ޚަބަރު

ގައުމީ ދިގުފެތުމުގެ މުބާރާތް: ފަސް ކިލޯމީޓަރުން އެއްވަނަ ރިހާން އާއި އަޔާނާއަށް


ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ގައުމީ ދިގު ފެތުމުގެ މުބާރާތުގެ ފަސް ކިލޯމީޓަރުގެ ފިިރިހެން ޗެމްޕިއަންކަން މުޙައްމަދު ރިހާން ޝިހާމް އަދި އަންހެން ޗެމްޕިއަންކަން އަޔާނާ އަރީފް ހޯދައިފިއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑުގައި މި މުބާރާތް ކުރިއަށްދިޔައީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފަސް ކިލޯމީޓަރާއި ތިން ކިލޯމީޓަރުގެ އިތުރުން އެއް ކިލޯމީޓަރާއި 500 މީޓަރު ކެޓަގަރީއެވެ. ކޮންމެ ކެޓަގަރީއެއްވެސް ކުރިއަށްދިޔައީ އަންހެން އަދި ފިރިހެން ވަކިންނެވެ.

ފަސް ކިލޯމީޓަރުގެ ފިރިހެން ޑިވިޝަނުގެ އެއްވަނަ ރިހާން ހޯދިއިރު ދެވަނަ ހޯދާފައިވަނީ ޔަސީން މުޙައްމަދު ޔޫސުފެވެ. ތިންވަނަ ހޯދާފައިވަނީ މުބާލް އައްޒާމް އިބްރާހީމެވެ.
ތިން ކިލޯމީޓަރު ޖޫނިއަރ އަންހެން ޗެމްޕިއަންކަން ޒޯހާ އަޒްލީަ ނަސީމް ހޯދިއިރު، ފިރިހެން ޗެމްޕިއަނަކީ ދާނިޔާލް އަމީން ފައިސަލް އެވެ. މި ގިންތީގެ ރަނަރަޕް އަންހެން ފެތުންތެރިއަކީ ޒަހާ ޒައިދުލް ޚަލީލެވެ. އަދި ފިރިހެން ރަނަރަޕަކީ އިބްރާހިމް ޖޫދު ޙުސައިނެވެ.

މި ކެޓަގަރީގެ އަންހެން ތިންވަނަ މަރިޔަމް މީޝަމް ނިޔާޒުއަށް ލިބުނުއިރު، ފިރިހެން ތިންވަނަ ލިބުނީ ޒާކިން އަޝްރަފަށެވެ.

އެއް ދުވަހަށް ކުރިއަށްދިޔަ މި މުބާރާތުގެ މެންދުރު ފަހުގެ ދަންފަޅީގައި ކުރިއަށްދިޔައީ އެއް ކިލޯމީޓަރާއި 500 މީޓަރުގެ ކެޓަގަރީއެވެ. މިއަހަރުގެ މުބާރާތުގައި 240 އެތުލީޓުން ބައިވެރިވެފައިވެއެވެ. އެއީ 149 ފިރިހެނުންނާއި 91 އަންހެން ބައިވެރިންނެވެ. މިއީ މިދިޔަ އަހަރަށްވުރެ ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރު ޖުމްލަ 114 އެތުލީޓުން ވާދަކުރިއެވެ.