ނައިޖީރިޔާގައި ހަރަކާތްތެރިވާ ބޯކޯ ހަރާމް ޖަމާއަތުން ސަރަހައްދީ ރޮނގު ހުރަސްކޮށް ދިން ޙަމަލާތަކެއްގައި އެޤައުމުގެ އަވަށްޓެރި ނައިޖަރު ސިފައިންގެ 30 މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެއްޖެއެވެ.
ނައިޖަރުގެ ދިފާއީ ވުޒާރާއިން ބުނީ މިއީ މިދިޔަ އެޕްރީލް މަހުގެ ޙަމަލާތަކަށްފަހު ބޯކޯ ހަރާމް ޖަމާއަތުން ސަރަހައްދީ ރޮނގު ހުރަސްކޮށް ދިން އެންމެ ވަރުގަދަ ޙަމަލާތައް ކަމަށެވެ. މިދިޔަ އެޕްރީލްމަހު ބޯކޯ ހަރާމް ޖަމާއަތުން ސަރަހައްދީ ރޮނގު ހުރަސްކޮށް ނައިޖަރަށް ދިން ހަމަލާތަކެއްގައި ނައިޖަރު ސިފައިންނާއި އެޤައުމުގެ އާންމު ހިމެނޭގޮތަށް 74 މީހުން މަރާލާފައިވެއެވެ.
ހައްދު ފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމް ޖަމާއަތަކީ ނައިޖީރިޔާގައި މަގުފޭރުމާއި އަންހެންކުދިން ވަގަށް ނެގުމާއި ޓެރަރިސްޓް ހަމަލާތައް ދިނުންފަދަ ބޮޑެތި ޖަރީމާތައް ހިންގާ ނުރައްކާތެރި ޖަމާއަތެކެވެ. އެޖަމާއަތުގެ އުނދަގުލާއި ނުރައްކާ އަވަށްޓެރި ޗާޑަށާއި ނައިޖަރަށްވެސް ކުރިމަތިވަމުން ދެއެވެ. ބޯކޯ ހަރާމް ޖަމާއަތުގެ ކުއްލި ހަމަލާތަކަށްފަހު ނައިޖަރުގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޖަމާއަތުގެ ހަނގުރާމަވެރިން ވަދެގެންފައިވަނީ ނައިޖީރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ރަށެއްކަމަށްވާ ބޯސޫ އަށް ކަމަށެވެ. އަދި ނައިޖަރުގެ ސިފައިން ދިން ރައްދު ޙަމަލާތަކުގައި ބޯކޯ ހަރާމްގެ ހަނގުރާމަވެރިން ފައްސާލައި އެރަށް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނަސްފައިވާ ކަމަށްވެސް މިބަޔާން ބުނެއެވެ.