ޚަބަރު

އެތުލެޓިކޯއިން ރެއާލް މެޑްރިޑް ހިފަހައްޓައިފި


ސްޕެނިޝް ލީގުގައި ރޭ މެޑްރިޑުގެ ވާދަވެރި ދެ ކުލަބު ކަމަށް ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ނުރައްކާތެރި ގިނަ ހަމަލަތަކެއްވެސް ވަނީ އުފައްދާފަ އެވެ.

މި މެޗުގައި އެންމެ ފާހަގަ ކޮށްލެވުނީ ދެވަނަ ހާފްގައި ރެފްރީ މެޗުގެ ކުޅުން ހުއްޓާލުމުންނެވެ. އޭރު ރެއާލް މެޑްރިޑްގެ ކީޕަރު ޓިބާ ކޯޓުއާ ވަނީ ގޯލުގެ ފަހަތުގައި ތިބި އެތްލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުން ދަނޑުމައްޗަށް އެއްޗިހި އުކަމުންދާތީ އެކަމުގެ ޝަކުވާވެސް ކޮށްފަ އެވެ. އަދި ސަޕޯޓަރުން ކުޅިވަރުގެ ރޫހާއި އެއްގޮތަށް ސަޕޯޓް ކުރުމަށް އެދި ދަނޑުގައި އިއުލާން ކުރުމަށްފަހު އެކަމަށް އެއްވެސް ހައްލެއް ނުލިބުމުން ރެފްރީ ވަނީ ދެ ޓީމުގެ ކޯޗުންނާއި ވާހަކަ ދެއްކުމަށްފަހު ކުޅުންތެރިން ދަނޑުން ބާލުވާފައެވެ.

އަލުން ކުޅުން ފެށުމުގެ ކުރިން ސަޕޯޓަރުން ހަމައަކަށް އެޅުވުމަށްޓަކައި އެތްލެޓިކޯ މެޑްރިޑްގެ ކުޅުންތެރިންގެ އިތުރުން ކޯޗް ޑިއެގޯ ސިމިއޯނީ ވަނީ ސަޕޯޓަރުންނާ ވާހަކަ ދައްކާފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ފޯރިގަދަ ކުޅުމެއްވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން މެޗުގެ 18 ވަނަ މިނިޓުގައި ރެއާލްގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އަލްވަރޭޒް އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ކީޕަރު ކޯޓުއާ ވަނީ ދިފާއުކޮށްފަ އެވެ.

އަދި އޭގެ ފަހުން ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑްއިން ފޮނުވާލި ގިނަ ހަމަލަތަކެއް އެތްލެޓިކޯ މެޑްރިޑްގެ ކީޕަރު ޖޯން އޮބްލަކް ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ 64 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ އެޑާ މިލިޓާއޯ އެވެ.

އެތްލެޓިކޯ މެޑްރިޑް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައި އެންޖަލް ކޮރެއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ކޮރެއާ ފުރަތަމަ ލަނޑު ޖެހުމުން އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާ, ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ ރަގަޅު ގޯލެއް ކަމަށް ނިންމާފަ އެވެ.

މި ލަނޑު ޖެހިތާ ގިނައިރުތަކެއް ނުވެ ރެފްރީ ވަނީ އެތްލެޓިކޯ މެޑްރިޑްގެ މާކޯސް ލޮރެންޓޭ އަށް ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

މި ނަތީޖާ އާއިއެކު ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުން ރެއާލް މެޑްރިޑަށް 18 ޕޮއިންޓާއެކު ދެވަނަ މަގާމް ލިބިފައިވާއިރު އެތްލެޓިކޯ މެޑްރިޑަށް އަށް މެޗުން ލިބިފައިވަނީ 16 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް އަށް މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ.