ޚަބަރު

ޗައިނާ އޯޕަން: އަލްކަރޭޒް ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި


ބެއިޖިންގައި މިހާރު ކުރިއަށްދާ ޗައިނާ އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ސްޕެއިންގެ ކާލޯސް އަލްކަރޭޒް ހޯދައިފިއެވެ.

މި މުބާރާތުގައި ދެވަނައަށް ސީޑްކޮށްފައިވާ އަލްކަރޭޒް ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޓެލޮން ގްރެއިކްސްޕޯރް އާއި ދެކޮޅަށް ކުޅުނު މެޗު ވަރަށް ފަސޭހަކަމާއެކު ހައެއް އެކެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މެޗުން ކާމިޔާބުކޮށްގެންނެވެ.

މި މެޗުން މޮޅުވުމާއެކު މިއީ ހަތަރު ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ އަލްކަރޭޒް މޮޅުވި 200 ވަނަ މެޗެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި އަލްކަރޭޒް އާއި ދެކޮޅަށް ނިކުންނާނީ ރަޝިޔާގެ ކަރެން ޚަޗަނޯވް އެވެ. އޭނާ މި މުބާރާތުގެ ކުއާޓަރ ފައިނަލުން ފުރުސަތު ހޯދާފައިވަނީ ފްރެންސިސްކޯ ކެރުންޑޯލޯ ހަތެއް ހައެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.

މި މިމުބާރާތުގެ އަންހެން އިވެންޓުގައި އެމެރިކާގެ ކޯކޯ ގައުފް އާއި ޖެސިކާ ޕެގޫލާ ކުޅުނު މެޗުތައް ވަނީ ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގަ ހޯދާފަ އެވެ.

ގައުފް ވަނީ ކެޓީ ބޯލްޓަރ އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްފަ އެވެ. އަދި އަދި ޖެސިކާ ޕެގޫލާ ވަނީ ރަޝިޔާގެ ވެރޯނިކާ އާއި ދެކޮޅަށް ކުޅުނު މެޗު ދެ ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްފަ އެވެ.