ޚަބަރު

ޖަޕާނުގެ ވެރިކަން ކުރާ ޕާޓީ އިސްލާޙު ކުރާނަން: އިންތިޚާބީ-ބޮޑުވަޒީރު އިޝިބާ


ޖަޕާނުގައި ވެރިކަން ކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އިސްލާޙުކޮށް, އިޤުތިޞާދު އަލުން ދިރުވައި އާރާސްތުކޮށް, އަވައްޓެރި ޤައުމުތަކުގެ ސަބަބުން ޖަޕާނުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެފައި އޮތް ނުރައްކަލުން ސަލާމަތްވާން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގައި އެ ޤައުމުގެ އިންތިޚާބީ-ބޮޑުވަޒީރު ޝިގެރު އިޝިބާ ވިދާޅުވެއްޖެއެވެ. ޖަޕާނުގެ ދިފާޢީ ވަޒީރު ކަމުގެ މަޤާމު ކުރިން ފުރުއްވާފައިވާ 67 އަހަރުގެ އިޝިބާ މި މޭރުމުން ވިދާޅުވެފައި ވަނީ, އެލްޑީޕީއަށް އައު ވެރިއަކު އިންތިޚާބު ކުރުމަށް ނެގި ވޯޓުގައި ހަރުކަށި ސިޔާސަތުތަކަށް ވަކާލާތު ކުރައްވާ ޓަކައިޗި ސަނައެގެ މައްޗަށް ލިބުނު ކާމިޔާބީ ފާހަގަ ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަޕާނުގެ އިންތިޚާބީ-ބޮޑުވަޒީރު ކަމުގެ މަޤާމު އިޝިބާއަށް ލިބިވަޑައިގަންނަވާފައި ވަނީ ބޮޑުވަޒީރު ކަމުގެ މަޤާމުން އިސްތިޢުފާ ދެއްވަން ފުމިޔޯ ކިޝިދާ ހުސްވި އޮގަސްޓު މަހު ނިންމެވުމާ ގުޅިގެންނެވެ. އަދި, އެލްޑީޕީގެ ވެރިކަމަށް އައު ބޭފުޅަކު ޢައްޔަން ކުރުމަށް އިންތިޚާބެއް ބާއްވާފައި ވަނީ, އެ މަޤާމަށް އިތުރު ދައުރަކަށް ވާދަ ނުކުރައްވަން ކިޝިދާ ނިންމެވުމުންނެވެ. އެލްޑީޕީގެ އައު ވެރިޔާ ކަނޑައެޅުމަށް ބޭއްވި އިންތިޚާބު އިޝިބާ ކާމިޔާބު ކުރެއްވީ ނުވަ ކެނޑިޑޭޓަކާ ވާދަކުރައްވައެވެ.

ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ އެލްޑީޕީއަށެވެ. އެހެންކަމުން, އެ ޤައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ދެން ހަވާލުވެ ވަޑައިގަންނަވާނީ އިޝިބާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ވެސް ޤަބޫލު ކުރެއެވެ. އިޝިބާ ވިދާޅުވީ, އޮކްޓޫބަރު 1ވަނަ ދުވަހު ބާއްވާ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި ނަގާ ވޯޓަށް ފަހު, ބޮޑުވަޒީރު ކަމުގެ މަޤާމަށް އިންތިޚާބު ކުރުމުން އޭނާގެ އައު ސަރުކާރު އެކުލަވައިލައްވާނެ ކަމުގައެވެ.

"އަޅުގަނޑުމެންގެ ޕާޓީ ވާން ޖެހޭނީ, ޙަޤީޤަތާއި ތެދު ވާހަކަތައް މިނިވަންކަމާ އެކު ދެއްކުމުގެ ފުރުޞަތު ޢާންމު މެންބަރުންނަށް ދޭ ޕާޓީއަކަށް, ހުރިހާ ކަމަކާ މެދު އިންސާފުވެރިކަމާ އެކު އަމަލު ކުރާ ޕާޓީއަކަށް, އަދި ލަދުވެތިކަން އިސްކުރާ ޕާޓީއަކަށް،" އެލްޑީޕީގެ އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަ ކުރައްވައި ވާހަކަފުޅު ދައްކަވަމުން އިޝިބާ ވިދާޅުވިއެވެ.

އަވައްޓެރި ޤައުމުތަކުގެ އަސްކަރީ ހަރަކާތްތަކާ ގުޅިގެން ޖަޕާނަށް ކުރިމަތިވަމުންދާ ނުރައްކަލުގެ މައްޗަށް ވެސް އޭނާ އަލިއަޅުއްވައިލެއްވިއެވެ. މި ގޮތުން, ރަޝިޔާއާއި ޗައިނާގެ އަސްކަރިއްޔާއިން ދާދިފަހުން ޖަޕާނުގެ ސަރަޙައްދަށް އެތެރެވެފައިވާ ކަން ފާހަގަ ކުރައްވައި އިޝިބާ ވިދާޅުވީ, އުތުރު ކޮރެޔާއިން ހިންގާ މިސައިލް ތަރައްޤީ ކުރުމުގެ ޕުރޮގުރާމުގެ ސަބަބުން ޖަޕާނުގެ ދިފާޢީ ކަންކަން އިތުރަށް ހަރުދަނާ ކުރަން ޖެހިފައިވާ ކަން ހާމަވާ ކަމުގައެވެ.

އިސްތިޢުފާ ދެއްވަން ނިންމަވާފައިވާ ކަން ކިޝިދާ އިޢުލާނު ކުރައްވާފައި ވަނީ ސިޔާސީ މައިދާނުގައި ހައިޖާނު ބޮޑުވެ, ދިރިއުޅުމުގެ ޚަރަދުތަކާއި ތަކެތީގެ އަގުތައް އުފުލުމުން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި, އެލްޑީޕީއާއި ޔުނިފިކޭޝަން ޗަރޗާ ގުޅުންތަކެއް އޮތް ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ, އެލްޑީޕީން ސިއްރު ކޮށްފައިވާ ފައިސާތަކެއްގެ މައްސަލަ ހާމަވެފައިވާ ވަގުތެއްގައެވެ. އެ މައްސަލަތަކާ ގުޅިގެން އެލްޑީޕީއަށް ޢާންމުންގެ މެދުގައި އޮތް އިތުބާރު ގެއްލި, ތާޢީދު ދަށްވިއެވެ.

އެ މައްސަލަތަކަށް އިޝާރާތް ކުރައްވައި އިޝިބާ ވިދާޅުވީ, އެ މައްސަލަތަކާ އެކު އެލްޑީޕީގައި ނަގާކިޔާ އަދި ބާރުގަދަ ފެކްޝަނެއް ޕާޓީއާ ދުރުވާން މަޖުބޫރުވި ކަމަށާއި, އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ ފުރުޞަތު ފަހިވެގެން ދިޔަ ކަމުގައެވެ. މިއީ, އެލްޑީޕީގެ ވެރިކަމަށް ވަޑައިގެންނެވުމަށް އިޝިބާ މަސައްކަތް ކުރައްވާފައިވާ ފަސްވަނަ ފަހަރު ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އޭނާއަކީ, ޕާޓީ އެހެން އިސް މެންބަރުންނާ މެދު ޚިޔާލުތަފާތުވާ މައްސަލަތަކުގައި ފާޅުގައި ބަސްބުނުއްވާ, ހައިޖާނު ބޮޑު ބޭފުޅެއްގެ ގޮތުގައި ސިފަކުރެވުނު ނަމަވެސް, ޖަޕާނުގެ ޢާންމު ރައްޔިތުންގެ ތާޢީދު އޮތް ބޭފޫޅެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

ކުރިއަށް އޮތް 13 މަހުގެ ތެރޭގައި ޢާންމު އިންތިޚާބެއް ބާއްވަން ޖެހޭނެ ކަމަށް ޖަޕާނުގެ ޤާނޫނުއަސާސީގައި ބަޔާން ކޮށްފައިވާއިރު, އިޝިބާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އިންތިޚާބު އިޢުލާނު ކުރައްވާނެ ކަމުގައެވެ. ނަމަވެސް, އެ ކަމުގެ އިތުރު ތަފުސީލު ހާމަ ކުރައްވާފައެއް ނެތެވެ. ޖަޕާނުގެ ކަންދާ ޔުނިވަރސިޓީ އޮފް އިންޓަރނޭޝަނަލް ސްޓަޑީޒްގެ ލެކްޗަރަރއެއް ކަމުގައިވާ ޖެފްރީ ހޯލް ވިދާޅުވީ އިޝިބާއަކީ އަމިއްލަ ޕާޓީއަށް ފާޑު ވިދާޅުވުމުގައި ފަސް ޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި, އެ ފަދަ ސިފަތަކުގެ ސަބަބުން ޢާންމު ރައްޔިތުންގެ މެދުގައި އޭނާއަށް ތާޢީދު އިތުރުވެފައިވާ ކަން ފާހަގަ ކުރެވޭ ކަމުގައެވެ.

މަޑުޖެހިފައި އޮތް ޖަޕާނުގެ އިޤުތިޞާދީ ހާލަތަށް ވެސް އިޝިބާ ވަނީ އަލިއަޅުއްވައިލައްވާފައެވެ. އޭނާ ވިދާޅުވީ, ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިޤުތިޞާދު މަޑުޖެހިފައި އޮތް އޮތުމަށް ނިމުމެއް ގެނެވޭނީ ޚަރަދު ކުރުން އިތުރުކޮށް, އެ ކަން ދިރުވައިގެން ކަމުގައެވެ. ބޮޑުވަޒީރު ކަމުގެ މަޤާމުގައި އޭނާއަށް ކުރިމަތިވާނެ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި އުފުލެމުންދާ ދިރިއުޅުމުގެ ޚަރަދުތަކާއި ތަކެތީގެ އަގުތަކުގެ އިތުރުން އިންފްލޭޝަންގެ މައްސަލަ ހައްލު ކުރުމާއި, އެލްޑީޕީގެ އެތެރޭގެ ހައިޖާނުގަނޑު ހައްލު ކުރުމާއި, އިރުމަތީ އޭޝިޔާ ސަރަޙައްދުގެ ސަލާމަތީ ހާލަތު ހަމައަކަށް އަޅުވަން މަސައްކަތް ކުރެއްވުން ހިމެނޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.