ޚަބަރު

ޔަހޫދީންގެ ޙަމަލާތަކުން ސަލާމަތްވާން ލުބްނާނުން 30,000 ރެފިއުޖީން ސޫރިޔާއަށް


ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވުމަށް 30.000އެއްހާ މީހުން ސޫރިޔާއަށް ދަތުރު ކޮށްފައިވާ ކަން އދގެ ރެފިއުޖީންނާ ބެހޭ އިދާރާ (ޔޫއެންއެޗްސީއާރު)ން ހާމަކޮށްފިއެވެ. ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ, ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުالله ނައްތައިލުމުގެ ނަމުގައެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހު ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 700އަށް އުފުލިފައިވާއިރު, އޭގެ ތެރޭގައި 50އެއްހާ ކުޑަކުދިންނާއި ގިނަ ޢަދަދެއްގެ އަންހެނުން ހިމެނޭ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. ލުބްނާންގެ ޑޮކްޓަރުންގެ އިއްތިޙާދުގެ ވެރިޔާ ޔޫސުފް ބިޚާޝް ވިދާޅުވީ ޔަހޫދީންގެ ރަޙުމު ކުޑަ ނިރުބަވެރި ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ 5,000އެއްހާ މީހުންނަށް ހަސްފަތާލުތަކުގައި އެޑްމިޓު ކޮށްގެން ފަރުވާ ދެމުންދާ ކަމުގައެވެ.

ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުން ސަލާމަތްވުމަށް ލުބްނާނުން ސޫރިޔާއަށް ދަތުރުކުރި މީހުންގެ ޢަދަދު 30,000އަށް އުފުލިފައިވާ ކަން ޔޫއެންސީއެޗްއާރުން ހާމަކޮށްފައިވާއިރު, ސޫރިޔާގައި ހުންނަވާ އެ އިދާރާގެ ސަފީރު ގޮންޒާލޯ ވަރްގާސް ދިއޯސާ ވިދާޅުވީ އޭގެ ތެރެއިން 80 އިންސައްތައަކީ ލުބްނާންގައި ދިރިއުޅެމުން ދިޔަ ސޫރިޔާގެ ރެފިއުޖީން ކަމުގައެވެ. އަދި, ބާކީ 20 އިންސައްތައަކީ އަމިއްލަ ވަޒަން ދޫކޮށް ދަތުރު ކޮށްފައިވާ ލުބްނާންގެ ރައްޔިތުން ކަމުގައެވެ. ސޫރިޔާއަށް ދަތުރު ކޮށްފައިވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއް ބަޔަކީ ކުޑަކުދިންނާއި ޒުވާން އުމުރުފުރައިގެ ކުދިން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"ހަނގުރާމަ ހިނގަމުންދާ ޤައުމަކުން އެ މީހުން ހިޖުރަ ކޮށްފައި އެ ވަނީ 13 އަހަރުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ބޮޑު ކާރިސާއަކާ ކުރިމަތިވެފައިވާ ޤައުމަކަށް [ސޫރިޔާއަށް]. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މީހުން [ސޫރިޔާއަށް] ހިޖުރަކުރާނެ ކަމަށް ބެލެވޭއިރު, އެ ޢަދަދުތައް އަޅުގަނޑުމެން ބަލަމުންދާ ނަން،" ދިއޯސާ ވިދާޅުވިއެވެ. ލުބްނާނުން ސޫރިޔާއަށް ހިޖުރަ ކުރަމުންދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސޫރިޔާގެ ސަރުކާރާއި ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ފަށާފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.

އެއްވެސް ވައްތަރެއްގެ އައިޑީ ކާޑެއް އޮތް ލުބްނާންގެ ކޮންމެ ރައްޔިތަކު ސޫރިޔާއަށް އެތެރެވުމުގެ ފުރުޞަތު, ސޫރިޔާގެ ސަރުކާރުން ދަނީ ދެމުންނެވެ. އެ ޤައުމުގެ ދާޚިލީ ހަނގުރާމައާ ގުޅިގެން ވެސް އެތަކެއް މިލިޔަން ރެފިއުޖީން ލުބްނާނަށް ހިޖުރަ ކޮށްފައިވާއިރު, މި ވަގުތު ލުބްނާންގައި ތިބި ސޫރިޔާގެ ރެފިއުޖީންގެ ޢަދަދު 1.5 މިލިޔަނަށް އަރާ ކަމުގައި ޔޫއެންއެޗްސީއާރުގެ ތަފާސްހިސާބުތަކުން ހާމަވެއެވެ. އދގެ އިންސާނީ އެހީއާ ބެހޭ އިދާރާއިން ބުނީ, ޔަހޫދީ ފައުޖުން ލުބްނާނަށް ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކާ ގުޅިގެން 200,000އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމުގައެވެ.

ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް މެދުކަނޑައިލަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ގޮވައިލުމުން, އަނިޔާވެރި ނަތަންޔާހޫ ވަނީ އެ ކަމާ އިންކާރު ކޮށްފައެވެ. ސުލްޙައިގެ މަޝްވަރާތަކަށް ޖާގަ ދިނުމުގެ ގޮތުން 21 ދުވަހުގެ މުއްދަތަކަށް ޢުދުވާން މެދުކަނޑައިލަން ގޮވައިލާފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ, ފަރަންސޭސިވިލާތް, އޮސްޓްރޭލިޔާ, ޤަޠަރު, އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ސަޢޫދީ ޢަރަބިއްޔާ އަދި ވިލާތުގެ އިއްތިހާދު (އީޔޫ) ހިމެނެއެވެ.

ޢުދުވާންތައް މެދުކަނޑައިލަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ގޮވައިލަމުން ދިޔަ ނަމަވެސް, ޔަހޫދީ ފައުޖުން އަމަލު ކުރަމުން ދަނީ އެ ގޮވައިލުމާ ދިމާ އިދިކޮޅަށެވެ. ހައްދުފަހަނަ އެޅި ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ދަނީ އެތަކެއް ސަތޭކަ ހާސް ސިފައިންނާއި ބަރުހަތިޔާރު ލުބްނާންގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާ ކުރަމުންނެވެ. އަދި, އެއްގަމު މަގުން ލުބްނާނަށް އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން ލުބްނާނުގެ ސަރަޙައްދީ ރޮނގު ކައިރީގައި ޔަހޫދީ ފައުޖުން ވަނީ އަސްކަރީ ތަމްރީނުތަކެއް ފަށާފައެވެ.

ޔަހޫދީ ފައުޖުގެ އިސް ކޮމާންޑަރު ހެރްޓްޒީ ހަލަވީ ބުނީ, ޔަހޫދީންގެ ނިރުބަވެރި ސިފައިން އެއްގަމު މަގުން ލުބްނާނަށް އަރައި ލާއިންސާނީ ޢުދުވާން އިތުރު ހަރުފަތަކަށް ފުޅާ ކުރުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ. ޔަހޫދީ ފައުޖުގެ ވައިގެ ސިފައިންގެ ކޮމާންޑަރު ތޮމެރް ބާރް ބުނީ, އެއްގަމު މަގުން ލުބްނާނަށް އަރައިގަންނަ ޔަހޫދީ ފައުޖުގެ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދޭން ވައިގެ ސިފައިން ވެސް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމުގައެވެ. އަދި, އީރާނުން ޙިޒްބުاللهއަށް ހަތިޔާރު ފޯރުކޮށްދޭން ކުރާ މަސައްކަތްތައް ހުއްޓުވާނެ ކަމުގައި ވެސް އޭނާ ބުންޏެވެ. ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ އެކު މެދުރިއުމަތީގައި ލޭއޮހޮރުވުން ބޮޑު ނުރައްކާތެރި ހަނގުރާމައެއް ފެށުމުގެ ބިރު ވެސް ވަނީ އެތަކެއް ގުނައަކަށް ބޮޑުވެފައެވެ.