ޚަބަރު

އެމެރިކާއިގެ އިސްތިޢުމާރީ ސިފައިން ޢިރާޤުގައި ހިންގަމުންދާ އަސްކަރީ ޙަރަކާތްތައް ނިންމައިލަނީ


އެމެރިކާގެ އިސްތިޢުމާރީ ސިފައިން ޢިރާޤުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް 2025ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ނިމުމަކަށް ގެންނަން ދެ ޤައުމުން އެއްބަސްވެއްޖެއެވެ. އެ ކަން ހާމަ ކޮށްފައި ވަނީ އެމެރިކާއާއި ޢިރާޤުން ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެ ތާރީޚަށް ފަހު ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ގުޅުންތައް ދަމަހައްޓާނީ ދޭދޭ އެއްބަސްވުންތަކެއްގެ ދަށުން ކަމުގައި އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ޢިރާޤުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނާއި އިއްތިޙާދީ ލަޝްކަރުގެ ސިފައިން ފޭބުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ފެށުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަނާއި ޢިރާޤުގެ ބޮޑުވަަޒީރު މުޙައްމަދު ޝިޔާޢު އަލް-ސޫދާނީ އެއްބަސްވެ ވަޑައިގަންނަވާފައި ވަނީ އޭޕްރިލް މަހުއެވެ. އެ ކަމާ ގުޅޭ ރަސްމީ މަޝްވަރާތައް ފެށުމަށް ބައިޑަން އެއްބަސްވެފައި ވަނީ ދެ ޤައުމުގެ ދެމެދު ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރި މަޝްވަރާތަކަށް ފަހުއެވެ.

ޢިރާޤުގައި މި ވަގުތު ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނަކީ ނިރުބަވެރި އައިއެސް ޖަމާޢަތާ ދެކޮޅަށް 2014ވަނަ އަހަރު ފެށި ހަނގުރާމައިގައި ބައިވެރިވުމަށް ފޮނުވި ސިފައިންނެވެ. އޭގެ ތެރެއިން 2,500އެއްހާ އެމެރިކާ މިހާރު ވެސް ޢިރާޤުގައި ތިބިއިރު, އެ ޤައުމާ އިންވެގެން އޮތް ސޫރިޔާގައި ވެސް އެމެރިކާގެ 900އެއްހާ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އައިއެސްގެ ހަނގުރާމަވެރިން އަތްގަދަ ކޮށްފައިވާ ޢިރާޤުގެ ރަށްތައް މިނިވަން ކޮށްފައި ވަނީ 2017ވަނަ އަހަރުއެވެ.

އެމެރިކާގެ އިސްތިޢުމާރީ ސިފައިން ޢިރާޤުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތައް 2025 ސެޕްޓެންބަރުގެ ކުރިން ނިމުމަކަށް ގެންނަން ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރުން އެއްބަސްވެފައިވީ ނަމަވެސް, އެ ކަމުގެ އިތުރު ތަފުސީލެއް ހާމަ ކޮށްފައެއް ނެތެވެ. އަދި, ޢިރާޤުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން އެ ޤައުމުން ފައިބާނެ ތާވަލަކާއި, ފައިބާނީ ކޮން މަރުކަޒުތަކެއްގައި ތިބި ސިފައިން ކަން ވެސް ސާފުކޮށްދީފައެއް ނެތެވެ.

ނަން ހާމަ ކޮށްފައި ނުވާ އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ބުނީ, އެމެރިކާގެ އަސްކަރީ ހަރަކާތްތައް ނިމުމަކަށް ގެންނަން ދެ ޤައުމުގެ ދެމެދުގައި އަހުދުވެފައި ވަނީ އިންތިޤާލީ އެއްބަސްވުމެއްގެ ދަށުން ކަމުގައެވެ. އަދި, އެ އެއްބަސްވުމުގެ ދަށުން ޢިރާޤުން އެމެރިކާގެ އިސްތިޢުމާރީ ސިފައިން ފައިބާން ނިންމާފައިވާ ކަން ކަށަވަރު ކޮށްދޭން އޭނާ ވަނީ ދެކޮޅު ހަދާފައެވެ. އޭނާ ބުނީ, ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެފައި ވަނީ 2025 ސެޕްޓެންބަރުގައި އިންތިޤާލީ މަރުހަލާއެއް ފެށުމަށް ކަމުގައެވެ.

"އަޅުގަނޑު ސާފުކޮށްދޭން ބޭނުން މިއީ ސިފައިން ފޭބުމާ ގުޅޭ އެއްބަސްވުމެއް ނޫން ކަން. މިއީ, އިންތިޤާލީ މަރުޙަލާއެއް. އެއީ, އަސްކަރީ އޮޕަރޭޝަންތަކުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ސަލާމަތީ ދާއިރާއިން ގުޅުންތައް އިތުރަށް ހަރުދަނާކޮށް ބަދަހި ކުރުމާ ގުޅޭ އެއްބަސްވުމެއް،" އެމެރިކާގެ އޮފިޝަލު ސާފުކޮށްދިނެވެ.

ޢިރާޤުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން އެ ޤައުމުން ބާލަން ބޭނުންވާ ކަން ހާމަކުރައްވައި, އެ ކަމާ ގުޅޭ މަޝްވަރާތައް ވޮޝިންގޓަނާ އެކު ސޫދާނީ ފަށްޓަވާފައި ވަނީ ޖަނަވަރީ މަހުއެވެ. އޭނާ ވިދާޅުވީ, ޢިރާޤުގެ ސަލާމަތީ ކަންކަން ބެލެއްހެއްޓުމުގައި އެމެރިކާގެ އަސްކަރިއްޔާއިން ފޯރުކޮށްދެމުންދާ އެހީތެރިކަން ޢިރާޤު ސަރުކާރުން ބަލައިގަންނަ ކަމުގައެވެ. ނަމަވެސް, އެމެރިކާގެ އިސްތިޢުމާރީ ސިފައިން އެ ޤައުމުގައި ހޭދަ ކުރާ ކޮންމެ ދުވަހަކު, ހަމަނުޖެހުން ބޮޑުވާ ކަމަށާއި, އެ ސިފައިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރުވާ ކަމުގައެވެ. އަދި, ޢިރާޤު ސަރުކާރުގެ އެއްވެސް ހުއްދައަކާއި ރުހުމާ ނުލައި, އެމެރިކާއިން އަސްކަރީ ހަރަކާތްތައް ހިންގަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޢިރާޤުގައި ތިބި އެމެރިކާ ސިފައިންގެ ތެރެއިން ގިނަ މީހުން 2025 ސެޕްޓެންބަރު މަހުގެ ކުރިން އެ ޤައުމުން ފައިބާނެ ކަމަށް ކުރިން ރިޕޯޓު ކޮށްފައިވެއެވެ. އަދި, ބާކީ ތިބި ސިފައިން 2026ވަނަ އަހަރު ނިމުމުގެ ކުރިން އެ ޤައުމު ދޫކޮށް ދާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ޢިރާޤުގެ ހުޅަނގު އަލް-އިންބާރު ޕުރޮވިންސުގައި އޮންނަ ޢައިން އަލް-އަސަދު އަސްކަރީ ވައިގެ ބަނދަރުގައި ތިބި އެމެރިކާ ސިފައިން ބާލަން އެމެރިކާއިން ކުރިން އެއްބަސްވެފައިވީ ނަމަވެސް, އަރްބީލްގައި އެމެރިކާ އިސްތިޢުމާރީ ސިފައިން ދެމި ތިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

2003ވަނަ އަހަރު ވެސް އެމެރިކާގެ އިސްތިޢުމާރީ ސިފައިން ވަނީ ޢިރާޤަށް އަރާފައެވެ. އަދި, އެ ޤައުމުގެ ރައީސް ސައްދާމް ޙުސައިން އަވަހާރަ ކޮށްލައި, އޭނާގެ ސަރުކާރު ވައްޓައިލާފައެވެ. އެ ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ ލަޝްކަރު 2011ވަނަ އަހަރު އެ ޤައުމުން ފައިބާފައިވީ ނަމަވެސް, އައިއެސްސާ ދެކޮޅަށް ފެށި ހަނގުރާމައަށް 2014ވަނަ އަހަރު އަނެއްކާ ވެސް އެމެރިކާގެ އިސްތިޢުމާރީ ސިފައިން ވަނީ ފޮނުވާފައެވެ. ޢިރާޤަށް އަރައިގަނެފައިވާ އިއްތިޙާދީ ލަޝްކަރުގައި ދެން ހިމެނެނީ ޖަރުމަނުވިލާތާއި, ފަރަންސޭސިވިލާތާއި އިޓަލީވިލާތުގެ ސިފައިންނެވެ.