ޚަބަރު

ޓެލެމެޑިސިންގެ ޚިދުމަތް އަލުން ފެށުމަށް ދިރާސާތައް ދަނީ ހަދަމުން: ސިއްޙަތާބެހޭ ވަޒީރު


  • މި ޚިދުމަތް ފެށުމަށް ބައެއް ދިރާސާތައް ދަނީ ހަދަމުން

  • ކުރިން އެކަށީގެންވާ ތަމްރީން ދީފައެއް ނެތް

ޓެލެމެޑިސިންގެ ނުވަތަ ދުރުތާ ފަރުވާ ލިބިގަތުމުގެ ޚިދުމަތް އަލުން ފެށުމަށްޓަކައި ބޭނުންވާ ދިރާސާތަކުގެ މަސައްކަތް ކުރިއަށްދާކަމަށް ސިއްޙަތާބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޓެލެމެޑިސިންގެ ޚިދުމަތަކީ ރަށުގައި ތިބެގެން ރަށުން ބޭރުގައި ޚިދުމަތްދޭ ޑޮކްޓަރުންނާއި ވަރޗުއަލްކޮށް ބައްދަލުކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސައިދޭ ޚިދުމަތެކެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ދިވެހީންގެ އަޑު ދުނިޔެއަށް" މި ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކުން މެދުނުކެނޑި ސިއްހީ ފަރުވާގެ ޚިދުމަތް ހުއްޓުނަ ނުދީ ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ސިއްޙީ ނިޒާމަށް އައު ކަންތައްތަކެއް ތަޢާރަފްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ބައެއް އައު ހޮސްޕިޓަލްތައް އިމާރާތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި އައު ޚިދުމަތްތައް ތަޢާރަފްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން މިހާރު ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ.

"ދަޢުލަތަށް ލިބޭ އާންމްދަނީން ސިއްޙީ ދާއިރާއަށް ވަރަށް ބޮޑު ފޯކަސްއެއް ރައީސް ދެއްވާ. އެއީ ރާއްޖޭގެ ކޮންމެ ރައްޔިތަކާވެސް ގުޅިފާ އޮވޭ ސިއްޙީ ދާއިރާ." ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖެ އޮތްގޮތުން ރަށްރަށުގައި ޑޮކްޓަރެއް ނެތް ހާލަތްތަކުގައިވެސް ސިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަކީ މުހިއްމުކަމެއްކަމަށެވެ. އެގޮތުން ރާއްޖޭގައި ޑޮކަޓަރަށް ދެއްކުމަށް އެކި ފަހަރުމަތިން ޓެލެމެޑިސިންގެ ނިޒާމް ތަޢާރާފްކޮށްފައި އޮތްނަމަވެސް އެކަންކަން ކާމިޔާބު ވެފައި ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކަންކަން ކާމިޔާބު ވެފައި ނެތީ އެކަށީގެންވާ ތަމްރީންތައް ދެވިފައި ނުވުމާއި އޭރު ރާއްޖޭގެ ރަށްރަށުގައި އެކަށީގެންވާ ވަރަށް ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ނެތުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ މި ޚިދުމަތް އަލުން ފެށުމަށްޓަކައި މަސައްކަތްތައް ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެ ޚިދުމަތް އަލުން ފެށުމަށްޓަކައި ދިރާސާތަކެއް ހެދުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއަށް ޑެޑިކޭޓެޑް ޚާއްސަ ލައިނެއް ބޭނުން އެބަވޭ. ރާއްޖޭގައި މިހާރު ގަތްގަޑަކަށް ހުރިހާ ރަށަކީ 5ޖީގެ ޚިދުމަތް ލިބޭ ރަށްރަށް. ނޫނިއްޔާ ފައިބަރ ކޭބަލް އެޅިފައިހުރި ރަށްރަށް." ސިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

ޓެލެމެޑިސިންގެ ޚިދްމަތް ތައާރަފް ކުރުމުގެ ބޭނުމަކީ ރާއްޖޭއިން ނުވަތަ ރާއްޖޭގެ އެއް ސަރަހައްދަކުން ލިބެން ނެތް ސިއްޙީ ޚިދުމަތެއް އެ ސިއްޙީ ޚިދުމަތްދޭ މަރުކަޒަކަށް ނުގޮސް ހޯދުމެވެ. ޓެލެމެޑިސިންގެ ސަބަބުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ގިނަ ބަޔަކަށް އެތަކެއް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ބަލިމީހުންނަށް ގައުމުން ބޭރަށް ނުގޮސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލް މެދުވެރިކޮށް ސްޕެޝަލިސްޓުންނަށް ކުޑައަގެއްގައި ދެއްކޭނެ ފުރުސަތު ފަހިވެގެންދާނެއެވެ.