ޚަބަރު

ޚާމަންއީގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކޮށްފި


އީރާނުގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންއީ ރައްކާތެރި ތަނަކަށް ބަދަލުކޮށް, ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކޮށްފިއެވެ. ޚާމަންއީގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކޮށްފައި މި ވަނީ ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ލުބްނާންގެ ވެރިރަށް ބައިރޫތުގެ ޟާޙިޔާ ޑިސްޓްރިކްޓަށް ސެޕްޓެންބަރު 28ވަނަ ދުވަހު ދިން ރަޙުމު ކުޑަ ނިރުބަވެރި ޙަމަލާތަކެއްގައި ކަމަށް ބެލެވެއެވެ.

ޙިޒްބުاللهއަކީ އީރާނުުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން, ޔަހޫދީންގެ ނުބައިކަމާ ދެކޮޅަށް 1982ވަނަ އަހަރު އުފައްދާފައިވާ މުޖާހިދުންގެ ޖަމާޢަތެކެވެ. އެ ޖަމާޢަތުގެ އެންމެ ބޮޑު މަދަދުގާރަކީ އީރާނެވެ. ޚާމަންއީގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކޮށްފައި މި ވަނީ, ޔަހޫދީ ފައުޖުން ދީފާނެ ނިރުބަވެރި ޙަމަލާއެއްގެ ބިރު އިތުރުވުމާ ގުޅިގެން ކަމަށް ބެލެވެއެވެ. ޖުލައި 31ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން އީރާންގެ ވެރިރަށް ތަހްރާނަށް ނިރުބަވެރި ޙަމަލާއެއް ދިނެވެ. އެ ޙަމަލާގައި, ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލިއެވެ.

ޔަހޫދީންގެ ނުބައިކަމުން ސަލާމަތްވުމަށް އައިއާރްޖީސީން ވެސް ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރޭގައި, މުއާޞަލާތު ކުރުމަށް ބޭނުން ކުރާ ޕޭޖަރާއި ވޯކީޓޯކީ ފަދަ އާލާތްތައް ބޭނުން ކުރުން ހުއްޓައިލުން ހިމެނެއެވެ. އެ ގޮތަށް އަމަލު ކުރަން ފަށާފައި މި ވަނީ, ލުބްނާންގެ ޢާންމު ރައްޔިތުން ބޭނުން ކުރާ ޕޭޖަރާއި ވޯކީޓޯކީ ފަދަ އާލާތްތަކުގައި ގޮވާތަކެތި ހަރުކޮށް, އެ ތަކެތި ގޮއްވައިލައިގެން ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.

ޚާމަންއީ ރައްކާތެރި ތަނަކަށް ބަދަލުކޮށް, ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކޮށްފައިވާ ކަން ހާމަ ކޮށްފައި ވަނީ ނަން ހާމަކޮށްފައި ނުވާ ސަލާމަތީ ދާއިރާގެ މަސްދަރުތަކަކުންނެވެ. އެ ފަރާތްތަކުން ބުނީ, ނަޞްރުالله ޝަހީދުކޮށްލުމާ ގުޅިގެން ދެން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން އީރާނާއި, އެ ޤައުމުން ވާގިވެރިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ.

ނަޞްރުاللهގެ އިތުރުން ބައިރޫތުގެ ޟާޙިޔާ ޑިސްޓްރިކްޓުގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާތަކުގައި އައިއާރްޖީސީގެ ކޮމާންޑަރުގެ ނައިބު ޢައްބާސް ނިލްފުރޫޝާން ވެސް ޝަހީދު ކޮށްލާފައިވާ ކަމުގައި އީރާނުގެ މީޑިޔާއިން ރިޕޯޓު ކުރިއެވެ. ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން މީގެ އަހަރެއްހާ ދުވަސް ކުރިން ލާއިންސާނީ ޢުދުވާނެއް ފެށި ފަހުން އައިއާރްޖީސީގެ އެހެން ކޮމާންޑަރުންތަކެއް ޝަހީދު ކޮށްލާފައިވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ނަޞްރުالله ޝަހީދު ކޮށްލާފައިވާ ކަން ޙިޒްބުاللهން ކަށަވަރު ކޮށްދިނުމާ ގުޅިގެން ޚާމަންއީ ވިދާޅުވީ "[މެދުއިރުމަތީގެ] ސަރަޙައްދުގެ ކުރިމަގު ބައްޓަން ކުރާނީ [ޔަހޫދީންނާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ] ރެސިސްޓެންސުން, ޙިޒްބުاللهން ކުރީ ސަފުގައި އޮވެގެން" ކަމުގައެވެ. "ޝަހީދު ކޮށްލާފައިވާ މުޖާހިދުންގެ ލޭގެ ބަދަލު ހިފާނެ،" ކަމުގައި ވެސް ޔަހޫދީންނަށް އިންޒާރު ދެއްވަމުން އޭނާ ވިދާޅުވިއެވެ.

ނަަޞްރުاللهއަކީ, މީގެ ދަހަރުތަކެއް ކުރިން ފެށިގެން ޔަހޫދީންނާ ދެކޮޅަށް ޙިޒްބުاللهން ކުރަމުންދާ ޖިހާދުގެ ހުންގާނުގައި ހުންނެވި އިސް މާލިމީއެވެ. ހަތިޔާރު އެޅި ޖަމާޢަތަކުން ފެށި ޖިހާދު, ޔަހޫދީން ޖެހިލުންވާ ފަދަ ބާރުގަދަ އަދި ނުރައްކާތެރި ލަޝްކަރަކަށް ބަދަލު ކޮށްލެއްވި ހިންގުންތެރި ވެރިޔާއެވެ. ޙިޒްބުاللهގެ އިތުރުން އެކްސިސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތައް ޣައްޒާއާއި, ޢިރާޤާއި ޔަމަނަށް ވެސް ފެތުރިފައިވެއެވެ.

ޔަހޫދީންނާ ދެކޮޅަށް ޙިޒްބުاللهގެ އެންމެ ފަހުގެ ޙަމަލާތައް ފަށާފައި ވަނީ, ޣައްޒާ ޢުދުވާނާ ގުޅިގެންނެވެ. އެ ޖަމާޢަތުގެ އިތުރުން ޔަމަންގެ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީން ވެސް ދަނީ ޔަހޫދީންނަށް އަމާޒުކޮށް ޙަމަލާ ދެމުންނެވެ. ރަތް ކަނޑުގައި ވަރުގަދަ އަސްކަރީ ހަރަކާތެއް ފަށައި, އެ ސަރަޙައްދުން ދަތުރު ކުރާ ޔަހޫދީންނާ ގުޅުން އޮތް އާގުބޯޑުފަހަރަށް ވެސް ޙޫޘީން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. އަދި, ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ވެސް ޙަމަލާ ދެމުންނެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 1,000އަށް އުފުލިފައިވާ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 6,000އަށް އަރައެވެ. ލުބްނާންގެ ރަށްތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން މިލިޔަނަކަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތިފައެވެ.