ދުނިޔެ

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާއިން އިންޒާރު ދީފި


ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލާގައި ޗައިނާ ގެންގުޅޭ ސިޔާސަތަށް އެމެރިކާ ނުރުހުން ފާޅުކޮށް ޗައިނާއަށް އިންޒާރު ދީފިއެވެ.

ސިންގަޕޫރުގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ދިފާއީ ވަޒީރު އޭޝްޓަން ކާޓަރ ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގައިވާ ސްކާބަރާ މުރަކައިގެ ފަރާ ގުޅިފައިވާ އިތުރު ބިންތައް ހޯދަން ޗައިނާ ހަރަކާތްތެރިވާނަމަ އެކަމުގެ ނޭދެވޭ ނަތީޖާއާ ޗައިނާ ކުރިމަތިލާން ޖެހޭނެކަމަށެވެ.

ސިންގަޕޫރުގައި ބޭއްވި އޭޝިޔާ ޕެސިފިކްގެ އަމަނާބެހޭ ފޯރަމްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ދިފާއީ ވަޒީރު އޭޝްޓަން ކާޓަރވަނީ ދެކުނު ޗައިނާ ކަނޑުގައިވާ ފަޅެއް ހިއްކައިގެން އެސަރަހައްދުގައި ސިނާއީ ރަށެއް އުފެއްދުމަށް ޗައިނާ ހިންގާ ހަރަކާތްތައްވެސް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. އަދި ކާޓަރވަނީ ކުރިޔަށްއޮތް ތިރީހަކަށް އަހަރުވެސް ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރެއްގެ ގޮތުގައި އޮންނާނީ އެމެރިކާ ކަމަށް ވިދާޅުވެ އެމެރިކާގެ މުލައްދަނޑީގެ ބާރު ދައްކަވަންވެސް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ދެކުނު ޗައިނާ ކަނޑުގައިވެސް އަދި އެހެން ސަރަހައްދެއްގައިވެސް ޗައިނާފަދަ އަސްކަރީ ބޮޑުބާރަކާ ކުރިމަތިލާން އެމެރިކާއަށް ނުކެރޭނެކަމަށް ތަޖްރިބާކާރުން ދެކެއެވެ.

މިފޯރަމްގައި ވާހަކަ ދެއްކެވި ޗައިނާގެ ވަފްދުގެ ވެރިޔާގެ ނައިބު ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގެ ކަންތަކުގެ ތެރެއަށް ބޭރުގެ ބާރުތައްވަނުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫންކަމަށެވެ. އަދި ދެކުނު ޗައިނާ ކަނޑުގައި އުފެދިފައިވާ އަރާރުންތައް ހައްލުކުރުމުގެ ޤާބިލްކަން އެސަރަހައްދުގެ ޤައުތަކަށް ލިބިގެންވާކަމަށާ އެކަންކަމުގެ ތެރެއަށް ބޭރުގެ ބާރުތައް ވަންނަން ނުޖެހޭކަމަށްވެސް ޗައިނާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

މިފޯރަމްގައި ވާހަކަ ދައްކަވަމުން އިންޑިޔާގެ ދިފާއީ ވަޒީރު މަނޫހަރު ޕެރިކާ ވިދާޅުވީ އެއްވެސް ޤައުމަކުން އެކަހެރި ގޮތެއްގައި އެޤައުމެއްގެ އަމިއްލަ މަސްލަޙަތު ހިމާޔަތް ކުރަން ދެކުނު ޗައިނާ ކަނޑުގެ ބޭނުން ހިފައިގެން ނުވާނެކަމަށެވެ. އަދި އެއްވެސް ޤައުމަކުން އެކަނޑުގައި އުދުވާނީ ހަރަކާތެއް ހިންގުމަކީ އިންޑިޔާ ދެކޮޅު ހަދާނެ ކަމެއްކަމަށްވެސް އިންޑިޔާގެ ދިފާއީ ވަޒީރު ވިދާޅުވިއެވެ. މިއީ ޗައިނާއަށާއި އެމެރިކާއަށްވެސް ނުސީދާ ގޮތެއްގައި އިންޑިޔާގެ ދިފާއީ ވަޒީރު ކުރެއްވި އިޝާރާތެއް ކަމަށްވަނީ ބެލެވިފައެވެ.

ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލާގައި ޗައިނާ ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން އެސަރަހައްދުގެ ބައެއް ޤައުމުތަކާ ޗައިނާއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާއިރު އެމައްސަލައިގެ ތެރެއަށް އެމެރިކާ ވަނުމުން މައްސަލަ ދަނީ އިތުރަށް ގޯސްވަމުންނެވެ. އަދި ޗައިނާއާ ދެކޮޅަށް އެސަރަހައްދުގެ ޤައުމުތަކަށް އަސްކަރީ ގޮތުން ވާގިވެރިވެ ހިއްވަރުދިނުމަށް އެމެރިކާ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ޗައިނާ ތުހުމަތުކުރެއެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހިމެނޭ ސަރަހައްދެކެވެ. ދުނިޔޭގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހިނގަނީ އެކަނޑު ގެ ތެރެއިންނެވެ. މިގޮތުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް ދިހަ ބިލިޔަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ދެކުނު ޗައިނާ ކަނޑު ހުރަސްކޮށް ހިނގާކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭޝިޔާ ޕެސިފިކްގެ އަމަނާބެހޭ ފޯރަމްގައި ދެއްވި ތަޤްރީރުގައި އެމެރިކާގެ ދިފާއީ ވަޒީރު ވަނީ ދެކުނު ޗައިނާ ކަނޑަކީ އެމެރިކާއާ އެތަށް ހާސް މޭލެއްގެ ދުރުގައިއޮތް ކަނޑެއް ކަމަށްވިޔަސް އެއީ އެމެރިކާގެ ވިޔަފާރިއާއި އިގްތިސާދަށް ވަރަށް މުހިއްމު ކަނޑެއްކަމަށް ސިފަކުރައްވައި އެކަނޑަކީ އެމެރިކާގެ ޖިއޮސްޓްރެޓީޖިކް ސަރަހައްދެއް ކަމަށް ސިފަކުރައްވާފައެވެ. އަދި އެމެރިކާގެ އިޤްތިޞާދާއި ވިޔަފާރީގެ ބޮޑުބައެއް ހިއްސާ ކުރަނީ އެކަނޑުކަމަށާއި އެހެންކަމުން އެކަނޑުގައި ހިނގާ ކަންތައްތަކުގެ ތެރެއަށް ނުވަދެ ހަމައެކަނި ކުޅިބަލަން އެމެރިކާ ނޯންނާނެ ކަމަށްވެސް އެމެރިކާގެ ދިފާއީ ވަޒީރު އޭޝްޓަން ކާޓަރ ވިދާޅުވިއެވެ.