ޚަބަރު

ސުޕަ ކަޕް 2024: ފިރިހެން އަދި އަންހެން ބައިގެ ޗެމްޕިއަންކަން ލަންކާގެ އީގަލްސްއަށް


މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި ސުޕަ ކަޕް 2024 ގެ ފިރިހެން އަދި އަންހެން ބައިގެ ޗެމްޕިއަންކަން ސްރީ ލަންކާގެ އީގަލްސް ކުލަބުން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފިރިހެން ބައިގައި ހަތަރު ޓީމު ވަނީ ވާދަކޮށްފައެވެ. އެއީ ލަންކާގެ ލަންކާގެ އީގަލްސް އާއި ރެޑްވިންގްސް ބާސްކެޓްބޯލް ކުލަބުގެ އިތުރުން ކިންގްސް ބާސްކެޓްބޯލް ކުލަބާއި، ޓީރެކްސް ބާސްކެޓްބޯލް ކުލަބެވެ.

މުބާރާތުގެ ޗެމްޕިއަންކަން އީގަލްސްއިން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗުގައި 77 ޕޮއިންޓް 71 ޕޮއިންޓުން ރެޑްވިންގްސް ބަލިކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އީގަލްސްގެ ނިމޭޝް ފެނާންޑޯ ވަނީ 22 ޕޮއިންޓް ހޯދައިދީ، ހަތް ރީބައުންޑް ނަގައިދީ، ދެ އެސިސްޓް ކޮށްފައެވެ. އަދި އެ ޓީމުގެ ސުޕުން ރުކްޝާން ބަންޑާރަ ވަނީ 25 ޕޮއިންޓް ހޯދައިދީ، 12 ރީބައުންޑް ނަގައިދީ، ހަ އެސިސްޓް ކޮށްފައެވެ. މި މެޗުގައި ރެޑްވިންގްސްގެ ޒައިދާން އާތިފް ޝުކޫރު ވަނީ 18 ޕޮއިންޓް ހޯދައިދީ، ފަސް ރީބައުންޑް ނަގައިދީ، ހަތަރު އެސިސްޓް ކޮށްފައެވެ. އަދި އެ ޓީމަށް ކުޅުނު އިންޑިއާގެ ޕްރަތަޔަންޝޫ ތޮމާރު ވަނީ 19 ޕޮއިންޓް ހޯދައިދީ، 16 ރީބައުންޑް ނަގައިދީފައެވެ.

މި މުބާރާތުގެ ފިރިހެން ބައިގެ އެންމެ މޮޅު ކުޅުންތެރިއަކީ ކިންގްސްގެ ބިދޭސީ ކުޅުންތެރިޔާ އެލީޖާ ކްރިސްޓަން ބެއިލީއެވެ.

މީގެ އިތުރުން މި މުބާރާތުގެ އަންހެން ބައިގައި ތިން ޓީމެއް ވަނީ ވާދަކޮށްފައެވެ. އެއީ އީގަލްސްގެ އިތުރުން ކުއީންސް ބާސްކެޓްބޯލް ކުލަބާއި އެލީޓް ސްޕޯޓްސް ކުލަބެވެ.

މި ބައިގެ ޗެމްޕިއަންކަން އީގަލްސްއިން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި 74 ޕޮއިންޓް 72 ޕޮއިންޓުން ކުއީންސް ބަލިކޮށްގެންނެވެ. މި މެޗުގައި އީގަލްސްގެ ނިރްމާ ސަސަންތީ ވަނީ 24 ޕޮއިންޓް ހޯދައިދީ، ނުވަ ރީބައުންޑް ނަގައިދީ، ތިން އެސިސްޓް ކޮށްފައެވެ. އަދި އެ ޓީމުގެ އިމޭޝާ ތަތުސަރާނީ ވަނީ 21 ޕޮއިންޓް ހޯދައިދީ، ހަތަރު ރީބައުންޑް ނަގައިދީ، ފަސް އެސިސްޓް ކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުއީންސްގެ ފާތިމަތު ރިޝްމާ ވަނީ 19 ޕޮއިންޓް ހޯދައިދީ، 13 ރީބައުންޑް ނަގައިދީ، ތިން އެސިސްޓް ކޮށްފައެވެ. އަދި އެ ޓީމުގެ އައިޝަތު އިނާޝާ ވަނީ 16 ޕޮއިންޓް ހޯދައިދީ، ނުވަ ރީބައުންޑް ނަގައިދީފައެވެ.

މި މުބާރާތުގެ އަންހެން ބައިގެ އެންމެ މޮޅު ކުޅުންތެރިއަކީ އީގަލްސްގެ ނިރްމާ ސަސަންތީއެވެ.