިވާ ކަމުގައެވެ.

ޕާކިސްތާނަށް ކުރިމަތިވެފައިވާ އިޤުތިޞާދީ އަދި މާލީ ދަތިކަމުން އަރައިގަތުމަށް އައިއެމްއެފުން ހުށަހަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޓެކުހުން ލިބޭ އާމްދަނީ އިތުރު ކުރުން ވެސް ހިމެނެއެވެ. ނަމަވެސް, ޓެކުސްތައް ބޮޑު ކުރުމާ އެ ޤައުމުގެ ޢާންމު ރައްޔިތުން ދެކޮޅެވެ. އަދި, އެ ކަމާ ދެކޮޅަށް އަޑު އުފުލުމަށް ވިޔަފާރިވެރިންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ދާދި ފަހުން މުޒާހަރާ ކޮށްފައިވެއެވެ. ނަމަވެސް, ޝަރީފްގެ ސަރުކާރުން ބުނީ, އައިއެމްއެފްގެ ޝަރުޠުތަކަށް އަމަލު ކުރުމުގެ ގޮތުން ޓެކުހުން ލިބޭ އާމްދަނީ އިތުރު ކުރަން ނިންމާފައިވާ ކަމުގައެވެ.

ޕާކިސްތާނަށް ކުރިމަތިވެފައިވާ އިޤުތިޞާދީ އަދި މާލީ ހާލަތުން އަރަައިގަތުމަށް އައިއެމްއެފުން އެ ޤައުމަށް އެތަކެއް ފަހަރަކު ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ގޮތުން, 1958ވަނަ އަހަރަށް ފަހު, އައިއެމްއެފުން އެ ޤައުމަށް 22 ބެއިލްއައުޓު ލޯނެއް ދޫކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. މި ވަގުތު, ޕާކިސްތާނަކީ އައިއެމްއެފްގެ ދަރަނި ފަސްވަނައަށް އެންމެ ބޮޑު ޤައުމެވެ. އައިއެމްއެފްގެ ރިޕޯޓުތަކުން ހާމަވާ ގޮތުގައި, ޖުލައި 11އާ ހަމައަށް ޕާކިސްތާނުގެ ދަރަނި 6.28 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ.