ޚަބަރު

ނުރައްކާތެރި މާބަރގް ވައިރަސްގެ ސަބަބުން ރުވާންޑާއިން ހަ މީހުން މަރުވެއްޖެ


ނުރައްކާތެރި ވައިރަހެއް ކަމުގައިވާ މާބަރގް ވައިރަސްގެ ފުށުން ބަލި ޖެހި މެދުތެރޭ އެފްރިކާގެ ޤައުމެއް ކަމުގައިވާ ރުވާންޑާއިން ހަ މީހުން މަރުވެއްޖެއެވެ. ރުވާންޑާގެ ޞިއްޙަތާ ބެހޭ ވަޒީރު ސަބިން ސަންޒިމާނާ ވިދާޅުވީ, މިހާރު ވެސް އެ ޤައުމުގައި ބަލި ޖެހިފައި 20 މީހުން އެބަތިބި ކަމުގައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ)ތަކުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"ބަލި ޖެހިފައިވާ މީހުންގެ ޢަދަދު 20އަށް އުފުލިފައިވާއިރު, އިތުރު ހަ މީހަކު ވަނީ ވައިރަސްގެ ސަބަބުން މަރުވެފައި. ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ޞިއްޙީ ޚިދުމަތްތެރިން, ޚާއްޞަކޮށް އިންޓެންސިވް ކެއަރ ޔުނިޓުތަކުގައި މަސައްކަތް ކުރާ މީހުން،" ސަންޒިމާނާ ވިދާޅުވިއެވެ.

އެފްރިކާ ބައްރުން މި ބަލި އެންމެ ފުރަތަމަ ފެނިފައި ވަނީ 1967 ވަނަ އަހަރުއެވެ. އެއަށްފަހު، ދޭތެރެދޭތެރެއިން މި ވައިރަސްގެ އަސަރު އިންސާނުންގެ ފުށުން ފެނިފައިވެއެވެ. މިއީ ވައުލުގެ ފުށުން އިންސާނުންގެ ހަށިގަނޑަށް ވާސިލުވާ ނުރައްކާތެރި ބައްޔެކެވެ. އަދި، ގައިންގަޔަށް އަރަނީ އިންސާނުންގެ ހަށިގަނޑުން ބޭރުވާ ދިޔާ ތަކެތީގެ ޒަރީއާއިންނެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިހުމާއި, ހޮޑުލެވުމާއި, މަސްތަކާއި ބަނޑުގައި ރިހުން ހިމެނެއެވެ.

ރުވާންޑާގައި މާބަރގް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ބައިނަލްއަޤުވާމީ ޞިއްޙީ އިދާރާތަކާ ގުޅިގެން އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި, ބަލި ޖެހިފައިވާ މީހުންނާ އެއްތަންވި މީހުން ދެނެގަނެ, އެ މީހުން އެކަހެރި ކުރުން ހިމެނެއެވެ. މި ބަލި ޖެހޭ މީހުންގެ ތެރެއިން 88 އިންސައްތަ މީހުންގެ ފުރާނައަށް ނުރައްކާވާ ކަމުގައި ޞިއްޙީ މާހިރުން ހާމަކުރިއެވެ. މާބަރގް ވައިރަހަކީ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އިބޯލާ ފަތުރާ ވައިރަހުގެ ޢާއިލާއަށް ނިސްބަތްވާ ވައިރަހެކެވެ.

މީގެ ކުރިން މާބަރގް ވައިރަސް ފެނިފައިވާ ޤައުމުތަކުގެ ތެރޭގައި ގާނާއާއި ގިނީ ހިމެނެއެވެ. އަދި, 2023ވަނަ އަހަރު ރުވާންޑާއާ އިންވެގެން އޮތް ޓެންޒެނިޔާއިން ވެސް މި ބަލި ޖެހިފައިވާ މީހުން ދެނެގަނެވިފައިވެއެވެ. 2017ވަނަ އަހަރުގެ ތެރޭގައި ޔުގާންޑާއިން ވެސް މި ވައިރަހުގެ އަސަރު ކޮށްފައިވާ މީހުން ފެނުނެވެ.