ޚަބަރު

ބަލިމީހާގެ ސިއްޙީ ހުރިހާ ރެކޯޑެއް ބެލެހެއްޓޭނެ ޑިޖިޓަލް ނިޒާމެއް ޤާއިމްކުރަނީ


  • މިބްލޫޕްރިންޓުގެ ސަބަބުން ޢާންމުންގެ ސިއްޙީ ރިކޯޑުތައް ނިޒާމެއްގެތެރެއިން ބެލެހެއްޓޭނެ

  • އެމީހެއްގެ ސިއްހީ ޙާލަތު ދެނެގަނެވި ދުރާލާ ބަލިތަކުން އަރައިގަތުމަށް މަސައްކަތްކުރެވޭނެ

  • މިމަސައްކަތް ނިންމުމުގެ ކުރިން ޢާންމުންގެ ޚިޔާލު ހޯދާނެ

ރާއްޖޭގައި ގައިން ގަޔަށް ނާރަ ބަލިތައް ޢާންމުވަމުންދާއިރު ފަރުވާގައި އެންމެ މުހިންމުކަމަކީ އެމީހެއްގެ ބައްޔާއި ގުޅޭ ހުރިހާ މަޢުލޫމާތެއް ރައްކާކޮށްފައި ބެހެއްޓުމެވެ. އެހެންނަމަވެސް ތަހުލީލުތަކުގެ ނަތީޖާތަކާއި ޑޮކްޓަރުންގެ ލިޔުންތައް އެންމެ ރައްކާތެރިގޮތުގައި ބަލި މީހުން ނުގެންގުޅުމުގެ ކަންބޮޑުވުން ސިއްޙީ މާހިރުންގެ އޮވެއެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނެސް ރާއްޖޭގެ ސިއްޙީ ނިޒާމު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މިފަދައިން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ "ނޭޝަނަލް ޑިޖިޓަލް ހެލްތު އާކިޓެކްޗަރ ބްލޫޕްރިންޓް" ޤާއިމުކުރުމުގެ މަސައްކަތެވެ.

ނޭޝަނަލް ޑިޖިޓަލް ހެލްތު އާކިޓެކްޗަރ ބްލޫޕްރިންޓަކީ ސިއްޙީ ދާއިރާގައި އެއްކުރެވޭ މަޢުލޫމާތުގެ ތެރެއިން ޢާންމު ރައްޔިތުންގެ މަޢުލޫމާތު އެމީހަކަށް ފެންނާނެހެން، ރައްކާކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ މަގުޗާޓެކެވެ. ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިނިޒާމު ޤާއިމުކުރެވުމުގެ ސަބަބުން އެމީހެއްގެ ސިއްޙީ ޙާލަތު ބައްޓަންކުރަން ބާރުވެރިކުރެވޭނެހެން މުޅި ސިއްޙީ ނިޒާމުގައި ހުރި އެމީހާގެ ހުރިހާ ހެލްތު ރިކޯޑެއް ފެންނަން ހުންނާނެކަމަށެވެ. މިކަން ކުރުމަށް ބޭނުންވާ މަގުޗާޓު އެކުލަވާލުމުގެ މަސައްކަތް ސިއްޙަތާ ބެހޭ ވުޒާރާއިންވަނީ ފަށްޓަވާފައެވެ.

މިގޮތުން ސިއްޙީ ޚިދުމަތް ޚިދުމަތްތެރިންނަށް ބަލި މީހާއަށް އެންމެ އެކަށޭނެ ގޮތަށް ފަރުވާދިނުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ލިބުމުގައި ހުރި ގޮންޖެހުންތަކަށް މިބްލޫޕްރިންޓްގެ ސަބަބުން ޙައްލެއް ލިބިގެންދާނެކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެއިތުރުން މިބްލޫޕްރިންޓްގެ ސަބަބުން، ސިއްޙީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައި ހެކިތަކުގެ މައްޗަށް ބިނާވާ ނިންމުންތައް ނިންމުމުގައި ބޭނުންވާނެ އަދާހަމަ މަޢުލޫމާތު ފަސޭހައިން ލިބެން ހުންނާނެ ނިޒާމެއް މިއާއެކު ޤާއިމުވެގެންދާނެއެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި އެކުލަވާލާ ނޭޝަނަލް ޑިޖިޓަލް ހެލްތު އާކިޓެކްޗަރ ބްލޫޕްރިންޓު އެކުލަވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސިއްޙަތާ ބެހޭ ވުޒާރާއިން މިހާރުވަނީ ސިއްޙީ ޚިދުމަތްތެރިންނާއި، ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކާއި، ފަންނީ ތަޖުރިބާކާރުންނާއި، މިނޫންވެސް ކަމާއި ގުޅުންހުރި އެކި ފަރާތްތަކުގެ ލަފަޔާއި އިރުޝަދުތައް ހޯދުމަށްޓަކައިވަނީ މަސައްކަތު ބައްދަލުވުންތައް ބާއްވާފައެވެ. ސިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިބްލޫޕްރިންޓުގެ މަސައްކަތްތައް ނިންމާލުމުގެ ކުރިން ޢާއްމުންގެ ޚިޔާލު ހޯދުމަށްވެސް ނިންމާފައިވާކަމަށެވެ.

ނޭޝަނަލް ޑިޖިޓަލް ހެލްތު އާކިޓެކްޗަރ ބްލޫޕްރިންޓް އެކުލަވާލުމުގެ މަސައްކަތް ސިއްޙަތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދަވަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ގުޅިގެންނެވެ.

މިމަސައްކަތް ނިމިގެންދާއިރު ދުރާލާ ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްކުރަން ޢާއްމުންގެ މެދުގައި އިސްކަންދިނުމުގެ ޘަޤާފަތެއް އަށަގަނެވުމަކީ ދާއިމީ ބޮޑެތި ބަލިތަކުން އަރައިގަތުމަށް ޤައުމީ ފެންވަރުގައި ކުރެވޭނެ މުހިންމު މަސައްކަތެކެވެ.