ޚަބަރު

ރާއްޖޭގައި އިންވެސްޓުކުރުމުގެ ދައުވަތު ނިއުޒިލެންޑްގެ އިންވެސްޓަރުންނަށް


  • މި ބައްދަލުކުރެއްވުން ކުރިއަށްގެންދެވީ އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގައި

ނިއުޒިލެންޑްގެ އިންވެސްޓަރުންނަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި އިންވެސްޓުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތުދެއްވައިފިއެވެ. މި ދަޢުވަތު ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިއުޒިލެންޑްގެ ބޮޑުވަޒީރުގެ ނައިބު، ޚާރިޖީ ވަޒީރު އަދި މިނިސްޓަރ އޮފް ރޭސިންގ ވިންސްޓަން ޕީޓަރސްއާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގައެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދެވީ އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގައެވެ. އދގެ ޢާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ މިވަގުތު ހުންނެވީ އެމެރިކާގެ ނިއުޔޯކުގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑުވަޒީރު ވަނީ، ދެޤައުމުގެ ދޭދޭ ފަރުދުންގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ވިޔަފާރި ހަރުދަނާކުރުން ފަދަ، ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާ ތަކާމެދު މަޝްވަރާކުރައްވާފައެވެ. އަދި ޖޯގްރަފީގޮތުން ރާއްޖެ އޮންނަ ސަރަހައްދުގެގޮތުން އިސްތިރާޖީ ފައިދާގެ ބޭނުން ހިއްސާކުރުމާމެދުވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން އަންނަ އޮކްޓޯބަރުމަހު ސަމޯއާގައި ބާއްވަން ހަމަހިފައިވާ ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް އަކީ، ބައިނަލްއަޤުވާމީ ފެންވަރުގައި ދެ ފަރާތައް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެކުގައި މަސައްކަތްކުރަން އޮތް ފުރުޞަތެއްކަން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާވަނީ ނިއުޒިލެންޑްގެ އިންވެސްޓަރުންނަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި އިންވެސްޓުކުރުމަށް ދަޢުވަތުދެއްވާފައެވެ. މީގެއިތުރުން ތަޢުލީމީ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާދެއްވިއެވެ.

އދގެ ޢާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.