ޚަބަރު

ޓޮޓްނަމް އަތުން ޔުނައިޓެޑް ބަލިވިއިރު، ފެނާންޑޭސްއަށް ރަތެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޓޮޓްނަމް ހޮޓްސްޕާ އަތުން 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިވިއިރު، އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސްއަށް ސީދާ ރަތް ކާޑެއް ދައްކައިފިއެވެ.

މިއީ ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ތިންވަނަ ފަހަރެވެ. އޭގެތެރެއިން އެއްމެޗުން މޮޅުވިއިރު، އަނެއް މެޗުން ވީ އެއްވަރެވެ. އެ ޓީމު ބަލިވީ ލިވަޕޫލާއި، ބްރައިޓަންގެ އިތުރުން ޓޮޓްނަމް އަތުންނެވެ. އަނެއްކޮޅުން، މިއީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ޓޮޓްނަމް ޖެހިޖެހިގެން މޮޅުވި ހަތަރުވަނަ މެޗެވެ.

އޯލްޑް ޓްރެފޯޑްގައި މިރޭ ކުޅުނު މެޗު ފެށިތާ ތިންވަނަ މިނެޓުގައި ޓޮޓްނަމުން ލީޑްނެގީ ބްރެނާން ޖޯންސަން ވައްދާލި ލަނޑުންނެވެ. މިއީ އެ ޓީމުގެ ޑިފެންޑަރު، މިކީ ވެން ޑެ ވެން އަމިއްލަ ހާފުގެ ތެރެއިން ހިފައިގެން އައިސް ޔުނައިޓެޑްގެ އޭރިޔާތެރެއަށް ވަދެ ހުރަސްކޮއްލި ބޯޅައެއް ލިބުމުން ޖޯންސަން ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، ޖޯންސަން އަށް އެ ޓީމުގެ ލީޑް ފުޅާކޮށްދޭން ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އަލެހަންދްރޯ ގަނާޗޯ ވޮލީއަކުން ފޮނުވާލި ބޯޅަ ވެސް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

މި ހާފުގައި ޔުނައިޓެޑުން އެއްވަރުކުރުމަށް ކުރި މަސައްކަތްތަކަށް ހުއްޓުމެއް އައިސް، އެ ޓީމުގެ އުއްމީދުތައް ފުނޑުފުނޑުވީ 42 ވަނަ މިނެޓުގައި ކެޕްޓަން، ފެނާންޑޭސް އަށް ސީދާ ރަތެއް ދެއްކުމުންނެވެ. ފެނާންޑޭސް އަށް ރަތް ކާޑު ދެއްކީ ޓޮޓްނަމްގެ މިޑްފީލްޑަރު، ޖޭމްސް މެޑިސަން އަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެންނެވެ. މިއާއެކު، ޔުނައިޓެޑުން ފުރަތަމަ ހާފު ނިންމާލީ އެއްކުޅުންތެރިއަކު މަދުކޮށް، 1-0 އިން ފަހަތުގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ޓޮޓްނަމްގެ ދެވަނަ ލަނޑުޖަހައިދިނީ ސްވިޑެންގެ ވިންގް، ޑޭޔާން ކުލުސެވްސްކީ އެވެ. އޭނާ މި ލަނޑުޖެހީ ޖޯންސަން ނަގައިދިން ހުރަހެއްގެ އެހީގައެވެ. އަދި އޭގެފަހުން، މެޗުގެ 77 ވަނަ މިނެޓުގައި ޓޮޓްނަމްގެ ތިންވަނަ ލަނޑުޖަހައިދިނީ ޑޮމިނިކް ސޮލާންކޭ އެވެ. މި ގޯލަށްފަހު ކުޅިބަލަން ތިބި ޔުނައިޓެޑްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ސްޓޭޑިއަމް ދޫކޮށް ގޮސްފައެވެ.

މި މެޗުން ނިކުތް ނަތީޖާއާ ގުޅިގެން ޔުނައިޓެޑްގެ ކޯޗު، އެރިކް ޓެން ހާގްގެ މަގާމު ނުރައްކަލުގައި އޮތްއިރު، ޓޮޓްނަމްގެ ކެޕްޓަން، ސޮން ހެއުން-މިން ނުލައި ކުޅުނު މި މެޗުގައި އެ ޓީމުގެ ލީޑް ފުޅާކޮށްދޭން ޖަރުމަނުގެ ފޯވާޑް، ޓިމޯ ވާނާ އަށް ލިބުނު ދެ ފުރުޞަތެއްގެ އިތުރުން ސޮލާންކޭ ފޮނުވާލި ހަމަލާއެއް ވެސް ޔުނައިޓެޑްގެ ކީޕަރު، އަންދްރޭ އޮނާނާ ވަނީ ހުއްޓުވައިފައެވެ.

މި މެޗުން ހޯދީ މޮޅާއެކު ޓޮޓްނަމް ވަނީ ހަ މެޗުން 10 ޕޮއިންޓް ހަމަކޮށް، ތާވަލްގެ 8 ވަނައަށް ޖެހިލައިފައެވެ. ލީގުގެ އެއްވަނައިގައި އުޅޭ ލިވަޕޫލާ އެ ޓީމާ ދެމެދު ފަސް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މި މެޗުން ބަލިވި ޔުނައިޓެޑް ވަނީ ތާވަލްގެ 12 ވަނަ އަށް ވެއްޓިފައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

ލީގުގައި ޔުނައިޓެޑަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު ރަށުން ބޭރުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ހަމަ އެ ދުވަހު ޓޮޓްނަމް ނިކުންނާނީ ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށެވެ.