ޚަބަރު

ދެޤައުމު ގުޅިގެން އެކި ދާއިރާތަކުން ގިނަ ހަރަކާތްތަކެއް ހިންގުމަށްދަނީ މަސައްކަތްކުރަމުން: ޗައިނާ ސަފީރު


  • ލާމު-ޝިއާމެން މެރަތޯންއަކީ ރައީސްގެ ދަތުރުފުޅުގެ ތެރެއިން ކުރަން ނިންމި މުހިއްމު ހަރަކާތެއް

  • ކުޅިވަރާއި އެނޫންވެސް ދާއިރަތަކުން އިތުރު ޙަރަކާތްތައް ހިންގުމަށްވަނީ ނިންމާފައި

  • ލ.އަތޮޅު ލިންކް ރޯޑަކީ ޗައިނާގެ އެހީގައި ތަރައްޤީކޮށްފައިވާ ރާއްޖޭގެ އެންމެ ދިގު މަގު

ކުރިއަށް އޮތްތަނުގައި ކުޅިވަރުގެ ދާއިރާ ހިމެނޭހެން، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަވާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަންލީ ޒިންގ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ލ. އަތޮޅުގައި ކުރިއަށްގެންދިޔަ ލާމު-ޝިއާމެން މެރަތޯންގައި ބައިވެރިވެވަޑައިގެން ދެއްވި އިންޓަރވިއުއެއްގައެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވަފައި ހުންނަވާ ސަފީރު، ވަންލީ ޒިންގ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނިންމެވި މުހިންމު ނިންމެވުންތައް ތަންފީޒުކުރުމަށް ދެޤައުމު ގުޅިގެން މަސައްކަތްކުރަމުންދާކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ ޝިއާމެންއަށްކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ އެދަތުރުފުޅުގެ ތެރެއިން ޝިއާމެންގެ ލީޑަރުންނާއި އަދި ރާއްޖެއާއި ގުޅިގެން މަސައްކަތް ކުރުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން ލ. އަތޮޅުގައި ކުރިއަށްގެންދިޔަ ލާމު-ޝިއާމެން މެރަތޯންއަކީވެސް މިދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދަން ނިންމެވި ހަރަކާތެއްކަމަށް ސަފީރު ވިދާޅުވިއެވެ.

"ރައީސްގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ ޝިއާމެން ސިޓީ. މި ދަތުރުގައި ޝިއާމެންގެ ލޯކަލް ލީޑަރުންނާއި ބައްދަލުކުރައްވާ ދެޤައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިކުރުމަށް މަސައކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި. މިއަދު މިކުރިއަށްގެންދިޔަ މެރަތޯން ޙަރަކާތަކީ އޭގެދަށުން ކުރިއަށްގެންދެވޭ ހަރަކާތެއް." ސަފީރު ވިދާޅުވިއެވެ.

ޗާއިނާ ސަފީރު ވަންލީ ޒިންގ ވިދާޅުވީ، ރާއްޖެއާއި ޗައިނާގެ އިސްވެރިންގެ މަޝްވަރާތަކާއި އިރުޝާދުގެ ދަށުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި ކުރިމަގުގައި ދެޤައުމުގެ ގުޅުން ފެންނަނީ ވަރަށް އުޖާލާކޮށްކަން ސަފީރު ފާހަގަކުރެއްވިއެވެ.

މިމެރަތޯންއަށްފަހު ވާހަކަފުޅުދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ، މިފަދަ ހަރަކާތްތަކުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ލިބެމުންދާކަމަށެވެ. އެގޮތުން ސިއްޙީ ގޮތުން ބަލާއިރު މިއީ ދުޅަހެކޮށް ތިބުމަށް ބާރުއަޅާކަމެއްކަމަށެވެ. ހަމައެއާއެކު ޗައިނާގެ ރައްޔިތުންގެ މެދުގައި ރާއްޖެއާއި މެދު އިތުރަށް ޝައުގުވެރިވާނެކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އަންނަ ޖެނުއަރީ މަހު ޝިއާމެންގައި އޮތް މެރަތޯންގައި ބައިވެރިވުމަށްވެސްވަނީ މިހާރު ދަޢުވަތު ލިބިފައި. އެހެންވީމަ އެތަނުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ބޫތެއް ބަހައްޓައިގެން އެކަންކުރެވޭނެ ފުރުސަތުވެސްވަނީ ހުޅުވާލާފައި." ވަޒީރު ވިދާޅުވިއެވެ.

ލ. އަތޮޅު ލިންކް ރޯޑަކީ ޗައިނާ ސަރުކާރުގެ އެހީގައި ތަރައްޤީކޮށްފައިވާ މަގެކެވެ. އެއީ ރާއްޖޭގައި އެއްގަމުން 4 ރަށެއް ގުޅުވާލަދޭ ރާއްޖޭގައި އޮތް އެންމެ ދިގު މަގެވެ. ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގައި އެކި ގޮތްގޮތުން އެހީވަމުން އަންނަ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ރާއްޖޭގައި ތަރައްޤީކޮށްފައިވާ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުކަމުގައިވާ ސިނަމާލޭ ބްރިޖާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.